ޒަމާން ޚަލްޤު ކުރައްވައި، އެއްވަޤުތުގެ މައްޗަށް އަނެއްވަޤުތު މާތްކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ ބައެއް މައްސަރުތަކާއި، ބައެއް ދުވަސްތަކާއި، ބައެއް ރޭތަކުގައި، ޚާއްޞަކަމެއް ލައްވަވައި ދަރުމަ މަތިވެރިކުރެއްވި އިލާހެވެ. އެވަޤުތުތަކުގެ މާތްކަން އިތުރު ކުރައްވާފައިވަނީ އަޅުތަކުންނަށް ހުރި ރަޙުމަތެއްގެ ގޮތުގައެވެ. އެއީ އަޅުތަކުން ހެޔޮކަމާއި އަޅުކަމާ ގާތްކޮށްދީ، ހެޔޮ ޢަމަލުކުރުމަށް ހިއްޖެއްސެވުމަށްޓަކައި ލައްވަވާފައިވާ ކަންތައްތަކެކެވެ. އަދި އެކަލާނގެ އަޅުތަކުންނަށް ލިބޭ ދަރުމަޔާއި ޘަވާބު އިތުރުކުރުމާއި މަރަށް ތައްޔާރުވެ، އެނބުރިދާ ދުވަހުގެ ތައްހާރީއެއްގެ ގޮތުގައި ވުމަށްޓަކައި، އެކަލާނގެ ދެއްވާ ފުރުޞަތުތަކެކެވެ.
މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އާލުއަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާންދޭވެ!
އަޅުކަމުގެ މިފަދަ މޫސުންތަކަކީ ތިމާއަށް އަޅުކަމުގައި އުނިކުރެވިފައިވާ ކަންތައްތައް ފޫބެއްދުމާއި، ނުކޮށް ދޫކުރެވިފައިވާ ކަންތައްތަކުން މަދުވެގެން ގޮސްފައިވާ ދަރުމައިގެ ބަދަލު ލިބިގަތުމަށްޓަކައި ލައްވާފައިވާ މޫސުންތަކެކެވެ. އަދި މިފަދަ ހެޔޮކަމުގެ ކޮންމެ މޫސުމެއްގައިމެ އަޅަކު އޭނާގެ ވެރިރަސްކަލާނގެއަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވިދާނެ ކައްތައްތަކެއް ލައްވާފައިވެއެވެ.
ވީމާ ކޮންމެ މުސްލިމަކުމެ އޭނާގެ ޢުމުރުގެ އަގު ވަޒަންކޮށް އޭނާގެ ޙަޔާތުގެ ވަގުތުތަކުގެ އަގުބޮޑުކަން ހަނދާންކޮށް، އެވަގުތަށް ހެޔޮގޮތުގައި ބޭނުންކުރުމަށް އަވަސްވެގަނެ، މަރުވުމުގެ ކުރީން ލިބިގަނެވޭންހުރި ހެޔޮކަމެއްވިއްޔާ ލިބިގަތުމަށް އަވަސްވެގަތުން ލާޒިމުވެގެންވެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ” (الحجر: ۹۹) މާނައީ: “މަރު އައިސް ކަލޭގެފާނާ ބައްދަލު ކުރުމަށްދާންދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާށެވެ.”
ހެޔޮކަމުގެ މޫސުންތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑުވެގެންވާ އެއް މޫސުމަކީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެ. އެދުވަސްތައްވަނީ ﷲ ސުބުޙާނަހޫވަތަޢާލާ އެނޫން ދުވަސްތަކުގެ މައްޗަށް މާތްކުރައްވަވާފައެވެ. އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ ». يَعْنِى أَيَّامَ الْعَشْرِ. قَالُوا يَا رَسُولَ اللَّهِ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ قَالَ « وَلاَ الْجِهَادُ فِى سَبِيلِ اللَّهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ” رواه أبو داود
މާނައީ: “އެދުވަސްތަކެއްގައި ހެޔޮ ޢަމަލު ކުޅައުން ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްވަރަކީ މި ދިހަ ދުވަހެވެ.” ޞަހާބީން ދެންނެވިއެވެ. “ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ ﷲ ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ.”
