އީމާންކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ ކެތްތެރިކަމެވެ. އަނެއްކަމަކީ ޝުކުރުވެރިކަމެވެ. ކެތްތެރިކަމާއި އީމާންކަމާ ހުރި ގުޅުން، ހަށިގަނޑާއި ބޮލާއި ހުރި ގުޅުންފަދަ އެވެ. ހަށިގަނޑުގައި ބޮލެއް ނެތްނަމަ ހަށިގަނޑުގެ ބޭނުމެއް ނެތެވެ. އީމާންކަމާއެކު ކެތްތެރިކަން ނުވާނަމަ އީމާންކަމެއް ނުވެއެވެ.
ކެތްތެރިވާންވީ މުޞީބާތުގެ ކުރީކޮޅުގައެވެ. މުޞީބާތް ލައިގަންނަ ވަގުތުގައެވެ. މިކަން ބަޔާންކުރައްވައި، ކީރިތި ރަސޫލާ صلى الله عليه وسلم ކުރެއްވި ޙަދީޘް އަނަސް رضي الله عنه ރިވާކުރައްވައި، ވިދާޅުވިއެވެ.
މަހާނައެއްގެ ކައިރީގައި އިށީނދެ އިނދެގެން ރޮމުން ދިޔަ އަންހެނެއްގެ ގާތުން، (އެއްދުވަހަކު) މާތް ނަބިއްޔާ صلى الله عليه وسلم ވަޑައިގަތެވެ. އެކަނބުލޭގެ ރޯތަން ދެކެވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ކަނބުލޯ ﷲއަށް ބިރުވެތިވާށެވެ! އަދި ކެތްކުރާށެވެ.” އެކަނބަލޭގެ ބުންޏެވެ. “ތިބާ ތިމަންނާއާ ދުރަށްދާށެވެ! ތިމަންނާއަށް ޖެހިފައި މިވާފަދަ މުޞީބާތެއް ތިބާއަށް ނުޖެހެނީތާއެވެ!” އެ ކަނބުލޭގެއަކަށް އެއީ، ކޮން ބޭކަލެއްކަމެއް އެވަގުތު ނޭނގެއެވެ.
އެކަނބުލޭގެއަށް ބުނެވުނެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم އެވެ. ދެން، އެކަނބުލޭގެ (އޭނާއަށް ބުނެވުނު ބަހުގެ މައްޗަށްދެރަވެ) މާތް ނަބިއްޔާ صلى الله عليه وسلم ގެ ގެކޮޅު ދޮށަށްދިޔައެވެ. އަދި ދެންނެވިއެވެ. “އަޅުގަނޑަށް ތިޔައީ ކޮން ބޭކަލަކުކަން ނޭނގުނީއެވެ!” (އެބަހީ: އަޅުގަނޑަށް ދެންނެވުނު އަދަބުކުޑަ ބަސްތަކަށް މަޢާފުކުރައްވާށެވެ!) އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى” މާނައީ: “ހަމަކަށަވަރުން، ކެތްތެރިކަންވަނީ މުޞީބާތުގެ އެންމެ ކުރީކޮޅެއެވެ.” (متفق عليه)
މުޞީބާތެއް ކުރިމަތިވާހިނދު، ދުލުން ބޭރުކުރަން ނުވާވަރުގެ ބަސްތައް ބުނެހަދައި، ކުރަން ނުވާވަރުގެ ކަންކަންކޮށް ހެދުމަށްފަހު ދެން އެހެން ގޮތެއް ނެތިގެން ކެތްތެރިވުމަކީ، ކެތްތެރިކަމުގެ މަންފާކުރާނޭ ކަމެއް ނޫނެވެ.
ކެތްތެރިކަމުގެ ދަރުމަޔާއި ސަވާބު އެންމެ ބޮޑުވެގެންވަނީ މުޞީބާތް ލައިގަންނަ ހިނދުގައި ކެތްތެރިވާ ކެތްތެރިވުމަށެވެ. މުޞީބާތުގެ ކުރީކޮޅުގައި ކެތްތެރިވުމުގައެވެ. މުޞީބާތެއް ކުރިމަތިވުމުން އެކަމަށް ކެތްތެރިވެ، މާތް ﷲ ގެ ޙަޟުރަތުން އެކަމުގެ ދަރުމަޔާއި ސަވާބަށް އެދުމަކީ އެންމެ ހެޔޮވެގެންވާ ކެތްތެރިކަމެވެ. އަދި ދަންނަންވީ ކަމަކީ، މާތް ﷲ ގެންދެވި އެއްޗަކާއި ދެއްވިއެއްޗެއްވެސް މިކްލުވެގެންވަނީ ހަމަ އެ އިލާހަކަށް ކަމެވެ. އެއިލާހު ލެއްވި ކޮންމެ އެއްޗަކާއި ކޮންމެ ކަމެއްވެސް ލައްވާފައިވަނީ ވަކި މިންވަރަކަށް ވަކި އަޖަލެއް ޖެހެންދެންކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ” (الحديد 22) މާނައީ: “އެއްވެސް މުޞީބާތެއް، ތިމަންރަސްކަލާނގެ އެ މުޞީބާތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: ލައުޙުލް މަޢްފޫޡުގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ ﷲއަށް ދާދިފަސޭހަ ކަމެކެވެ.”
Copyright 2021 © Sheikh Hassan Moosa Fikree