ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގައި ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލައަށްވުރެވެސް ހަރުވެފައިވާ ރަޙުމެއް ނެތް ހިތްތަކެއް ކަމުގައިވަނީ އަންގަވާފައެވެ. ބަގަރާ (މާނައީ: ގެރި) ސޫރަތަށް އެނަން ދެވުން ގުޅިފައިވަނީވެސް މޫސާގެފާނުގެ ޒަމާނުގައި ތިބި ބަނީ އިސްރާއީލު މީހުންގެ ތެރޭގައި ހިނގި މަރުގެ ހާދިސާއެއްގައި ގެރިއެއް ކަތިލުމަށް މާތް ﷲ އަމުރުކުރެއްވި ހާދިސާއާ ގުޅިގެންނެވެ. މިވާހަކަތަކަށް ފަހުގައި ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި އެމީހުންގެ ހިތްތައް ހަރު ހިލައަށްވުރެވެސް ހަރު ކުރައްވާފައިވާކަން މާތް ﷲ ވަނީ އަންގަވާފައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاء وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللّهِ وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُونَ﴾ (البقرة: 74)
“ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ހިލަޔާ އެއްފަދައިން ނުވަތަ އެއަށްވުރެންވެސް ހަރުވެގެންދިޔައެވެ. ހަމަކަށަވަރުން، ހިލައިގެ ތެރޭގައިވެސް އެއިން ފެންއާރުތައް ދެމިގެންދާ ހިލައާއި، ފަޅަފަޅައިގެންގޮސް ފެންނިކުންނަ ހިލައާއި، ﷲ އަށް ބިރުވެތިވެ ވެއްޓިގެންއަންނަ ހިލަވެސް ވޭމެއެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކާމެދު ﷲ ޣާފިލުވެވޮޑިގެން ނުވެއެވެ.”
މި އާޔަތް ބާވައިލެއްވުނީ ބަނީ އިސްރާއީލު މީހުންނާ މެދުގައި ކަމުގައި އަލްޙާފިޡު އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. އެބައިމީހުންގެ މައްޗަށް ފޮނުވެއްވި އެތަކެއް މުޢްޖިޒާތްތަކާއި، މަރުވެފައިވާ މީހުން ދިރުއްވުންފަދަ އެއްވެސް ކަމަކުން އެމީހުންނަށް ޢިބަރަތެއް ޙާޞިލު ނުވުމުން މާތް ﷲ އެބައިމީހުންގެ ހިތްތައް ހަރު ހިލައަށްވުރެ ހަރު އެއްޗަކަށް ބަދަލުކުރެއްވިއެވެ. ﴿ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ﴾ “ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ހިލަޔާ އެއްފަދައިން ނުވަތަ އެއަށްވުރެންވެސް ހަރުވެގެންދިޔައެވެ.”
ބަނީ އިސްރާއީލު މީހުން ނުކިޔަމަންތެރިކަމުގައި ހައްދު ފަހަނައަޅައިގޮސްފައިވާތީ އާއި އެބައިމީހުންގެ އުރެދުންތެރިކަން ބޮޑުވެފައިވީ ކަމަށްޓަކައި، އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ގޮތުގައި އެބައިމީހުންގެ ހިތްތައް ހަރު އެއްޗެތި ތަކެއް ކަމުގައި ލެއްވިއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿فَبِمَا نَقْضِهِم مِّيثَاقَهُمْ وَكُفْرِهِم بَآيَاتِ اللّهِ وَقَتْلِهِمُ الأَنْبِيَاءَ بِغَيْرِ حَقًّ وَقَوْلِهِمْ قُلُوبُنَا غُلْفٌ بَلْ طَبَعَ اللّهُ عَلَيْهَا بِكُفْرِهِمْ فَلاَ يُؤْمِنُونَ إِلاَّ قَلِيلاً﴾ (النساء 155) “ފަހެ، އެއުރެންގެ ޢަހުދު އުވާލައި، އަދި އެއުރެން ﷲގެ އާޔަތްތަކަށް ކާފިރުވެ، އަދި ޙައްޤަކާނުލައި ނަބީބޭކަލުން ޤަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢްނަތް ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން ކާފިރުވުމުގެ ސަބަބުން އެ ހިތްތަކުގައި ﷲ ސިއްކަގައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ އީމާން އެއް ނުވާނެތެވެ.”
ކަންމިހެން އޮތްއިރު، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާންމުތަކާއި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކަކީ ޙައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ޔަހޫދީންނަކީ ނަބީކަމުގެ ޒަމާޏުގައި ނަބިއްޔުން ޤަތުލުކޮށް އުރެދުމުގައި ހައްދުފަހަނަ އަޅާގޮސްފައިވާ ބައެއްކަން އިސްވެބަޔާން ކުރެވުނު އާޔަތާއި އަދި އެނޫންވެސް އާޔަތްތަކުގައިވަނީ އަންގަވާފައެވެ.
ހިތް ހަރުވެ އެހިތުން ރަޙުމު ކެނޑިގެން ހިގައްޖެނަމަ، މަޢުޞޫމު ތުއްތު ކުދިންނާއި، އަންހެނުންނާއި މުސްކުޅިންނާއި ބަލިމީހުން ޤަތުލުކޮށް ހެދުމަކީ އެފަދަ ހިތްތަކެއްވެރީން ކުރާނޭ ޢަމަލުތަކެވެ. ހޮސްޕިޓާތަކަށާއި، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށާއި، ސްކޫލް މަދުރަސާތަކަށް ބޮން އަޅައި ނެތިކޮށްލާކަމީ، އެހިތްތަކުގައި އެއްވެސް ރަޙުމެއް ނެތްކަމުގެ ޢަލާމާތެކެވެ.
އެބައިމީހުންގެ ހިތްތައް ހަރުކުރެއްވިކަން އެންގެވި އާޔަތް ނިންމަވައި ލައްވަމުން މާތް ﷲ ވަޙީކުރައްވާފައިވަނީ، ﴿ وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُونَ﴾ “އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކާމެދު ﷲ ޣާފިލުވެވޮޑިގެން ނުވެއެވެ.” އެބައިމީހުންގެ ހައްދުފަހަނަ އެޅުމާއި، އުރެދުމާއި އަނިޔާވެރިކަމާއި ރަހުމެއްނެތް ކަމުން، އެބައިމީހުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް މާތް ﷲ ބައްލަވާ ވޮޑިގެންވެއެވެ. އަދި އާޚިރަތުގައި އެ ޢަމަލުތަކަށް ފުރިހަމަ ޖަޒާ ދެއްވާނެތެވެ.
Copyright 2021 © Sheikh Hassan Moosa Fikree