އަދިވެސް އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ عَزَّ وَجَلَّ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى“ قِيلَ “وَلَا الْجِهَادُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ“ قَالَ: “وَلَا الْجِهَادُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ ” (رواه الدارمي 1/357 وإسناده حسن كما في الإرواء 3/398)
މާނައީ: “ﷲ ގެ ޙަޟުރަތުގައި މާތްކަން ބޮޑު އަދި ކުރާ ހެޔޮ ޢަމަލުތަކަށް ގިނަގުނަ އަޖުރު ލިބޭ ދުވަސްތަކެއް އަޟްޙާގެ ދިހަދުވަހަށްވުރެ، ހެޔޮކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.” ދެންނެވުނުވެ. “ﷲ ގެ މަގުގައި ޖިހާދުކުރުމަށްވެރެންވެސް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ނަފްސާއި މުދަލާ އެކުގައި ނުކުމެ މާތް ﷲ ގެ މަގުގައި އެތަކިތި ހޭދަކޮށްލާ މީހާ ފިޔަވައެވެ.”
މިބަސްފުޅުތަކުން ދޭހަވާގޮތުގައި އަހަރުގެ ހުރިހާ ދުވަސްތަކަކަށްވުރެ މިދުވަސްތައް މާތްވެގެންވެއެވެ. އެއީ އެއްވެސް އިސްތިސްނާއެއް ނެތިއެވެ. ރަމަޟާންމަހުގެ ފަހުދިހަޔަކަށްވުރެންވެސް މިދުވަސްތަކުގެ މާތްކަން ބޮޑުވެގެންވެއެވެ. ނަމަވެސް ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތައް މާ މާތްވެގެންވެއެވެ. އެއީ އެރޭތަކުގައި ލައިލަތުލް ޤަދްރި ވިލޭރޭ ހިމެނޭތީއެވެ. މިގޮތުން ހުރިހާ ދަލީލެއް ޝާމިލުވެއެވެ.
އޭ މުސްލިމް އަޚާއެވެ! ދަންނާށެވެ. މިދުވަސްތައް މާތްވެގެންވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
އެކެއް: ﷲ ސުބަޙާނަހޫ ވަތަޢާލާވަނީ އެދުވަސްތައް ގަންދެއްވައި ހުވާ ކުރައްވާފައިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްޗެއް ގަންދެވައި ހުވާކުރައްވާފައިވަނީނަމަ އެއިން ދޭހަކޮށްދެނީ އެއްޗެއްގެ މަތިވެރިކަމާއި އޭގެ މަންފާ ގިނަގުނަވެގެންވާކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَٱلْفَجْرِ (1) وَلَيَالٍ عَشْرٍ (2)” (الفجر: ۲) މާނައީ: “ފަޖުރުގެ ވަޤުތު ގަންދެއްވަމެވެ. އަދި ދިހަރޭ ގަންދެއްވަމެވެ.” މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ އާއި އިބްނުއްޒުބައިރާއި މުޖާހިދު ރަޙިމަހުމު ﷲ އާއި އަދިވެސް ސަލަފުންނާއި ޚަލަފުންގެ ތެރެއިން އެތައްބޭކަލަކު ވިދާޅުވެފައިވެއެވެ. އެއީ ޛުލްޙިއްޖާމަހުގެ ދި ދުވަހެވެ. އަދި އިބްނު ކަޘީރު ރަޙީމަހު ﷲ ވިދާޅުވެފައިވެއެވެ. “ރަނގަޅުގޮތަކީ މިއީއެވެ.” تفسير ابن كثير (8/413)
ދޭއް: އިސްވެ ބަޔާންކުރެވުނު ޞައްޙަ ޙަދީޘްފުޅުގައިވާފަދައިން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އެދުވަސްތަކަކީ މިދުނިޔޭގެ އެންމެ މާތް ދުވަސްތައްކަމުގައި ބަޔާންކޮށްދެއްވާފައެވެ.
