ރިޔާސީ އިންތިޚާބާ ގުޅިގެން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ފައިސާ ބަހާ ވާހަކައެވެ. ރިޝުވަތު ދޭ ވާހަކައެވެ. އާންމުގެ ތެރެއިން ގިނަ ބަޔަކު ރިޝްވަތު ބެހުމުގައާއި ރިޝްވަތު ހިފުމުގައި ބައިވެރިވާ ވާހަކައެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރިޝްވަތު ނުހިފާންވީ ސަބަބެއް ނެތެވެ. ރިޔާސީ އިންތިޚާބު ނުވަތަ މަޖްލިސް އިންތިޚާބުގައި މެނުވީ މެންބަރުންގެ ނުވަތަ ރިޔާސީ ކެންޑިޑޭޓުންގެ ފައިދާއެއް މީސްތަކުންނަކަށް ނުލިބޭ ކަމުގައި އެމީހުން ބުނެއެވެ. އެއް ބަޔަކު ދެކޭގޮތުގައި ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާގައި ހިފިއެއްކަމަކު، އެ ފައިސާ ބަހާ ކެންޑިޑޭޓަށް ވޯޓު ލާކަށް ނުޖެހޭނެއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެ ފައިސާގައި ހިފައި، ވަކި މީހަކަށް ތާއިދު ކުރުމަށް އެއްބަސްވެއްޖެނަމަ، އެ ވަޢުދު ފުއްދަންޖެހެއެވެ.
ރިޝްވަތުދިނުމާއި ރިޝްވަތު ހިފުމަކީ ބޮޑުފާފައެއް
މާ ލުއިލުއިކޮށް ދެކެވިފައި އޮންނަ ރިޝްވަތުގެ މުޢާމަލާތަކީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ފާފައެކެވެ. ބޮޑެތި كبائر ނުވަތަ ބޮޑެތި ފާފަތަކަކީ، އެ ފާފަތަކަށް މާތް ﷲ ގެ ކޯފާ ނުވަތަ ނަރަކައިގެ އަޒާބު ނުވަތަ ކައްވަޅުގެ އަޒާބު ނުވަތަ މާތްﷲ ގެ ލަޢްނަތް ލެއްވިގެންވާކަމުގައި ޤުރްއާނާއި ސުންނަތުގައި ނުވަތަ އެއިން މަސްދަރެއްގައި ބަޔާންކުރެވިފައިވާ ފާފަތަކެވެ.
މިގޮތުން ބަލާއިރު ރިޝްވަތު ހިފުމަކީ ބޮޑުފާފައެކެވެ. އެއީ ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ވަނީ ލަޢްނަތް ލައްވާފައެވެ.
عَنْ عَبْدِ اَللَّهِ بْنِ عَمْرِوٍ -رَضِيَ اَللَّهُ عَنْهُمَا- قَالَ: ” لَعَنَ رَسُولُ اَللَّهِ - صلى الله عليه وسلم -اَلرَّاشِي وَالْمُرْتَشِيَ ” (رَوَاهُ أَبُو دَاوُدَ, وَاَلتِّرْمِذِيُّ وَصَحَّحَهُ)
މާނައީ: ޢަބްދު ﷲ ބުނު ޢަމްރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލާ صلى الله عليه وسلم ލަޢްނަތް ލެވިއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި، ރިޝްވަތު ދިނުމަށް މެދުވެރިވެ އެދެމެދުގައި ހިނގާ މީހާއަށްވެސް ލަޢްނަތް ހުރިކަންވަނީ ބަޔާންކުރައްވާފައެވެ.
ލަޢްނަތް ލެވިގެންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ޢަރަބި ބަހުގައި ލަޢްނަތުގެ މާނައަކީ ބޭރުކޮށްލައި ދުރުކޮށްލުމެވެ.
ޢަރަބި ބަހުގެ ބޮޑު ޢާލިމެއް ކަމުގައިވާ ابن منظور رحمه الله އެކަލޭގެފާނުގެ لسان العرب އޭކިނު ފޮތުގައި ލިޔުއްވާފައިވެއެވެ. “ލަޢްނަތް ލެވިގެންވުމަކީ، ބޭރުކޮށްލެވި ދުރުކޮށްލެވި، ހުރިހާ ހެޔޮކަމަކުން އެއްކިބާކުރެވިގެންވުމެވެ. އަދި ބުނެވެއެވެ. އެއީ މާތް ﷲ ގެ އަރިހުން ދުރުކުރައްވައި ބޭރުކުރެއްވިގެންވުމެވެ. އަދި މީސްތަކުން ލަޢްނަތް ދިނުމުގެ މާނައަކީ އެބައިމީހުން ފުރައްސާރައާއި ބަދުދުޢާ ލިބުމެވެ.”
