ލަދުޙަޔާތެއް ނެތި ވިޔާނުދާ ޢަމަލުތައް ކުރުމަކީ މޮޅުކަމެއް ނޫނެވެ. އަދި ކެރޭ ހިތްވަރުގަދަ މީހެއްކަމުގެ ހެއްކެވެސް ނޫނެވެ. ލަދުވެތިކަން ނެތުމަކީ ތިމާގެ ކިބައިގައި ރިވެތި އަޚުލާޤު ނެތްކަމުގެ ޢަލާމާތެކެވެ. މީސްތަކުންގެ މެދުގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަށް އަރައިގަތުމަށް ފަސްނުޖެހޭ މީހަކު، މީސްތަކުންނާ އެކަހެރިވާ ވަގުތު ތަކުގައި ކުރާ ޢަމަލުތައް އަދި މާ ގޯސްވާނެއެވެ.
ލަދުވެތިކަމަކީ ހަޑިހުތުރު އެންމެހައި ޢަމަލަކުން ދުރުކޮށްދޭ އަޚުލާޤީ ސިފައެކެވެ. އަދި ރިވެތި އަޚުލާޤުތެރެއިން ހިމެނޭ މަތިވެރި ސިފައެކެވެ. ރިވެތި އަޚުލާޤުގެ އެންމެ މަތިވެރި ސިފައަކީ ލަދުވެތިކަމޭވެސް ބުނެވެއެވެ. އަދި އެއީ އީމާންކަމުގެ ޒީނަތްތެވެ. އިސްލާމް ދީނުގެ ޝިޢާރެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. « إِنَّ لِكُلِّ دِينٍ خُلُقًا، وَخُلُقُ الْإِسْلَامِ الْحَيَاءُ » (رواه ابن ماجه وحسنه الألباني) މާނައީ: “ކޮންމެ ދީނެއްގެވެސް އަޚުލާޤެއްވެއެވެ. އިސްލާމް ދީނުގެ އަޚުލާޤަކީ ލަދުވެތިކަމެވެ.”
ލަދުވެތިކަމަކީ ހެޔޮކަމުގެ ދަލީލެވެ. އަދި ސަލާމަތްކަމުގެ ޚަބަރުދޭ ސިފައެކެވެ. އަދި ނުބައިކަމުން އެއްކިބާ ކުރުވާ ކަމެކެވެ. ވަހުބު ބުނު މުނައްބިހު رحمه الله ވިދާޅުވެފައިވެއެވެ. “އީމާންކަމުގެ ލިބާސަކީ ތަޤުވާވެރިކަމެވެ. އަދި އީމާންކަމުގެ ޒީނަތްތަކީ ލަދުވެތިކަމެވެ.” އަދި ބުނެވެއެވެ. އެމީހެއްގެ ފޭރާމަކީ ލަދުވެތިކަމުގެ ސިފަކަމުގައިވާނަމަ މީސްތަކުންނަށް އޭނާގެ ޢައިބުތަކެއް ނުފެންނާނެއެވެ.
މާތްވެގެންވާ އިސްލާމް ދީނުގައިވަނީ ލަދުވެތިކަމުގެ ސިފައިން ސިފަ ލިބިގަތުމަށް އަމުރު ކުރައްވާފައެވެ. އަދި ކިއެއްތަ! ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައިވެސް ވަނީ ލައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «الْإِيمَانُ بِضْعٌ وَسَبْعُونَ – أَوْ بِضْعٌ وَسِتُّونَ – شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ» (رواه مسلم) މާނައީ: “އީމާންކަން ހަތްދިހަ ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރި ބަޔަކީ لا إله إلا الله ކިޔުމެވެ. އަދި އެންމެ އާދައިގެ ކަންކަމުގެ ތެރޭގައި މަގުމަތީގައި ހުންނަ، މީސްތަކުންނަށް އުނދަގޫވާޒާތުގެ ތަކެތި އެއްކައިރި ކޮށްލުމަކީވެސް އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ.”
އީމާންކަމާއި ލަދުވެތިކަމަކީ އެކުއެކީގައިވާ ދެއެތި ކަމުގައިވެސް ބައެއް ޙަދީޘްފުޅުތަކުގައިވެއެވެ. އޭގެ ތެރެއިން އެކަތި ނެތިއްޖެނަމަ އަނެއްކަންތައްވެސް ފިލައިދެއެވެ. ލަދުވަތިކަމަކީ އީމާންކަމުގެ ބައެއް ކަމުގައި ލައްވާފައިވުމުގެ ސިއްރަކީ، އީމާންކަމާއި ލަދުވެތިކަމުގެ ސިފި ލިބިގެންވާ މީހާ ހެޔޮ ކަމާއި ކައިރިކޮށްދޭ ދެކަމެވެ. އަދި އެ ދެސިފައާއި ދުރުހެލިވެފައިވާ މީހާ ހެޔޮ ކަމުން ދުރުހެލި ކުރުވައެވެ.
