އެހެން ދީންތަކުގެ އަހުލުވެރިންނަށް ދިވެހިރާއްޖޭގެއި، އެމީހުންގެ ދީނަށް އަޅުކަންކޮށް އުޅުމުގެ ޙައްޤު ލިބިދޭންޖެހޭނޭ ކަމުގައި މަޖިލީހުގެ މެންބަރެއް ބުނުމާ ގުޅިގެން އަޅުގަނޑުމެންގެ މުޖްތަމަޢުގައިވަނީ އެކަމުގެ ނުތަނަވަސްކަން އުފެދިފައެވެ. ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން އޮންނަޖެހޭ ކަމުގައި ދެކި، އެކަމަށް ފާޅުގައި ވަކާލާތު ކުރާ ބަޔަކުވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެބައުޅެއެވެ.
މިފަދަ ވާހަކަތައް ހިލިގަންނަ ކޮންމެ ފަހަރަކު އިވޭ އެއް ބަހަކީ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތެވެ. ﴿ لَكُمْ دِينُكُمْ وَلِيَ دِينِ ﴾ (الكافرون: 6) މާނައީ: “ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލެގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.” ދިވެހި ސިޔާސީ މަޝްރަޙުގައި މިއާޔަތް ކިޔާ ފަރާތްތަކުން މާނަކުރަނީ، އެމީހެއްގެ ދީން އެމީހަކަށެވެ. އެމީހަކު އުޅޭނޭ ގޮތް އެނގޭނީ އެމީހަކަށެވެ. މިފަދަ ގޮތަކަށެވެ. އާޚިރުގައި އެ މާނަ ބަދަލުވެގެންދަނީ އެމީހެއް ބޭނުން ގޮތަކަށް އުޅެވޭނެ ކަމަށާއި، އެއީ އެހެން މީހަކާ ބެހޭކަމެއް ނޫން ކަމަށެވެ.
ނަމަވެސް އިސްވެ ބުނެވުނު އާޔަތުގެ މަނައަކީ އެއީ އެއް ނޫނެވެ. އެ އާޔަތަކީ ކާފިރުން އެމީހުންގެ ކުފުރުގެ މަތީގައި ތިބުމަށް ދެވިފާވާ ހުއްދައެއް ނޫނެވެ. އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم ފޮނުއްވުނީ ހިދާޔަތުގެ މަގު ދެއްކެވުމަށްޓަކައެވެ. އަދި ކުފުރާއި ޝިރުކުން މީސްތަކުން ސަލާމަތް ކުރައްވައި، މާތް ﷲ ގެ ދީނަށް ގޮވާލެއްވުމަށެވެ. އަދި އުރެދުނު މީހުންނަށް މާތް ﷲ ގެ ކޯފާއާއި އާޚިރަތުގެ ޢަޛާބު ޙައްޤުވެގެންވާކަން އެންގެވުމަށެވެ.
އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ رحمه الله ވިދާޅުވެފައިވެއެވެ. “އެ އާޔަތުގެ މާނަ އެއްގޮތްވަނީ ޔޫނުސް ސޫރަތުގައިވާ މިއާޔަތާއެވެ. ﴿ أَنْتُمْ بَرِيئُونَ مِمّا أَعْمَلُ وَأَنَا بَرِيءٌ مِمّا تَعْمَلُونَ ﴾ (يونس: 41) “ތިމަންކަލޭގެފާނު ކުރައްވާ ޢަމަލުތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ.”
އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. ﴿ لَنا أَعْمَالُنا وَلَكم أَعْمَالُكُمْ ﴾ (القصص: ٥٥) “ތިމަންމެންނަށް، ތިމަންމެންގެ ޢަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ޢަމަލުތަކެވެ.”
އެ އާޔަތަކީ (لَكُمْ دِينُكُمْ وَلِيَ دِينِ އަކީ) އެމީހުންގެ ދީންމަތީ އެމީހުން ތިބުމަށް މާތް ﷲ ދެއްވި ހުއްދައެއް ނޫނެވެ. އަދި ކިއެއްތައް! އެއީ އެމީހުންނާ ދެކޮޅަށް ބާވައިލެއްވުނު ވަޢީދުގެ، ނުރުހިވޮޑިގަތުމުގެ ބަސްފުޅެކެވެ. އޭގެ މިސާލަކީ މިއާޔަތެވެ. ﴿ وَقُلِ الحَقُّ مِن رَبِّكم فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُها ﴾ (الكهف: ٢٩) “އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން އައިސްފައިވާ ޙައްޤު ތެދެވެ. ފަހެ، ބޭނުންމީހަކު އީމާންވާށެވެ! އަދި ބޭނުންމީހަކު ކާފިރުވާށެވެ! ހަމަކަށަވަރުން، ކާފިރުވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ.”
