ދުނިޔެއަކީ މުޞީބާތްތަކާއި އާފާތްތަކުގެ ގޮވައްޗެވެ. ދުނިޔޭގެ މި ޙަޔާތުގައި ބުރައުފުލަން ޖެހުމާއި، ހިތްނުރުހޭ އެތައް ކަމަކާ ކުރިމަތި ވެއެވެ. ދުނިޔޭގެ ކަންހިނގާ މަގަކީ އެއީއެވެ. ދުނިޔޭގައި އުޅޭ ކޮންމެ އިންސާނަކަށްވެސް ދަތި ޙާލަތާއި ތަނަވަސް ކަމުގެ ދުވަސްތައް ކުރިމަތިވެއެވެ. ބަލިމަޑުކަމުގެ ދުވަސްތަކާއި ޢާފިޔަތުގެ ދުވަސްތަކާވެސް ބައްދަލުވެއެވެ. އުފާވެރިކަމާއި ހިތާމަތަށްވެސް ކުރިމަތިވެއެވެ. މިހުރިހާ ކަމެއްވެސް ލައްވާފައިވަނީ މީސްތަކުންނަށް ހުރި އިމްތިހާނެއްގެ ގޮތުގައެވެ.
މި ދުނިޔޭގައިވާ ތަކެތީގެ ޙަޤީޤަތް ބަޔާން ކުރައްވައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. އެއީ އެއުރެންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ.” (ކަހްފު 7)
ދިރުމާއި މަރުވުން ލައްވާފައިވަނީވެސް، ދުނިޔަވީ ޙަޔާތުގައި ހެޔޮ ޢަމަލުކުރާ އަޅުތަކުން ވަކިކުރައްވައި މީސްތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އެއިލާހު ވަޙީ ކުރައވާފައިވެއެވެ. ﴿ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ * الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ ﴾ (الملك: 1، 2) މާނައީ: “އެކަލާނގެ އަތްޕުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. * އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”
ބަލިމަޑުކަމާއި ވަބާތައް ލައްވާފައިވަނީވެސް މީސްތަކުންނަށް ހުރި އިމްތިޙާނެއް ކަމުގައެވެ. މިހާރު ފެތުރެމުންމިދާ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅެންޖެހިފައިވާ މީހަކަށް، އޭނާގެ އެބަލި މަޑުކަމުން އެތައް ފިލާވަޅުތަކެއް ލިބޭނޭކަން ކަށަވަރެވެ. އެއްކަމަކަށް ވިސްނާލާއިރު، މި ރޯގާގެ ސަބަބުން ޢާއިލީ ގުޅުން އޮތް މިންވަރު ހާމަވެގެން ދާނެއެވެ. އާއިލާގެ ފަރުދުންގެ މެދުގައި އޮތް ލޯތްބާއި އަޅާލުން ކަށަވަރުކޮށްލެވޭނެއެވެ. ތިމާއަށް ހެޔޮ އެދޭ އެކުވެރިންނާއި، އެނޫން މީހުން ދެނެގަނެ ވަކިކުރަން އެނގޭނެއެވެ.
މިފަދަ ބަލިމަޑުކަމެއްގެ ފަހަތުގައި މާތް ﷲ ވަނީ މީސްތަކުންނަށް އެތައް ފައިދާކެއް ލައްވާފައެވެ. ފުރަބަނދުންގައި ނުވަތަ “އައިސޮލޭޝަންގައި” އެކަހެރިވެފައި ހުންނަން ޖެހޭ ވަގުތުތަކުގެ ފައިދާތައް ގިނަގުނައެވެ. އެ ހުސްވަގުތުގެ ބޭނުން ހިފަން އެނގިއްޖެ މީހަކަށް، ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއިން އެފަދަ ވަގުތެއް މަދުން ނޫނީ ނުލިބޭނޭކަން އެނގޭނެއެވެ. އަނބިދަރީންނާއެކުގައި ވަގުތު ހޭދަކޮށްލަން ނުލިބި ވަޒީފާގައި ހޭބޯނާރާ އުޅުނު މީހާއަށް، އޭނާގެ ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާއާއި ދަރީންނާއެކުގައި ލިބިގެންދާ ވަގުތުތަކަކީ ނުހަނު އަގުބޮޑު ވަގުތުތަކެއްކަން ކަށަވަރެވެ.
ނަމަވެސް ހިތާމައަކީ މާތް ﷲ ދެއްވާ ނިޢްމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ބަޔަކު މަދުކަމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އެކަންވެސް ބަޔާން ކޮށްދެއްވައިފައިވެސް މެއެވެ. އެކަލޭގެފާނުގެ ޙަދީޘެއްގައި ވެއެވެ. “نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالفَرَاغُ ” رواه البخاري މާނައީ: “މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް އެ ދެ ނިޢުމަތެއްގެ ކަންފަސޭހަކޮށްލައި ފަރުވާކުޑަކޮށްލާ ދެ ނިޢުމަތެއް ވެއެވެ. އެއީ ދުޅަހެޔޮ ޞިއްޙަތާއި ހުސްވަގުވެ.” ދުޅަހެޔޮ ސިއްޙަތުގެ މުހިންމުކަން އެނގޭނީ އެނދުމަތިކުރެވި ބަލިޙާލުގައިވާ މީހާއަށެވެ. ހުސްވަގުތުގެ މުހިންމުކަން އިޙުސާސް ކުރެވޭނީ އަވަދިނެތި އުޅެންޖެހިފައިވާ މީހާއަށެވެ.
