ޖަނަވަރީ 21، 2024

ނަފްސުގެ ރޫޓީން ޗެކް ކުރާށެވެ!

އެކުވެރި ރަޙުމަތްތެރިޔަކު އޭނާގެ ސައިކަލު ހަދަން ގަރާޖަކަށް ގެންދިޔަ ވާހަކަ ބުނުމުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙަޔާތާ އެވާހަކައާ ގުޅުވައިލެވުނެވެ. ފުރަތަމަ އެ އެކުވެރިޔާގެ ވާހަކަ ދަންނަވާލާނަމެވެ.

ސައިކަލް ގަރާޖެއްގެ ކައިރީން އެ އެކުވެރިޔަކު ފެނުމުން ކިހިނެއްތޯ އަހާލުމުން، އޭނާގެ ހާލަތު ކިޔައިދެމުން ބުންޏެވެ. “މިއުޅެނީ ސާރވިސްކުރަން ލާފަ ހުރި ސައިކަލް ބަލާ އައިސް. އެތަނަށް ގެންދިޔައިރު ހުރީ 13000 ކިލޯމީޓަރުވަރު ދުވެފަ. ދެން މެކޭނިކު ކައިރީ އަހާލީމާ ބުނީ 10،000 ހަމަވީމަ ޖެހޭނެޔޭ ފުލް ސާރވިސްއެއް ކުރަން. ދެން ސައިކަލް ބަލާއައިސް، ފައިސާ ދައްކާފައި ދަމުން، އަލުން ދެން ސާރވިސްއެއް ކުރަންވީ ކޮން އިރަކުންތޯ އެހީމާ ބުނީ ކޮންމެ 1000 ކިލޯމީޓަރަކަށް ދުވީމާ ގެނެސް ރޫޓީން ސާރވިސް އެއް ކޮށްލުން މުހިންމުކަމަށް” ސައިކަލް ބަލަހައްޓައި ސާރވިސްކުރަން ޖެހޭލެ ގިނަ ކަމުން އޭނާހުރީ ކަންބޮޑުވެފައެވެ.

އަޅުގަނޑުމެންގެ ނަފްސަކީވެސް މިފަދަ އެއްޗެކެވެ. މި ޙަޔާތުގައި އަޅުގަނޑުމެން ލައްވައި، “ދިރުމާއި މަރުވުން” ލައްވާފައިވަނީ ހެޔޮ ޢަމަލުކުރަނީ ކޮންބައެއްތޯ އިމްތިޙާނު ކުރެއްވުމަށެވެ. އަޅުގަނޑުމެންގެ ކިބައިގައި ހަވާ ނަފްސުގެ އެދުންތަކެއް ލައްވައި، އަދި ފަސްވާސްދޭނޭ ޝައިޠާނުން ލައްވާފައިވަނީވެސް އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. މި ހުރަސްތައް ގިރާކުރުމަށްޓަކައި ތާއަބަދު ނަފްސު ހެޔޮކަމުގެ މަތީގައި ބެހެއްޓުމަށް މަސްއްކަތް ކުރުމާއި، ރެޔާދުވާލު ނަފްސު ސީދާ ކުރުމަށް ރޫޓީން ޗެކްތަކެއް ހެދުން މުހިންމެވެ.

ނަފްސު ހަމަމަގުގައި ބެހެއްޓުމުގެ އިންތިޒާމުތައް ވަނީ ފަހިކޮށްދެއްވާފައި

އިންސާނާގެ ވެރި ރައްބު ވަނީ އޭނާގެ ނަފްސު ހަމަ މަގުގައި ބެހެއްޓުމަށް ބޭނުންވާ އިންތިޒާމުތަކާއި، ނިޒާމުތައް ލައްވާފައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى) (طه 123) މާނައީ: “ފަހެ، ތިމަންރަސްކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.”

އޭގެ ތެރެއިން ބައެއް ކަންކަމަކީ، ކޮންމެ ރެޔަކާއި ދުވާލު ތަކުރާރުވާ ގޮތުގައި ލައްވާފައިވާ ކަންކަމެވެ. އަނެއްބައި ކަންކަންކަމީ ކޮންމެ ހަފްތާއަކު، އަދި ކޮންމެ މަހަކު އެއްފަހަރު ތަކުރާރުވާ ކަންކަމެއް، އަދި އަނެއްބައި ކަންކަމަކީ ކޮންމެ އަހަރަކު އެއްފަހަރު ތަކުރާރުވާ ކަންކަމެވެ.

