ކީރިތި ޤުރްއާންގައި ﴿ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ ﴾ “ފަސާދަކުރާ މީހުންދެ ﷲ ލޯބިވެވޮޑިގެން ނުވެތެވެ.” މިފަދައިން ދެ އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. މި ދެއާޔަތާ މެދު ވިސްނައިލުމުން ފިލާވަޅުތަކެއް ލިބެއެވެ.
މި ދެންނެވި ދެ އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތަކީ ޔަހޫދީންގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތެކެވެ. ދެވަނަ އާޔަތުގައި އިޝާރާތްކުރައްވަނީ ބަނީ އިސްރާއީލް މީހުންގެ ތެރެއިން މުއްސަނދި މަހުޖަނެއް ކަމުގައިވާ ޤާރޫނަށެވެ. މި ދެއާޔަތްވެސް ނިންމާލައްވަމުން، ބިމުގައި ފަސާދަކޮށް އުޅޭ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑި ނުގަންނަވާ ކަމުގައި ވަނީ އަންގަވާފައެވެ.
އިސްވެބަޔާންކުރެވުނު ފަދައިން މިއާޔަތުގައިވަނީ ޔަހޫދީންގެ ވާހަކަތަކެވެ. އަދި ޔަހޫދީންގެ ބައެއް ސިފަތަކެވެ. އެ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ބިމުގައި ފަސާދަކުރުން ކަން މިއާޔަތުން އެނގިގެންދެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَى يَوْمِ الْقِيَامَةِ كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا وَاللَّهُ لَا يُحِبُّ الْمُفْسِدِينَ ﴾ [المائدة: 64]
މާނައީ: “ޔަހޫދީން ބުންޏެވެ. اللَّهގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެންބުނީ اللَّهއަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) އެއުރެންގެ އަތްތައް ބަންދުވާށިއެވެ! އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް ލަޢްނަތް ލެއްވިއެވެ. އަދި ކިއެއްތަ! އެކަލާނގެ އަތްފުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން ހޭދަކުރައްވަތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، ކާފިރުކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި ޤިޔާމަތަށް ދާނދެން ޢަދާވަތް ތެރިކަމާއި، ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، اللَّه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި ފަސާދަ ކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، ފަސާދަ ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”
މާތް ﷲ ގެ މައްޗަށް ދޮގު ބަސްތައް ރައްދުކުރުން: ޔަހޫދީންގެ ސިފަތަކުގެ ތެރެއިން މިއާޔަތުގައި ބަޔާންވެގެންވާ އެއްކަމަކީ މާތް ﷲ އާމެދު ހިތުހުރި އެއްޗެއް ކިޔަން އެމީހުން ޖެހިލުންނުވުމެވެ. އެމީހުން ބުނެފައިވާ އެފަދަ ބަސްތަކުގެ ތެރޭގައި، “މާތް ﷲ ގެ އަތްޕުޅުވަނީ ބަންދު ކުރެވިފައި” އޭ ބުނުން ހިމެނެއެވެ. މިއީ ވަރަށް ނުބައިވެގެންވާ ބަހެކެވެ. ޚާލިޤުވަންތަ އިލާހުގެ މައްޗަށް މިފަދަ ބަހެއް ބުނަން ކެރުނު ބަޔަކަށް، އެއިލާހު ހެއްދެވި މަޚްލޫޤުންގަކަށް ކޮންމެފަދަ އެއްޗެއްވެސް ކިޔާކަށް ޖެހިލުންނުވާނޭ ކަން ކަށަވަރެވެ. އިންސާނުންކުރެ އެންމެ މާތް ބޭކަލުންކަމުގައިވާ ރަސޫލުންނާއި ނަބީބޭކަލުންނާ މެދުވެސް އެމީހުންގެ ޢަމަލުތައް ހުރީ އެފަދައިންނެވެ. އެބައިމީހުންގެ ތެރެއަށް މާތް ﷲ ފޮނުއްވެވި ނަބީބޭކަލުންނާ ދެކޮޅުވެރިވެ، އެއިން ބައެއް ބޭކަލުން ޤަތުލުކޮށްވެސް ހަދާފައިވެއެވެ.