ބަލިތަކާއި ވަބާތަކަކީ ނަފްސުތައް ތާހިރުކޮށްދީ ސާފުކޮށްދޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ ﴾ (الشورى: 30) މާނައީ: “ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫކުރައްވަތެވެ.”
މުޞީބާތެއް ޖެހިއްޖެނަމަ އެކަން ކުރިމަތިވީ ކީއްވެގެންތޯ، ނުވަތަ ތިމާއަށް އެފަދަ ގޮތެއް މެދުވެރިކުރައްވަންވީ ކީއްވެގެންތޯ ސުވާލު ނުކުރާށެވެ. އެހެނީ އެފަދަ ކޮންމެ ކަމެއްވެސް ކުރިމަތިވަނީ މާތް ﷲ ގެ މަތިވެރި ޙިކުމަތުންނެވެ. އަދި ކޮންމެ މުޞީބާތަކީ ފާފަ ފުއްސެވުން ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެ މީހަކަށް ވަރުބަލިކަމެއް، ތަދެއް، ހިތާމައެއް، އުނދަގުލެއް، އަދި ހިތްދަތިކަމެއް ކުރިމަތިވެ، އެކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކަށްޓެއް ހެރުމުން (އެ ކަމަށް ކެތްތެރިވިނަމަ) އޭގެ ސަބަބުން، މާތް ﷲ، އެ މީހެއްގެ ކުށްފާފަތައް ނުފުއްސަވާނޭ މުސްލިމަކު ނުވެއެވެ.” ރިވާކުރެއްވީ އަލްބުޚާރީއާއި މުސްލިމެވެ.
ހުން ރޯގާއެއް ޖެހުމުން އެކަމާ ނުރުހުންވެ، އެކަމަށް ފުރައްސާރައިގެ ބަސްތައް ބުނެ ހެދުން، ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ނަހީ ކުރައްވާފައެވެ. “ތިޔަބައިމީހުން ހުންރޯގާއަށް ފުރައްސާރަ ނުކުރާށެވެ. އެހެނީ (އެ ހުމަކީ) ފާފަތައް ފުއްސަވައިދެއްވާ ކައްފާރާއެކެވެ.”
عن جَابِرُ بْنُ عَبْدِ اللهِ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيِّبِ فَقَالَ: «مَا لَكِ؟ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيِّبِ تُزَفْزِفِينَ؟» قَالَتْ: الْحُمَّى، لَا بَارَكَ اللهُ فِيهَا، فَقَالَ: «لَا تَسُبِّي الْحُمَّى، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ، كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ» رواه مسلم މާނައީ: ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އުއްމުއްސާއިބު ނުވަތަ އުއްމުލް މުސައްޔިބޭ ކިޔުނު ބޭކަނބަލެއްގެ އަރިހަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “އޭ އުއްމުއްސާއިބެވެ. ކަމަނާ ތިޔަހާ ބޮޑަށް ތުރުތުރު އަޅަނީ ކީއްވެތޯއެވެ؟” އެކަމަނާ ދެންނެވިއެވެ. “ހުންއައީއެވެ. އޭގައި ﷲ ބަރަކާތް ނުއްލަވާށިއެވެ!” އެހިނދު ޙަދީޘް ކުރެއްވިއެވެ. “ކަމަނާ ހުމަށް ބަދުބަސް ވިދާޅުނުވާށެވެ! ފަހެ، ހަމަކަށަވަރުން، ހުމަކީ، އާދަމުގެ ދަރީންގެ ފާފަތައް ފިލުވައިދޭ ކަމެކެވެ. އެއީ، ގިނރުބާއިން ދަގަނޑުގެ ދަގުއި ފިލުވާ ފަދައިންނެވެ.”
