އެމީހުންގެ އެންމެ ބޮޑު އެއް ޤަވާޢިދަކީ ގިނަބަޔަކު ތަބާވާގޮތްތަކަށް (ޖާހިލުކަމާއެކު) ރުހުގިގެން ތިބުމުވެ. އަދި ކަމެއްގެ ރަނގަޅުނުބައި ދެނެގަތުމުގެ ޙުއްޖަތެއްކަމުގައި އެކަން ހަދައެވެ. (އެބަހީ: ކަމެއްގައި ގިނަ ބަޔަކު އެގޮތަކަށް ޢަމަލުކުރަނީ އެގޮތެއް ރަނގަޅުވުމުންކަމުގައި ދެކެއެވެ.) އަދި ބާޠިލުކަމެއްގެ ދަލީލަކީ ބައިމަދުވުމުން، ނުވަތަ ބީރައްޓެހިވުން ކަމުގައި ދެކެއެވެ. (ކީރިތި ރަސޫލާ صلى الله عليه وسلم ގެ) ގޮވައިލެއްވެވީ އެއާއި ޚިލާފުވުމަށެވެ. އަދި ކީރިތި ޤުރްއާނުގައި ތަފާތު މަޤާމުތަކުގައި އެކަންވަނީ ބަޔާންކުރައްވާފައެވެ.
[މިބާބުގައި މުޞައްނިފު ބަޔާންކޮށްދެއްވާފައި އެވަނީ ޖާހިލިއްޔަ ޒަމާނުގެ އުޞޫލުތަކުގެ ތެރެއިން ވަރަށް މުހިންމު އުޞޫލެކެވެ.
އެއީ ޙައްޤުގެމަގު ނުވަތަ ޙައްޤުވެގެންވާ ގޮތްކަމުގައި އެމީހުންދެކެނީ ގިނަބަޔަކު އެކަމަށް ތަބާވުން ކަމުގައެވެ. އަދި މަދު ބަޔަކު ތަބާވާނަމަ، ނުވަތަ މަދުބަޔަކު ޤަބޫލުކުރާ ގޮތް އެއީ ބާޠިލުވެގެންވާ، ޙައްޤު ނޫން ގޮތްކަމުގައި ޤަބޫލުކުރެއެވެ. ޙައްޤާއި ބާޠިލު ވަކިކުރުމުގެ ތިލަފަތީ އެމީހުންގެ ގާތުގައި މިއީއެވެ. އެކަމަކު އެއީ ބޮޑުވެގެންވާ އޮޅުމެކެވެ.
އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَإِن تُطِعْ أَكْثَرَ مَن فِي الأَرْضِ يُضِلُّوكَ عَن سَبِيلِ اللّهِ إِن يَتَّبِعُونَ إِلاَّ الظَّنَّ وَإِنْ هُمْ إِلاَّ يَخْرُصُونَ” (الأنعام : 116 ) މާނައި: “އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބާ ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “وَمَا وَجَدْنَا لأَكْثَرِهِم مِّنْ عَهْدٍ وَإِن وَجَدْنَا أَكْثَرَهُمْ لَفَاسِقِينَ” (الأعراف : 102) މާނައި: “އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް ޢަހުދެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، ފާސިޤުން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ.”
އެހެންކަމުން ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ތިލަފަތަކީ މީސްތަކުންގެ ގިނަކަމާއި މަދުކަމެއް ނޫނެވެ. ހެޔޮ ނުބައި ވަކިކޮށް ދެނެގަތުމުގެ ތިލަފަތަކީ ޙައްޤުގެ މަގެވެ. ޙައްޤުކަމުގައިވާ ކޮންމެ އެއްޗެއް އެއީ ހެޔޮވެގެންވާ އެއްޗެކެވެ. އަދި ތަބާވާން ޖެހެނީވެސް ޙައްޤަށެވެ.
ބާޠިލު ގޮތްތަކަށް ތަބާވާ ކިތަންމެ ގިނަބަޔަކު ތިބިކަމުގައިވިޔަސް އެކަމަށް ހެއްލުންތެރިނުވުމާއި އެކަން ޤަބޫލުކޮށްގެން ނުވާނެއެވެ. އެހެނީ އަޞްލަކީ ޙައްޤުވެގެންވާ ގޮތް ހޯދައި އެގޮތަށް ތަބާވުމެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. الحق لا يعرف بالرجال، وإنما يعرف الرجال بالحق “ޙައްޤު ދަނެގަތުމަށް މީސްތަކުންނަށް ބަލައިގެން ނޭނގޭނެއެވެ. ނަމަވެސް މީސްތަކުން ދެނެގަންނަން ޖެހޭނީ ޙައްޤަށްތަބާވާ ބަޔަކު ބަލައިގެންނެވެ.”
ޙައްޤުގެ މަގަށް ތަބާވަނީ ބައެއް ފަހަރު މަދު ބަޔަކުކަމުގައި، އިހުގެ އުއްމަތްތައްކުގެ ވާހަކަ ވަޙީކުރައްވާފައިވާ މާތް ﷲ ގެ ބަސްފުޅުތަކުގައިވެއެވެ. “وَمَا آمَنَ مَعَهُ إِلاَّ قَلِيلٌ” (هود : 40 ) މާނައި: “މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ (ނޫހުގެފާނުގެ) އަރިހުގައި އީމާންވެގެންނެއް ނުވެތެވެ.”
މާތް ނަބިއްޔާއަށް އުއްމަތްތައް ދެއްކެވުނު ކަމުގައި ބަޔާންވެގެންވާ ޙަދީޘްފުޅުގައިވެސް ބައެއް ނަބިއްޔުންނާއެކުގައި މަދު މީސްކޮޅެއް، އަނެއްބައި ނަބިއްޔުން ނާއެކުގައި މަދެތިން މީހުން، އަދި ބައެއް ނަބީބޭކަލުންނާއެކުގައި އެކަކުވެސް ނުވާކަމުގައި ބޭކަލުން ދެކެވަޑައިގެންކަމުގައި ވާރިދުވެގެންވެއެވެ.
އެހެންކަމުން ކަމެއްގެ ހެޔޮ ނުބައި ދެނެގަނެވޭނީ މީސްތަކުންގެ ގިނަމަދުކަމަށް ބަލައިގެނެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއވެ. “وَإِن تُطِعْ أَكْثَرَ مَن فِي الأَرْضِ يُضِلُّوكَ عَن سَبِيلِ اللّهِ” (الأنعام : 116 ) މާނައި: “އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ.”
މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا” މާނައީ: “އިސްލާމް ދީން ފެށިގެންއައީ ބީރައްޓިކަމާއެކުގައެވެ. އަދި ނިމިގެންދާނީވެސް ފެށުނުފައިދައިން ބީރައްޓެހިކަމާއެކުގައެވެ.”]
ނޯޓް: އަޅުގަނޑުގެ މިލިޔުން ވިދާޅުވާ ބޭފަޅަކު، މިޒަމާނުގެ ޑިމޮކްރަސީއާއި އދ ގައި އޮންނަ ވީޓޯކުރުމުގެ އުޞޫލާއި މިކަންކަމުގެ މައްޗަށް ވިސްނައިލުން އެދެމެވެ.
{މި ލިޔުމަކީ “އަލްމަސާއިލުލްޖާހިލިއްޔާ” ފޮތުން ތަރުޖަމާކުރަމުންދިޔަ ސިލްސިލާ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.}
Copyright 2021 © Sheikh Hassan Moosa Fikree