ތިނެއް: އެދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް އެކަލޭގެފާނުވަނީ ބާރު އަޅުއްވާފައެވެ. އެދުވަސްތަކުގެ މާތްކަން އެއީ ހުރިހާ ކަންކޮޅުތަކެއްގައިވާ އެންމެންގެ މައްޗަށް ޢާއްމުވެގެންވާ ކަމެކެވެ. އަދި ތަނުގެ މާތްކަން އެއީ ޙައްޖުވެރީންނަށް ޚާއްޞަވެފައިވާ ކަމެކެވެ.
ހަތަރެއް: އެދުވަސްތަކުގައި ތަކްބީރު ތަސްބީޙު ތަޙްމީދު ކުރުން ގިނަކުރުމަށް އެކަލޭގެފާނުވަނީ ބާރު އަޅުއްވވާފައެވެ. ޢަބްދު ﷲ ބުނު ޢުމަރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَأَكْثِرُوا فِيهِنَّ مِنْ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” أخرجه احمد (7/224) وصحّح إسناده أحمد شاكر.
މާނައީ: “މިދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި މަތިވެރިންކަން ބޮޑުވެގެންވާ އަދި ހެޔޮ ޢަމަލު ކުޅުން އެކަލާނގެ ޙަޟުރަތުގައި ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލު ތަކްބީރު ތަޙްމީދު ކިޔުން ގިނަކުރާށެވެ.”
ފަހެއް: އެދުވަސްތަކުގެ ތެރޭގައި ޢަރަފާތް ދުވަސް ހިމެނެއެވެ. އެދުވަހަކީ اليوم المشهود އެވެ. އެބަހީ ހެކިވެވިގެންވާ ދުވަހެވެ. މި ދީން ﷲ ސުބުޙާނަހޫވަތަޢާލާ ފުރިހަމަ ކޮށްދެވީ އެދުވަހުގައެވެ. އަދި އެދުވަހުގެ ރޯދައަކީ ދެއަހަރުގެ ފާފައިގެ ކައްފާރާއެކެވެ. ހަމައެފަދައިން އެ ދިހަ ދުވަހުގެ ތެރޭގައި يوم النحر ހިމެނެއެވެ. އެބަހީ ޤުރުބާނީ ކަތިލުމުގެ ދުވަހެވެ. އެއީ އަޟުޙާ ޢީދު ދުވަހެވެ. އަދި އެދުވަހަކީ މުޅި އަހަރުގެ އެންމެ މާތް ދުވަހެވެ. އެދުވަހަކީ يوم الحجّ الأكبر އެވެ. އެބަހީ ޙައްޖުގެ އެންމެ ބޮޑު ދުވަހެވެ. އެދުވަހުގައި އަޅުކަމާއި ހެޔޮކަމުގެ ގޮތުން އެނޫން ދުވަސްތަކުގައި ނުހިމެނޭ އެތައް ކަމެއް ހިމެނިފައިވެއެވެ.
ހައެއް: އެދުވަސްތަކުގެ ތެރޭގައި އުޟުޙިޔާ ކަތިލުމާއި އަދި ޙައްޖުގެ އަޅުކަން ހިމެނެއެވެ.
ޙައްޖުމަހުގެ ދިހަ ދުވަހާ ބައްދަލުވެ އެދުވަސްތަކާއި ހަމައަށް ދުނިޔޭގައި ލެހެއްޓެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ނިޢްމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތެކެވެ. ކޮންމެ މުސްލިމަކުމެ މި ނިޢްމަތް ހަނދާންކުރުމާއި، މި ފުރުޞަތުގެ ބޭނުން ހިފުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި މިދުވަސްތަކަށް ޚާއްޞަ ޢިނާޔަތެއްދީ، ހެޔޮކަންތައްތައް އިތުރު ކުރުމުގައި ތިމާގެ ނަފްސުން ޖިހާދުކުރަންޖެހޭނެއެވެ. ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުގެ ތެރޭގައި ހެޔޮކަމުގެ މަގުތައް ގިނަކުރައްވާފައިވުން ހިމެނެއެވެ. އަދި އަޅުކަމުގެ ތަފާތު ވައްތަރުތަކާއި ބާވަތްތައް ލައްވާފައިވުމީ އެކަލާނގެ އަޅުތަކުންނަށް ލައްވަވާފައިވާ ބޮޑު ރަޙުމަތެކެވެ.