الراغب رحمه الله ވިދާޅުވެފައިވެއެވެ. “ލަޢްނަތަކީ ރުޅިއައިސްގެ ބޭރުކޮށްލައި ދުރުކޮށްލުމެވެ. މާތް ﷲ ގެ ޙަޟުރަތުން ލަޢްނަތް ލެވިގެންވުމަކީ، އާޚިރަތުގައި ޢުޤޫބާތް ދެއްވުމެވެ. ދުނިޔޭގައި އެއިލާހުގެ ރަޙަމަތް މެދުކެނޑި، އޭނާއަށް ކަންކަމުގައި ހެޔޮ ތައުފީޤު ދެއްވުމުން އެކިބާކުރެއްވުމެވެ. އިންސާނަކު ލަޢްނަތް ދިނުމަކީ އަނޭކާގެ މައްޗަށް (ބަދު) ދުޢާ (ބަދު ބަސްތަކެއް ރައްދު) ކުރުމެވެ.” مفردات ألفاظ القرآن (2/ 339)
ބޮޑު ފާފައަކަށް އަރައިގަނެވިއްޖެނަމަ ދެން ހަދާނީ ކިހިނެއް
ބޮޑު ފާފައަކަށް އަރައިގަނެވިއްޖެ މީހަކަށް އޮތީ ތެދުވެރި ތައުބާއެއް ވުމެވެ. ތެދުވެރި ތައުބާއެއްވެޖެނަމަ މާތް ﷲ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވާނައެވެ. ތެދުވެރި ތައުބާއެއްގެ ޝަރުޠަކަކީ؛
އެކެއް: ކުރެވުނު ކުށް ފާފައާމެދު ދެރަވެ ހިތާމަކުރުން
ދޭއް: އެފާފައިން ދުރުހެލިވުމާއި އިތުރަށް އެފާފަ ނުކުރުމަށް އަޒުމު ކަނޑައެޅުން
ތިނެއް: ފާފަ ފުއްސެވުން އެދި ދުޢާކުރުމާއި ހެޔޮ ޢަމަލުކުރުން ގިނަ ކުރުން.
ފާފަތަކަކީ އާދައިގެ ކަމެއް ނޫން
ފާފަތަކަކީ މާ އާދައިގެ ކަމެއްކަމުގައި ދެކެވުމަކީވެސް އަބާއްޖަވެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ޞާޙާބީންނަށް ކުދި ކުދި ފާފަތައް އެބޭކަލުން ދެކެވަޑައިގަތީ ބޯމައްޗަށް ވެޓިދާނޭފަދަ ބޮޑު ފަރުބަދައެއްގެ ގޮތުގައެވެ. އެންމެ ކުދިކުދި ފާފައަކީވެސް އެހާ ބިރުވެރި އެއްޗެއްގެ ގޮތުގައި އެބޭކަލުންނަށް އިޙްޞާޞް ކުރެއްވުނެވެ.
ޒަމާންބަދަލުވެ ފިތުނަ ފަސާދަ އާންމުވެގެން ގޮސްފައިވާ މި ޒަމާނުގައި އެންމެ ބޮޑެތި ފާފަތަކަކީވެސް މާ ބޮޑު ކަމެއްކަމުގައި މީސްތަކުންނަށް ހީނުވާކަލަހައެވެ. އަދި އެފާފަތަކަށް ރެއާ ދުވާލު އަރައިގަތުމުގައި ތިބޭއިރުވެސް ހިތަށް އެއްވެސް ބިރުވެތިކަމެއް ނުވަދެއެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ދޭ ހަދިޔާއާއި ބަހާ ފައިސާ ނުވަތަ މުދަލުގައި ހިފުމަކީވެސް ރިޝްވަތު ހިފުމެވެ. ރިޝްވަތު ދޭ މީހާއަށާއި، ރިޝްވަތު ބަހައިދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށްވެސް މާތް ﷲ ވަނީ ލަޢްނަތް ލައްވާފައެވެ. ރިޝްވަތުން ލިބޭ މަންފާގައި އެއްވެސް ބަރަކާތެއް ނުހުންނާނެވެ. ކިތަންމެ ގިނަ ފައިސާއާއި މުދަލެއް ލިބުނުކަމުގައިވިޔަސް އެއްޗެއްގައި ބަރަކާތެއްނެތް މުދަލަކީ ތިމާއަށް އެއިން މާބޮޑު ރާހަތެއް، ހަމަޖެހުމެއް ލިބޭނޭ އެއްޗެއް ނޫނެވެ. އަދި ޙަރާމް ގޮތުގައި ހޯދާފައިސާ އާއި މުދާ ބޭނުންކުރާ މީހާގެ ހަށިގަނޑު އެންމެ ޙައްޤުކަން ބޮޑީ ނަރަކަށެވެ.
އޭ ލޮބުވެތިން އަޚުންނާއި އުޚްތުންނޭވެ! ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުން އެއްކިބާވެ ދުރުހެލިވާށެވެ.
Copyright 2021 © Sheikh Hassan Moosa Fikree