މި ޙަދީޘުން އެނގޭ ގޮތުގައި ހުންރޯގާއަކީ ފާފަތަކުގެ ކައްފާރާއެކެވެ. އެފަދަ ކޮންމެ މުޞީބާތަކަށް ކެތްތެރިވުމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވާ ކަމެކެވެ. މުއުމިނު އަޅަކަށް އޭނާގެ ނަފްސުގައި ނުވަތަ އޭނާގެ އަބނިދަރީންނަށް ނުވަތަ މުދަލުގައި ކުރިމަތިވާ ބަލާއާފާތްތަކުގެ ސަބަބުން އޭނާގެ ކުށްފާފަތައް ފުއްސަވައި ދެއްވައެވެ. އަދި މާތް ﷲ އާ ބައްދަލުވާހިނދު، އޭނާގެ ކިބައިގައި އެއްވެސް ފާފައެއް ނުވާފަދައިން ލައްވާކަމުގައިވެސް ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ކުރެވޭ ފާފަތަކުގެ ބަދަލުގައި ދުނިޔެ މަތީގައި އެފާފަތައް ފުއްސެވުމުގެ ސަބަބުތައް ލައްވާފައިވުމީ އެއިލާހުގެ އޯގާވަންތަކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
މުސީބާތްތަކާއި ރޯގާތަކާއި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ ހަނދާންކުރާށެވެ. “ދުނިޔެއަކީ މުއުމިނުންގެ ޖަލެވެ. އަދި ކާފިރުންގެ ސުވަރުގެއެވެ.” (މިޙަދީޘް ރިވާކުރެއްވީ އިމާމް މުސްލިމެވެ.) އެބަހީ: ތިމާ ހިތުހުރިހާ ގޮތަކަށް އުޅުމަކަށް މާތްވެގެންވާ އިސްލާމް ދީނެއް ހުއްދައެއް ނުކުރެއެވެ. ނަފްސު ހިފަހައްޓުވައި މާތް ﷲ ނަހީކުރެއްވި މަގުން އެނަފްސު އެއްކިބާކޮށްގެން މެނުވީ އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލު ނުވާނެތެވެ. ދުނިޔޭގައި މުއުމިނުތަކުންގެ ހިތްނޭދޭ އެތައް ކަމެއް ވަނީ ލައްވާފައެވެ. ބައެއް ޙަދީޘްތަކުގެ މާނައިގައިވެއެވެ. ސުވަރުގެ ވަނީ ހިތް ނުރުހޭ ކަންކަމުން ވަށާލެވިފައެވެ. އަދި ނަރަކަވަނީ ހިތްއެދޭ ޝަހުވަތްތަކުން ވަށާލެވިފައެވެ.
ދަންނާށެވެ! ބަލާއާފާތްތަކާއި މުޞީބާތްތަކަކީ މާތް ﷲ ގެ ޙަޟުރަތަށް އަޅުތަކުން އެނބުރި ދިޔުމަށް ލައްވާފައިވާ މަގެކެވެ. އަދި އިންސާނާގެ އާރާބާރަކީ ވަރަށް މަޙުދޫދު (ލިމިޓަޑް) އެއްޗެއްކަމާއި އޭނާގެ ނުކުޅަދުންތެރިކަން ހަނދާކޮށްދޭ ކަމެކެވެ. ނިކަން ވިސްނާލައްވާށެވެ! މިފަދަ ތަރައްޤީއާއި ޓެކްނޮލޮޖީގެ ޒަމާނުގައި ކުޑަކުޑަ ވައިރަސްއެއްގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހިފެހެއްޓި ބަންދުވެފައެވެ. އަދި އެ ބައްޔާ ކުރިމަތިލާނޭ ކުޅަދާނަކަން، ދުނިޔޭގެ ތަރްޤީވެފައިވާ ބޮޑެތި ޤައުމުތަކަށްވެސް ނެތިފައިވާކަން މިއަދު އެވަނީ ހާމަކޮށްދީފައެވެ.
މިފަދަ ކޮންމެ ދަނޑިވަޅަކީ މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެ، ބިރުވެތިކަމާއި މަޑުމޮޅިކަމާއެކު ދުޢާދަންނަވަންވީ ވަގުތުތަކެވެ. ކިޔަމަންތެރިކަމާއި ހިތްތިރިކަމާއި ތިމާގެ ނިކަމެތިކަން އިހުސާސްވާ ހާލު އެއިލާހުއަށް އިޚުލާޞްތެރިކަމާއެކު ދުޢާ ދަންނަވައި، އެންމެހައި ކަމެއްގައި އެއިލާހުއަށް ފުރިހަމައަށް ބަރޯސާވާންވީ ވަގުތެވެ. އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. “ލިބޭ ނިޢުމަތެއްގެ ސަބަބުން މާތް ﷲ ހަނދުމަކުރުމުން ތިބާ އެއްކިބާ ކުރުވާ ނިޢުމަތަކަށްވުރެ، ކުރިމަތިވާ މުޞީބާތެއްގެ ސަބަބުން މާތް ﷲ ގެ ޙަޟުރަތަށް ތިބާ ރުޖޫޢަކުރުވާ މުޞީބާތެއް މާ ހެޔޮވެގެންވެއެވެ.”
ވީމާ، މިފަދަ ކޮންމެ ދަނޑިވަޅެއްގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ. އަދި މިފަދަ ކޮންމެ މުޞީބާތެއްގެ ވަގުތުގައި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެ، އަޅުކަން ކުރުން އިތުރުކޮށް އެއިލާހުއަށް ދުޢާކުރުން ގިނަކުރާށެވެ.
Copyright 2021 © Sheikh Hassan Moosa Fikree