މިސޫރަތަކީ އިޞްލާޙު ކުރެއްވުމުގެ މަނުހަޖު ބަޔާންކުރައްވައި ބާވައިލެއްވި ސޫރަތެކެވެ. މި ސޫރަތަކީ މައްކާގެ މުޝްރިކުން ކީރިތި ރަސޫލާ صلى الله عليه وسلم އަށް ހުށަހެޅުއްވި ހުށަހެޅުންތައް ޤަބޫލު ނުކުރައްވާކަމާއި، އެއީ ހެޔޮ ގޮތެއް ނޫންކަން ﷲ ތަޢާލާ އެންގެވި އެންގެވުމެކެވެ. މައްކާގެ މުޝްރިކުން ހުށަހެޅީ، އެމީހުންނާއި ކީރިތި ރަސޫލާ صلى الله عليه وسلم އާ ދެމެދުގައި އޮތް ޙައްލަކީ، އެކަލޭގެފާނު އެމީހުންގެ ދީނަށް އަހަރެއްވަންދެއް އަޅުކަން ކުރެއްވުމާއި، އެމީހުން އެކަލޭގެފާނުގެ ދީނަށް އަނެއް އަހަރު އުޅުމެވެ. އެމީހުންގެ މި ހުށަހެޅުން ބާޠިލުކުރައްވައި، މާތް ﷲ ވަޙީކުރެއްވި މި ބަސްފުޅު ވެގެންދިޔާއި، އެމީހުންގެ މައްޗަށް ގަދަފަދަވެގެންވާ ބަސްފުޅެއް ކަމުގައެވެ. އަދި ހިދުކޮޅަކަށްވެސް މައްކާގެ މުޝްރިކުންގެ އެ ހުށައެޅުމަށް އެއްބަސްވެ ރުހުން ވެގެންދާނީ، ޙައްޤާއި ބާޠިލު ހަމަހަމަ ކުރުމަކަށެވެ. އަދި އެއީ ބާޠިލު ޢަޤީދާއަށް ވެވޭ ރުހުމަކަށެވެ. ވީމާ، މިސޫރަތް ވެގެންދިޔާއި ދެބައިމީހުންގެ ދެމެދުގައި ވަކިކޮށްދޭ ފާހަގައަކަށެވެ.” (އަޟްވާއުލް ބަޔާން – މުޙައްމަދުލް އަމީނުއްޝައްޤީތީ رحمه الله )
ވީމާ، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނަ އެނގުމެއްނެތި، އަދި އެ ބަސްފުޅުތަކުގައި މާތް ﷲ އަންގަވާފައިވާ ޙުކުމްތަކާއި، އެބަސްފުޅު ބާވައިލެއްވުނު ސަބާއި، ބަސްފުޅުގައިވާ މުރާދު ފަހުމުނުވެ، ތިމާމެންގެ ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ހުރި ދަލީލެއްގެ ގޮތުގައި ކީރިތި ޤުރްއާންގެ އާޔަތްތައް ބޭނުންކުރުމަކީ ވަރަށް ނުރއްކާތެރި ކަމެކެވެ. އެކަން ހިމެނިގެންދާނީ މާތް ﷲ އާމެދު ތިމާއަށް އެނގުމެއްނުވާ ކަންކަމުގައި ބަސްބުނެ އުޅުމުގެ ތެރެއިންނެވެ. އަދި މާތް ﷲއާއި އެކަލާނގެ ދީނަށް ހެދޭ ދޮގެއް ކަމުގައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދީނަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި ދީނުގެ މަޢުލޫމާތު އުނގެނި ދަސްކޮށް، މާތް ﷲ އަމުރު ކުރެއްވި ކަންތައްތައް ކޮށް އެއިލާހު ނަހީކުރެއްވި ކަންކަމުން އެއްކިބާ ވާންޖެހޭނެއެވެ. އާޚިރަތުގައި ތިމާއަށް ކާމިޔާބާއި ފަލާޙު ލިބުންވަނީ އެގޮތުގައެވެ.
Copyright 2021 © Sheikh Hassan Moosa Fikree