އެއީ ސައިކަލެއް ނުވަތަ އުޅަދެއްވެސް، ކޮންމެ 1000 ކިލޯމީޓަރަކަށް ދުވީމާ ކުރަންޖެހޭ ރޫޓީން ސާރވިސްއާއި، ކޮންމެ 10000 ހަމަވީމާ ކުރަންޖެހޭ ފުލް ސާރވިސް ފަދައިންނެވެ.

ރެޔާއި ދުވާލުގައި ލައްވާފައިވާ ކަންކަން

ތެދުމަގުގައި ދެމިހުރުމަށް އެދޭ މީހާ ކުރިންޖެހޭ އަސާސީ ކަމަކީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. އެ ނަމާދުތަށް ފުރިހަމައަށް އަދާކުރާ މީހާއަށް، އެނަމާދުތަކަކީ “ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން” ރައްކާތެރިކޮށްދޭ ވަޞީލަތެކެވެ. ފަރުޟު ފަސްނަމާދު ފުރިހައަށް އަދާކުރުމާ މީހާއަށް އެ ނަމާދުތަކީ އޭނާގެ ދުނިޔެވީ ޙަޔާތާއި އަދި އުޚްރަވީ ޙަޔާތްވެސް އަލިކޮށްދެނިވި ނޫރެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًا، وَبُرْهَانًا، وَنَجَاةً يَوْمَ الْقِيَامَةِ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ، وَلَا بُرْهَانٌ، وَلَا نَجَاةٌ ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ، وَفِرْعَوْنَ، وَهَامَانَ، وَأُبَيِّ بْنِ خَلَفٍ» މާނައީ: “އެ ނަމާދަށް ރައްކާތެރިވެއްޖެ މީހަކަށް ޤިޔާމަތް ދުވަހުގައި އެނަމާދުވެގެންދާނީ އޭނާއަށް ހުރި ނޫރެއް، ބުރުހާނެއް އަދި ނަޖާތެއް ކަމުގައެވެ. އަދި އެ ނަމާދަށް ރައްކާތރެރި ނުވެއްޖެ މީހަކަށް، ނޫރެއް، ބުރުހާނެއް އަދި ނަޖާތެއް ނުވެއެވެ. އަދި ޤިޔާމަތް ދުވަހުގައި އޭނާ ވާހުށީ، ޤާރޫނާއި، ފިރުޢައުނާއި، ހާމާނާއި، އުބައްޔު ބުނު ޚަލަފާއެކުގައެވެ.”

ނަމާދަކީ ފާފައިން ޠާހިރުކޮށްދޭ އަޅުކަމެކެވެ. އަދި ފަރުޟު ފަސްނަމާދު ކުރާ މީހާއަކީ ދުވާލަކު ފަސް ފަހަރު އޭނާގެ ހަށިގަނޑު ދޮވެ ސާފުކުރާ މީހެކެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟» قَالُوا: لَا يَبْقَى مِنْ دَرَنِهِ شَيْءٌ، قَالَ: «فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللهُ بِهِنَّ الْخَطَايَا»

މާނައީ: “ތިޔަބައިމީހުންކުރެ މީހެއްގެ ގޭގެ ދޮރުމަތީގައި ކޯރެއްއޮވެ، އެ މީހަކު ކޮންމެ ދުވަހަކު ފަސް ފަހަރު، އެ ކޯރަށްއެރި، ފެންވަރާނަމަ، އެ މީހެއގެ ގައިގައި އެއްވެސް މިލައެއް ހުރެދާނެއްޔެވެ؟” އަޞްޙާބުން ދެންނެވޫއެވެ. “އެ މީހެއްގެ ހަށިގަނޑުގައި އެއްވެސް މިލައެއް ނުހުންނަހުއްޓެވެ.” ޙަދީޘް ކުރެއްވިއެވެ. “މިއީ ފަރުޟު ފަސްނަމާދުގެ މިސާލެވެ. ﷲ ތަޢާލާ އެ ނަމާދުތަކުގެ ސަބަބުން (ކުދި) ފާފަތައް ފުއްސަވައެވެ.”

