“ކިރިން” މަރަކާގެ ދަށުން ބަނގުރަލުގެ ބާވަތްތައް ނޫން، ބައެއް އެއްޗެތި ހުންނަކަމުގައި ބައެއް މީހުން ބުންޏެއްކަމަކު، ކިރިން އަކީ ސީދާ ބަނގުރަލުގެ ބާވަތްތައް އުފެއްދުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވިޔަފާރި މަރުކާއެކެވެ. ބަނގުރަލާއި ގުޅިފައިވާ ހުރިހާ މުޢާމަލާތަކަށް މާތް ﷲ ލަޢުނަތް ލައްވާފައިވާކަމުގައި ކީރިތި ރަސޫލާ صلى عليه وسلم ގެ ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ.
ބަނގުރަލާއި، މަސްތުވާތަކެތި އިޝްތިހާރު ކުރުމަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި ކަނޑައެޅިގެން ޙަރާމްކަމެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ اللّهَ إِنَّ اللّهَ شَدِيدُ الْعِقَابِ” (المائدة : 2 ) މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.”
ހަމައެފަދައިން ފާހިޝް ޢަމަލުތައް މުއުމިނުންގެ މެދުގައި އިޝްތިހާރުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް އަޒާބު ހުރިކަމުގައިވަނީ އަންގަވާފައެވެ. (ނޫރު 19)
ބައެއް މީހުން ބުނާގޮތުގައި ބަނގުރަލާ މަސްތުވާތަކެތިން ލިބޭ ފައިދާ އާއި ނުލާ އަޅުގަނޑުމެންގެ އިޤްތިޞާދު ދެމެހެއްޓިގެންނުދާނެއެވެ. ނަމަވެސް ބަނގުރަލާއި ޖުވާކުޅުމުގައި މަންފާތަކެއްވާކަމާއި އެމަންފާތަކަށްވުރެ އޭގައިވާ ފާފައިގެ ބޮޑުކަންވަނީ ކީރިތި މާތް ﷲ އަންގަވާފައެވެ. (ބަޤަރާ 219)
ވީމާ، ބަނގުރަލާއި މަސްތުވާތަކެތި އިޝްތިހާރުކުރާ އެންމެހާ ފަރާތްތައް މާތް ﷲ އަށް ބިރުވެތިވެ އެކަން ހުއްޓައިލުމަށް ނަޞީޙަތްތެރިވަމެއެވެ.
Copyright 2021 © Sheikh Hassan Moosa Fikree