މިދިހަދުވަހުގައި ކުރުން ހެޔޮވެގެންވާ ޢަމަލުތަކުގެ ތެރޭގައި:
1.ރޯދަ ހިފުން
މިދުވަސްތަކުގައި ހެޔޮ ޢަމަލު ގިނަ ކުރުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ބާރުއަޅުއްވާފައިވެއެވެ. ހެޔޮ ޢަމަލުގެ ގޮތުން ކުރުން އެންމެ ރަގަޅު އެއް ޢަމަލަކީ ރޯދަހިފުން ކަމަށްވާތީ، މިމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ هُوَ لِى وَأَنَا أَجْزِى بِهِ“ أخرجه البخاري މާނައަކީ: “ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި ތިމަންރަސްކަލާނގެ އެރޯދައަށް ޖަޒާދެއްވަމެވެ.”
2. ތަކްބީރު ކިޔުން
އެދުވަސްތަކުގައި ތަކްބީރު ތަޙްމީދު ތަޙްލާލު ތަސްބީޙަ ކިޔުން ސުންނަތް ވެގެންވެއެވެ. މިސްކިތްތަކުގައްޔާއި ގޯތިގެދޮރުގައްޔާއި މަގުތަކުގައްޔާއި އަދި ހުރިހާ ތަނެއްގައި އަޑު ހަރުކޮށް ތަކުބީރު ކިޔައި، ﷲ ތަޢާލާ ޛިކުރުކޮށް، އެކަލާނގެ މަތިވެރިކަން އިޢްލާނުކޮށް އަޅުވެތިކަން ހާމަކުރުން ސުންނަތްވެގެންވެއެވެ.
ތަކްބީރު ކިޔުމުގައި ފިރިހެނުން އަޑު ހަރުކޮށް ތަކްބީރު ކިޔުމާއި އަންހެނުން އަޑު މަޑުކޮށް ކިޔުން .
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ “(الحج : 28) މާނައީ: “އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމް ސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ.”
ޖުމްހޫރު ޢިލުމުވެރިން ބުރަވެލައްވާގޮތުގައި الأيام المعلومات “ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއް” އެއީ أيام العشر އެބަހީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އިބްނު ޢައްބާސް ރަޞިޔަ ﷲ ޢަންހުމާގެ އަރިހުން އެފަދައިން ރިވާވެގެންވެއެވެ. އަދި ތަކްބީރު ކިޔުމަކީ الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد މިފަދައިން ކިމެވެ. އަދި މިނޫން ޢިބާރާތްތައްވެސް ތަކްބީރު ކިޔުމުގައި ޞަލަފުންގެ ކިބައިން ރިވާވެގެންވެއެވެ.
ތަކްބީރު ކިޔުމުގެ ސުންނަތަކީ މިޒަމާނުގައި ވަޅުޖެހި ނެތިގެން ގޮސްފައިވާ ސުންނަތެކެވެ. މިފަދަ މާތްވެގެންވާ ދުވަސްތަކެއްގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ތަކްބީރު ކިޔާތަނެއް ނުފެނެއެވެ. އެހެންކަމުން މި ސުންނަތް ދިރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިބްނު ޢުމަރާއި އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ޘާބިތުވެގެންވެއެވެ. އެދެބޭކަލުން ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގައި ބާޒާރުތަކުގެ މައްޗަށް ނުކުމެވަޑައިގެން އަޑު ހަރުކޮށް ތަކްބީރު ވިދާޅުވެއެވެ. އަދި މީސްތަކުން އެބޭކަލުންނާ ތަބާވެ ތަކްބީރު ކިޔާ ހަދައެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތްތަކުގެ ތެރެއިން އިންދިރާސްވެގެން ގޮސްފައިވާ ސުންނަތެއް ދިރުވުމަކީ އެކަމުގެ އަޖުރު މަތިވެރިވެގެންވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “مَنْ أَحْيَا سُنَّةً مِنْ سُنَّتِي قَدْ أُمِيتَتْ بَعْدِي ، كَانَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا مِنَ النَّاسِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا ” أخرجه الترمذي 7/443 وهو حديث حسن لشواهده .މާނައީ: “ތިމަންކަލޭގެފާނަށްފަހުގައި ނެތި ގޮސްފައިވާ ތިމަންކަލޭގެފާނުގެ ސުންނަތެއް ދިރުވައިފި މީހަކަށް، އެ ސުންނަތައް ތަބާވާޔަކަށް ލިބޭ އަޖުރާ އެއްފަދަ ޡަވާބު އެމީހުންގެ އަޖުރުން ޡަވާބު އުނިވުމެއްނެތްގޮތުގައި ލިބޭނެއެވެ.”