ޔަހޫދީންނަކީ ދަހިވެތި ބައެއް: އެބައިމީހުން މާތް ﷲ އަށް ދަހިވެތިކަން ރައްދުކޮށްފައިވަނީ އެމީހުންގެ ކިބައިގައި ހުރި އެ ސިފައިގެ ސަބަބުންނެވެ. ކޮންމެ ކަންވާރަކުންވެސް ތިކި ޖަހާނީ އެކަންވާރެއްގައި ހުރި އެއްޗަކުންނެވެ. ދަހިވެތިކަމަކީ ހިތުގެ އާފާތްތަކުގެ ތެރެއިން ހިމެނޭ ނުރައްކާތެރި ބަލިމަޑުކަމެކެވެ. އެބައެއްގެ ހިތުގައި ބަލިމަޑުކަމެއް ހުރި ބަޔަކު އެންހެން މީހުންނަށްވެސް އެފަދަ ޙާލަތެއް ޖެހުމަށް އެދެއެވެ. ދަހިވެތިކަމަކީ ހެޔޮކަމަށް ހުރަސްއަޅާ ކަމެކެވެ. މީގެ އިތުރުން، ޝައިޠާނާ އެމީހުންގެ ޢަމަލުތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނުމުގެ ނަތީޖާއަކީ، އެމީހުން، ﷲ އާއި އެއިލާހުގެ ރަސޫލުންނާ ހަނގުރާމަކޮށް ދެކޮޅުވެރިވުމެވެ.
ޔަހޫދީންނަށްވަނީ ލަޢްނަތް ލައްވާފައި: އެބައިމީހުންގެ ނުބައިކަމުގެ ސަބަބުން މާތް ﷲ އެބައިމީހުންނަށްވަނީ ލަޢުނަތް ލައްވާފައެވެ. އެބަހީ މާތް ﷲ ގެ ރަޙުމަތުން ބޭރުކުރައްވާފައެވެ. މާތް ﷲ ގެ ރަޙުމަތުން ބޭރުކުރައްވައިފި ބަޔަކީ ޝައިޠާނާގެ އަޢުވާނުންނެވެ. އަދި އެބައެއްގެ ހަވާނަފްސަށް ލެނބިފައިވާ، ނަފްސުގެ ނުބައިކަން ބޮޑު ބައެއް ކަމުގައި ނޫނީ ނުވެއެވެ.
ޔަހޫދީންނަކީ ބިންމަތީގައި ފަސާދަ އުފައްދާ، ފަސާދަ ކުރާ ބައެކެވެ. ޔަހޫދީންގެ ނުކިޔަމަންތެރިކަމާއި، އުރެދުންތެރިކަމުގެ ޢުޤޫބާތެއްގެ ގޮތުން އެބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން މާތް ﷲ ވަނީ ލައްވާފައެވެ.