މީހަކު ފާފަތަކާއި، ފާހިޝް ޢަމަލުތަކަށް އަރިގަތުމަށް އެއްވެސް ޖެހިލުމެއް، ފަސްޖެހުމެއް ނުވާނަމަ އޭނާގެ ކިބައިގައި ލަދުވެތިކަމުގެ ސިފައެއް ނުހުންނާނެއެވެ. ކީރިތި ރަސީލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ ” މާނައީ: “އިސްވެދިޔަ ނަބީބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން މީސްތަކުން ލިބިގެންފައިވާ އިރުޝާދެއް ވެއެވެ. އެއީ ތިބާ ލަދު ނުގަންނަނީނަމަ، ބޭނުން ކޮންމެ ކަމެއް ތިބާ ކުރާހުއްޓެވެ.”
ރިޔާޟުއްޞާލިޙީގެ ދިވެހިތަރުޖަމާގައި، މިޙަދީޘާއި ވިދިގެން، އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު ލިއްޔުވާފައިވެއެވެ. “މި ބަސްފުޅުގެ މާނައަކީ، ލަދުކުޑަ މީހާ ބޭނުން ކަމެއް ކުރާށެކޭ ނޫނެވެ. އެކަމަކު މިއީ ޚަބަރެއްގެ މާނައިގައިވާ ނަހީގެ ބަސްފުޅެކެވެ. މި ބަސްފުޅުގެ މާނައަކީ، އިންސާނާގެ ކިބައިގައި ލައްވާފައިވާ ލަދުވެތިކަމުގެ ޖަޒުބާތު، އޭނާގެ ހިތުން ފިލައިގެން ހިނގައެއްޖެނަމަ، އޭނާ އެއްވެސް ކަމެއް ކުރާކަށް ފަހެއް ނުޖެހޭހުއްޓެވެ. ވީމާ، އެއީ މުސްލިމަކު ކަންކޮށްގެންވާނެ ގޮތެއް ނޫނެވެ. އިސްލާމް ދީނުގެ ދުޝްމަނުން، މުސްލިމުން އެބައިމީހުންގެ ދީނުން ބޭރުކުރެވޭތޯ ކުރަމުން ގެންދިޔަ ހަނގުރާމަތަކުން އެންމ އެދެވޭ ނަތީޖާ ނުފެނުމުން، ދެން، އެބައިމީހުން ފެށީ، ހަނގުރާމައިގެ މައިދާނުގައި ލޭ އޮހޮރުވުން ދޫކޮށްލައި، މުސްލިމުން ކީރިތި ޤުރްއާނުގެ ތަޢުލީމާ ދުރަށް ގެންދިޔުމުގެ މަސައްކަތަށެވެ. މިގޮތުން އެންމެ އިސްކަމެއ ދީންގެ އެމީހުން ކުރަމުންދާ މަސައްކަތަކީ، މުސްލިމުންގެ ކިބައިން ލަދުޙަޔާތް ކެނޑޭނެހައި ގޮތެއް ވިސްނައި، އެ ގޮތުން މުސްލިމުން އެއްބައިމީހުންގެ ދީނާ ދުރުކުރުވުމުގެ މަސައްކަތް ކުރުމެވެ. ހިތާމައަކީ، ހުޅަނގުގެ ޤައުމުތަކުގެ މި މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބުވަމުން ދާކަމެވެ. މީގެ ސަބަބުން، އިސްލާމް ދީނުގައި އަންގަވާފައިވާ އެންގެވުންތައް އެއީ، ތަހުޒީބުގެ ޒަމާނާ ނުގުޅޭ، ކަމެއްކަމުގައި މުސްލިމުންކުރެ ގިނަބަޔަކަށް ޤަބޫލު ކުރެވޭގޮތްވުމެވެ. އިސްލާމީ އަގުތައް އެބައިމީހުންނަށް ބީރައްޓެހިވުމެވެ. ހުޅަނގުގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ، ތަރުޙީބުދެވޭ ކަމެއްކަމުގައި ވުމެވެ. ނަތީޖާއެއްގެ ގޮތުން، ހުޅަނގުގެ މުޖުތަމަޢުތަކުގެ ލަދުކުޑަ ދިރިއުޅުން އިސްލާމީ ޤައުމުތަކުންވެސް ފެންނަމުން ދިޔުމެވެ. މިއީ މިކަމަށްޓަކައި މި އުއްމަތުގެ ނަބިއްޔާ صلى الله عليه وسلم އިންޒާރު ދެއްވާފައިވާ ކަމެކެވެ.
އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންނާ ކައިވެތަކުން ކައިވަތަކުން، މުށަކުން މުށަކުން ތިޔަބައިމީހުން ތބާވާނޫއެވެ. އެންމެ ފަހުްނ އެބައިމީހުން ޟައްބެއްގެ ހޮރަކަށް ވަދެއްޖަނަމަ، އެކަމުގައިވެސް ތިޔަބައިމީހުން އެއުރެންނާ ތަބާވާނޫއެވެ.” (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް އެވެ.) ކޮންމެއަކަސް، ޔަހޫދީންނާއި ނަޞާރާއިންގެ ގޮތަށް މުސްލިމުން ތަބާވުމުގެ ނަތީޖާއަކަށްވީ، މުސްލިމުންގެ މަރުކަޒުން އެބައިމީހުން ވިއްސިވިހާލިވުމެވެ. އަދަދުގެ ގިނަކަމާއެކު ވެސް، ބަސްނުވިކޭ ބަޔަކަށް ވުމެވެ. މާތް ﷲ މި ބޮޑު ނިކަމެތިކަމުން މުސްލިމުން ސަލާޟަތް ކުރައްވާށީ އާމީން!”
އެކެއް: މާތް ﷲ އަށް ލަދުވެތިވުމަކީ، މާތް ﷲ ބައްލަވާވޮޑިގެންވާކަން ހަނދާކޮށް، ހުރިހާ ވަގުތެއްގައިވެސް ތިމާވަނީ އެއިލާހުގެ ބެއްލެވުމާއި، ޢިލްމުގެ ތެރޭގައިކަން ދަތުމެވެ. އެއާއެކު މާތް ﷲ އަމުރު ކުރެއްވިކަމެއް ނުކުރުންނުވަތަ، ކުރުމުގައި ފަރުވާ ކުޑަކުރުން ނުވަތަ ނަހީކުރެއްވިކަމަކަށް އަރައިގަތުމުގައި ލަދުވެތިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى ﴾ (العلق: 14) މާނައީ: “ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟”
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ ﴾ (قـ : 16) މާނައީ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.”
ދޭއް: މަލާއިކަތުންނަށް ލަދުވެތިވުމަކީ، މީސްތަކުންނާއެކުގައި ވަކިވުމެއެނެތި އަބަދުވެސް މަލާއިކަތުން ތިބައްވާކަން ދަތުމެވެ. އެކަމަށްޓަކައި އުރެދުންތަކަށް އަރައިގަތުމަށް ފަސްޖެހި ލަދުވެތިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَإِنَّ عَلَيْكُمْ لَحَافِظِينَ * كِرَاماً كَاتِبِينَ * يَعْلَمُونَ مَا تَفْعَلُونَ ﴾ (الانفطار 10- 12) މާނައީ: “އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުން ވެއެވެ. (10) (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. (11) ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ.”
ތިނެއް: މީސްތަކުންނަށް ލަދުވެތިވުމަކީ، ފާހިޝް ޢަމަލުތަކާއި މުންކަރާތްތަށް އަރައިގަތުމުގައި މީސްތަކުންނަށް އެނގިދާނޭތީ ގަންނަ ލަދެވެ. މާތް ޞަޙާބީ ޙުޛައިފަތު ބުނުލް ޔަމާނު رضي الله عنه ވިދާޅުވެފައިވެއެވެ. “މީސްތަކުންނަށް ލަދުވެތިނުވާ މީހެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވެއެވެ.”
މި ލަދުވެތިކަމުގެ ޞިފައަކީ ތިމާގެ ޢަމަލުތައް ބަހައްޓަވީ ގޮތުގެ މިންގަނޑު ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ކަނޑައަޅުއްވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ތިބާ އެކަމެއް ކުރަނިކޮށް މީސްތަކުންނަށް ފެނުމަށް ލަދުވެތިވާ އެއްވެސް ކަމެއް ތިބާ މީސްތަކުންނަށް ނުފެންނަގޮތުގައި (އެކަހެރިވެ ހުންނަ ޙާލުގައިވެއްސް) ނުކުރާށެވެ.”
ހަތަރެއް: އަމިއްލަށް ނަފްސަށް ލަދުވެތިވުމަކީ، މީސްތަކުންގެ ކުރިމަތީގައި ލަދުވެތިވެ ފަސްޖެހޭ ކަންކަން، ތިމާގެ މައްލަ ނަފްސަށް (އެކަހެރިވެ އެކަނި ހުރެ ކުރަން ލަދު ނުގަންނަ ނަމަ އޭގެ މާނައަކީ މީސްތަކުންނަށްވުރެ އަމިއްލަ ނަފްސުގެ އެއްވެސް އަގެއް ނެތް ކަމުގައި ތިމާ ގަބޫލު ކުރާކަމެވެ. ތިމާ ފާޅުގައި ކުރަން ލަދުވެތިވާ ކަންކަން ސިއްރުގައިވެސް ނުކުރާނަމަ، ނަފްސުގެ ޢިއްފަތްތެރިކަން ޙާޞިލުވާނެވެ. އަދި އެންމެހައި ވިޔާނުދާ ފާހިޝް ޢަމަލުތަކުން ނަފްސު ދަލާމަތް ކޮށްދޭނެއެވެ.
ވީމާ، ލަދުވެތިކަމުގެ ސިފައިން ސިފަ ލިބިގަތުމަކީ ތިމާގެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކޮށްދޭ ކަމެކެވެ.
Copyright 2021 © Sheikh Hassan Moosa Fikree