ތަކްބީރު ކިޔުމުގައި ސުންނަތްވެގެންވާ ގޮތަކީ ކޮންމެ މީހަކުމެ އެމީހަކު އަމިއްލައަށް އަޑު ހަރުކޮށް ތަކުބީރު ކިޔުމެވެ. ޖަމާޢަތުގައި އެކަކުގެ އަޑު ދަށުން ނަގާކިޔާ އުޞޫލުން ކިޔުމެއްނޫނެވެ.
3. އުޟުޙިޔާ ކަތިލުން
މިދުވަސްތަކުގައި ކުރުން ސުންނަތްވެގެންވާ ޢަމަލުތަކުގެ ތެރޭގައި ﷲ އަށް ކުއްތަންވުމުގެ ގޮތުން އެކަލާނގެއަށް ޤުރުބާނީއެއްގެ ގޮތުގައި އުޟުޙިޔާ ކަތިލުން ހިމެނެއެވެ.
4. ތެދުވެރި ތައުބާއަކުން ތައުބާވުން
މިދުވަސްތަކުގެ ދަރުމަޔާ ޘަވާބަށް އެދޭމީހާ އެންމެހައި ފާފަތަކުން ދުރުހެލިވެ ތައުބާވުން ވާޖިބުވެގެންވެއެވެ. ތައުބާވުމަކީ ﷲ ގެ ޙަޟުރަތަށް ރުޖޫޢަވެ، ތިމާއަށް ކުރެވިފައިވާ އެކަލާނގެ ނުރުއްސަވާ އެންމެހައި ކަމަކުން އެއްކިބާވެ، އެފާފަތައް އަލުން ނުކުރުމަށް ޢަޒުމު ކަނޑައަޅައި، ﷲ ގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދޭޙާލު ޙައްޤުގެ މަތީގައި ޤާއިމުވެހުރުމެވެ.
މިފަދަ ފިތުނަވެރި ޒަމާނެއްގައި، ފާފަ ކުރެވުމަކީ ކޮންމެ މީހަކަށްމެ ވަރަށް ގާތުގައިވާ ފަސޭހަކަމެކެވެ. ވީމާ، އަޅުގަނޑުމެންގެ މައްޗަށްމެ ވާޖިބުވެގެންވަނީ ތިމާއަށް ފާފައެއް ކުރެވިއްޖެނަމަ، ތައުބާވުމަށް އަވަސްވެގަތުމެވެ. އެހެނީ ތައުބާނުވެ ހުއްޓާ މަރުވެދާނެކަމަށް ބިރުވެތިވާންޖެހެއެވެ. އަދި ފާފައިން ތައުބާ ނުވެ ހުރުމަކީ އެހެން ފާފަތަކަށް އަރައިގަތުމަށް ފަސޭހަކޮށްދޭކަމެވެ.
އަޅުގަނޑުގެ ދުޢާއަކީ މިފަދަ މާތް ދުވަސްތަކެއްގެ ދަރުމަޔާއި ޘަވާބުން މަޙުރޫމުވެގެންވާ ބަޔަކުކަމުގައި އަޅުގަނޑުމެން ނުލެއްވުމެވެ. އަދި ހެޔޮ ޢަމަލުތައް ގިނަކުރުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ.
ނޯޓް: މަޢުލޫމާތު ނަގާފައިވަނީ އައްޝައިޚު މުޙައްމަދު ޞާލިޙުލް މުނައްޖިދުގެ ސައިޓުންނެވެ.
(މިއީ މީގެ ކުރީގައި ރާއްޖެ އިސްލާމް ވެބްސައިޓަށް ލިޔެފައިވާ ލިޔުމެކެވެ.)
Copyright 2021 © Sheikh Hassan Moosa Fikree