މިއާޔަތުގައި އަންގަވާފައިވަނީ، އިންސާނުންގެ ތެރެއިން އެންމެ މުއްސަނދިކަންދެވި އިންސާނާގެ ވާހަކައެވެ. ޤާރޫނުގެ ނުބައިކަމުގެ ވާހަކައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ قَارُونَ كَانَ مِنْ قَوْمِ مُوسَى فَبَغَى عَلَيْهِمْ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ * وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ ﴾ (القصص: 76، 77) މާނައީ: “ހަމަކަށަވަރުން، ޤާރޫނަކީ މޫސާގެފާނުގެ ޤައުމުގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެމީހުން އޭނާއަށް ބުނިހިނދެވެ. (ކިބުރުވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. * އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚީރަތުގެ ދިންނެވުމާއި، ރަޙުމަތާއި ސަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް އިޙްސާން ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّهގެ އަޅުތަކުންނަށް) އިޙްސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”
އުރެދުންތެރިންގެ މުދަލަކީ ފަސާދައަށް ހުޅުވޭ ބޮޑު ދޮރޯއްޓެއް: މާތް ﷲ އަށް އީމާންވި މީހާގެ މިލްކުގައިވާ މުދަލަކީ އޭނާގެ ހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ހަމައެފަދައިން އުރެދުނު މީހާގެ އަތުގައިވާ މުދަލަކީ އޭނާގެ ފިތުނަ ފަސާދަ އިތުރު ކުރުވާކަމެކެވެ. ޤާރޫނު ހަލާކުވެގެން ދިޔުމުގެ ސަބަބަކަށްވީވެސް އޭނާގެ ތަނަވަސްކަމާއި މުދާވެރިކަމެވެ. އޭނާގެ ނުބައިކަން ބޮޑުވެގެންގޮސް މޫސާގެފާނާގެ މައްޗަށް އޮތް ޢަދާވަތްތެރިކަމުގައި އޭނާ ހައްދު ފަހަނައަޅައި ދިޔައެވެ. އެހިނދު، ބިންގަނޑު ގަންބަވައިގަނެގެން ނިމިގެން ދިޔުން، މާތް ﷲ އޭނާގެ މައްޗަށް ލެއްވިއެވެ.
ޤާރޫނުގެ ނިމުން އައި ގޮތާމެދު، އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “މޫސާ ޢަލައިހިއްސަލާމް ބަނީ އިސްރާއީލު މީހުންނަށް ވިދާޅުވަމުން ދިޔައެވެ. “މާތް ﷲ ތިޔަބައިމީހުންގެ މައްޗަށް އެވެނި މިވެނިކަމަކަށް އަމުރު ކުރެއްވިއެވެ.” ދެން ބަނީ އިސްރާއީލު މީހުންނަށް ތަނަވަސްކަމާއި މުދާވެރިކަން ލިބެން ފެށުމުން، މޫސާގެފާނުގެ ބަސްތަކަށް ޤާރޫނަށް ކެތް ނުކުރެވުނެވެ. އޭނާ ބަނީ އިސްރާއީލް މީހުންގެ ކައިރީގައި ބުންޏެވެ. “މޫސާގެފާނު އެވިދާޅުވަނީ ޒިނޭކުރާ މީހުން ރަޖަމު ކޮށްގެން ޤަތުލު ކުރުމަށް ނޫންހެއްޔެވެ! ވީއިރު އަހަރުމެން ކަސްބީ އަންހެނަކަށް ފައިސާދީގެ، މޫސާގެފާނު އެފަދަ ކަމެއް ކުރިމަކަށް ބުނުވަމާ ހިނގާށެވެ. އޭރުން މޫސާގެފާނު ޒިނޭކުރީކަމަށް ބުނެ އެކަލޭގެފާނު ރަޖަމްކުރީމާ، އަހަރެމެންނަށް އެކަލޭގެފާނުގެ ކިބައިން ސަލާމަތް ވެވުނީ ނޫން ހެއްޔެވެ!” ދެން އެމީހުން އެފަދައިން ޢަމަލު ކުރިއެވެ.
ދެން މޫސާގެފާނުގެ އަރިހުގައި އެމީހުން ދެންނެވިއެވެ. “ޒިނޭ ކުރާމީހާއަށް އޮތީ ރަޖަމުކޮށް ޤަތުލު ކުރުން ތޯއެވެ؟” އެކަލޭގެފާނު އާއެކޭ ވިދާޅުވުމުން ދެންނެވިއެވެ. “އެއީ ކަލޭގެފާނު ވިޔަސް އޮތް ޙުކުމް ހެއްޔެވެ؟” އެހިނދު ވިދާޅުވިއެވެ. “އެއީ ތިމަންކަލޭގެފާނު ކަމުގައިވިޔަސް އޮތް ޙުކުމެވެ.” އެހިނދު އެމީހުން ބުންޏެވެ. ކަލޭގެފާނުވަނީ ޒިނޭކޮށްފައެވެ. ދެން މޫސާގެފާނުގެ މައްޗަށް ހެކި ދިނުމަށް އެ ކަސްބީ އަންހެނާ ގެނައެވެ.