ހަފްތާގެ ތެރޭގައި ލައްވާފައިވާ ކަންކަން

ކޮންމެ ހަފްތާއެއްގެ ހޯމަ ބުރާސްފަތި ދުވަހަކީވެސް ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތަށް ހުށަހެޅޭ ދުވަސްތަކެކެވެ. އެ ދެ ދުވަހު ކީރިތި ރަސޫލާ صلى الله عليه وسلم ރޯދަ ހިއްޕަވަނީ މި ސަބަބަށްޓަކައެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «تُعْرَضُ الأَعْمَالُ يَوْمَ الِاثْنَيْنِ وَالخَمِيسِ، فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ» رواه الترمذي  މާނައީ: “ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟުރަތަށް އުފުއްލެވެއެވެ. ފަހެ، ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް، ތިމަންކަލޭގެފާނުގެ ޢަމަލުތައް (އެއިލާހުގެ ޙަޟުރަތަށް) އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.”

ކޮންމެ މަހަކު އަދި އަހަރަކު ލައްވާފައިވާ ކަންކަން

މަހަކު އެއްފަހަރު ތަކުރާރުވާ ކަންކަމުގެ ތެރޭގައި، ކޮންމެ ހަނދުމަހެއްގެ ތޭރަ ސާދަ ފަނަރަވަނަ ދުވަހު ރޯދައަކީ ދަރުމައާއި ސަވާބު މަތިވެރިވެގެންވާ ހެޔޮ ޢަމަލުތަކެކެވެ.

އަހަރަކު އެއްފަހަރު ތަކުރާރުވާ ކަންކަމުގެ ތެރޭގައި، ރަމަޟާންމަހުގެ ރޯދައާއި، ފިޠުރު ޒަކާތާއި، މުދައުވެރިން އަދާކުރަންޖެހޭ މުދަލު ޒަކާތާއި، ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ ނުވައެއް އަދި ދިހަވަނަ ދުވަހުގެ) ރޯދައާއި، ޢަރާފާތް ދުވަހުގެ ރޯދަ ހިމެނެއެވެ. މިފަދައިން، ހެޔޮ ޢަމަލުތައް ތަކުރާރުވެގެންވާ ގޮތުގައި ލައްވާފައިވުމީ ތިމާގެ ވެރި ރައްބާއި، ތިމާއާއި ދެމެދުގައި އޮތް ގުޅުން ކެނޑުނަނުދީ އަލާކޮށްދޭ ކަންކަމެވެ.

ރަމަޟާންމަސް ފަދަ އަޅުކަމުގެ މައްސަރުތަކަކީ ނަފްސު ހޭލައްވާލައި، ނަފްސުގެ އުނިކަމުން އެ ނަފްސު ޠާހިރުކޮށްދެނިވި ދުވަސްވަރެކެވެ. މިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «الصَّلَوَاتُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ، وَرَمَضَانُ إِلَى رَمَضَانَ، مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ» (رواه مسلم) މާނައީ: “ފަރުޟު ފަސް ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރަށާއި، އެއް ރަމަޟާން މަހުން، އަނެއް ރަމަޟާން މަހަށް، އެ ދެމެދުގެ ވަގުތުތަކަކީ، އެ މީހަކު ބޮޑެތި ފާފަތަކުން ރައްކައުތެރިވެއްޖެނަމަ، އެ ދެމެދުގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.”

ނަފްސު ހެޔޮ މަގުން ކައްސައިލިޔަ ނުދީ ތެދުމަގުގައި ދެމިހުރުމަށްޓަކައި ހެޔޮ ޢަމަލުތަކުގެ މަތީގައި ތާއަބަދު ހުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ނަފްސު އިޞްލާޙު ކުރަން އެދޭ މީހާއަށް ހެޔޮ ކަމުގެ ފުރުޞަތުތައް ތަކުރާރުވަނިވި ގޮތުގައި ލައްވާފައިވުމީ ނުހަނު ބޮޑު ނިޢްމަތެކެވެ. އަދި އެކަންކަމަކީ ނަފްސުގެ ރޫޓީން ޗެކު ތަކެއް ކަމުގައި ހަދައިފިނަމަ، އެމީހަކީ ކާމިޔާބުވެއްޖެ މީހެއްކަން ކަށަވަރެވެ.

Copyright 2021 © Sheikh Hassan Moosa Fikree