އެ އަންހެނާ ގެނައުމުން، އެމީހުން ބުނި ބަހުގެ ނުބައިކަން މޫސާގެފާނަށް ނުހަނު ބުރަކަމެއް ކަމުގައިވެ، އެ ކަނބުލޭގެއާ ސުވާލު ކުރެއްވިއެވެ. “ބަނީ އިސްރާއީލް މީހުންނަށްޓަކައި ކަނޑު ދެފަޅިކުރެއްވި އިލާހުގެ ނަންފުޅުން ސުވާލު ކުރަމެވެ. ތެދުބުނާށެވެ!” އެހިނދު، އެ އަންހެނާ ތެދުބަހުން ހެކިދީ، ޤާރޫނުގެ ނުބައި ރޭވުމަށް އެއްބަސްވިއެވެ. ދެން މޫސާގެފާނު ކީރިތި ކުރައްވަމުން ސަޖިދައަށް ތިރިވެވަޑައިގަތެވެ. އެހިނދު މާތް ﷲ އެކަލޭގެފާނަށް ވަޙީ އިއްވެވިއެވެ. “ކަލޭގެފާނު އެދޭ ކަމެއް ކުރުމަށް، ކިޔަމަން ގަތުމަށް ތިމަން އިލާޙު ބިންގަނޑަށް އަމުރު ކުރައްވައިފީމެވެ. އެދިލައްވާކަމަކަށް އަމުރު ކުރައްވާށެވެ.” އެހުނދު މޫސާގެފާނުގެ އެދިލެއްވުމަށް ޤާރޫނު ނެތިކުރެއްވިއެވެ.” (الروايات التفسيرية في فتح الباري، عبد المجيد الشيخ عبد الباري، ج: 2، ص: 902)
އެވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِنْ فِئَةٍ يَنْصُرُونَهُ مِنْ دُونِ اللَّهِ وَمَا كَانَ مِنَ الْمُنْتَصِرِينَ ﴾ (القصص: 81) މާނައީ: “ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّهއާ ދެކޮޅަށް އޭނާޔަށް ނަޞްރުދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި ނަޞްރު ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ.”
ދަންނާށެވެ! މިފަދަ ވާހަކަތައް ކީރިތި ޤުރްއާންގައި ވަޙީކުރައްވާފައިވަނީ އެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރާ ބަޔަކަށް ހުރި ޢިބްރަތެއްގެ ގޮތުގައެވެ. ބިންމަތީގައި ފަސާދަކޮށް، މާތް ﷲ ގެ ޙުކުމްފުޅުތަކާމެދު ދޮގުބަސްބުނެ، ޝަރުޢީ ޙުކުމްތަކަށް އިންކާރުކޮށް ބޮޑާވެގަނެ، ކީރިތި ރަސޫލާ صلى الله عليه وسلم އާއި މަތިވެރިވެގެންވާ ޞަޙާބީންނާއި ތާބީންގެ ބަސްތަކުގެ މައްޗަށް ތިމާމެންގެ ހަވާނަފްސުގެ ބަސް އިސްކުރުމަކީ، ބިންމަތީގައި ހިންގޭ އެންމެ ބޮޑު އެއް ފަސާދައެވެ. އެފަދައިން ޢަމަލުކުރާ ބައެއްގެ ނުބައިކަމަށްވުރެ، މާތް ﷲ ގެ ކުޅަދުންވަންތަކަން މާ މަތިވެރިވެގެންވެއެވެ.
Copyright 2021 © Sheikh Hassan Moosa Fikree