އޮގަސްޓު 21، 2015

ބާރުބޮޑުވެފައިވާ ދިވެހި ރާއްޖެ

« إِذَا خَرَجَ ثَلاَثَةٌ فِى سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ » “ތިޔަބައިމީހުންގެ ތެރެއިން ތިންމީހަކު ދަތުރެއް ކުރަނީނަމަ އެމީހުންގެ ތެރެއިން އެކަކު އެދަތުރުގެ އަމީރެއް ކަމުގައި ހަދާށެވެ.” އަބޫ ދާވޫދު ރިވާކުރައްވާފައިވާ މި ޞައްޙަ ޙަދީޘްފުޅުގައި އެވެވަނީ ކީރިތި މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މިއުއްމަތަށް ދެއްވާފައިވާ އަގުމާތް އިރުޝާދު ފުޅެކެވެ. ތިންމީހުންނަކީ ޖަމާޢަތެކެވެ. ޖަޢާތެއްގެ ތެރޭގައި އަބަދުވެސް އެމީހުން ޢައްޔަނު ކުރާ ވެރިއެއް ހުންނަން ޖެހޭނެއެވެ. އެއީ އެބައިމީހުންގެ މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތައް ނައްތާލައި، ދެބަސްވުންތަކުގައި އެންމެ ފަހުބަސް ބުނާ މީހެއްގެ ގޮތުގައެވެ.

ޚިޔާނާތާއި ރިޝްވަތާއި މަކަރާއި ހީލަތާއި އަދިވެސް ޣައްދާރުވެރި ޞިފަތަކުގެ ތެރެއިން ނަން ކިޔޭ ހުރިހާ ޞިފަތަކެއް އަޅުގަނޑުމެންގެ ތެރެއަށް އާންމުވެފައިވާ މިޒަމާނުގައި، އެއްބަޔަކު ކުރާ ކަންތައްތަކަށް ފާރަވެރިވެ ބަލައި، އެކަންތައްތައް ހުއްޓުވާނޭ އެހެންބަޔަކު ތިބުމަކީ މުހިންމުކަމެއް ކަމުގައި ވެދާނެއެވެ! ނަމަވެސް ތާއަބަދުމެ ތިމާމެންގެ ޢަމަލުތައް ބައްލަވައިވޮޑިގަންވާ އިލާހުގެ ބެއްލެވުން ހަދާންނުވާ ބަޔަކު، އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ތެދުވެރި ނުވި ބަޔަކު، ދޮގާ މަކަރުން އެއްކިބާވެ އަނެކުންނަށް ތެދުވެރިވާނޭ ހެއްޔެވެ. ނުވާނެއެވެ. ނުވެސް ވެވޭނެއެވެ.

އަޅުގަނޑުމެންގެ ކަންތައްތައް ކުރަންވީ ތަރުތީބުތަކާއި ނިޒާމުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންގަވާދެއްވާފައެވެ. އެކަލާނގެ ބަސްފުޅުތަކުގައްޔާއި މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަށް މެދުވެރިކޮށެވެ. އޭގެ އިތުރުން މިކައުނުގައިވާ އެކަލާނގެ ހެއްދެވި މަޚުލޫޤުންގެ ޒަރީޢާއިންނެވެ.

އެގޮތުން ބަލާއިރު ތިމާމެންގެ ކަންތައްތަކުގައި އެކަކު ވެރިކުރުމަކީ އެކަލާނގެ ކައުނީ އަދި ޝަރުޢީ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިސާލެއްގެ ގޮތުގައި، ރެޔަކާއި ދުވާލު ކުރެވޭ ފަރުޟު ފަސްނަމާދަށް ބަލައިލަމާތޯއެވެ. އެއްވެރިޔެއްގެ ކޮމާންޑުގެ ދަށުގައި ކުރެވޭ އަޅުކަމެކެވެ. އެތައް ބައިވަރު ވެރިންތަކެއް ތިބެއްޖެނަމަ އެއަޅުކަމުގެ މުޅި ނިޒާމު ގެއްލިގެން ދާނޭތީވެ، އަޅުގަނޑުމެންނަށް އަމަރު ކުރެވިގެންވަނީ އެއްވެރިޔަކަށް ތަބާވާށެވެ.

ހަމައެފަދައިން ޢާއިލީ ދިރިއުޅުމަށް ބަލައިލަމާތޯއެވެ. ފިރިމީހާއަކީ ޢާއިލާގެ ޒިންމާތައް އުފުލަންޖެހޭ އިސްފަރާތެވެ. އޭނާގެ ދަށުން ނާއިބެއްގެ ގޮތުގައި މަސައްކަތް ކުރާ މީހާއަކީ އޭނާގެ ލޯބިވާ އަނބި މީހާއެވެ. އޭނާގެ ޚަޒާނާގެ ތަޅުދަނޑިތަކާއި، އޭނާގެ ދަނޑުގޮވާން ބަލަހެއްޓުމުގެ އެންމެހައި ޒިންމާއެއް ޙަވާލުވެވިގެންވަނީ އެ ލޮބުވެތި އަނބިމީހާއާއެވެ. ނަމަވެސް އެންމެ ވެރިޔެކެވެ. ދެމީހުން ވެރިކަން ކުރަންވެއްޖެއްޔާ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަމަށް އަޅުގަނޑުމެން އީމާންވެގެން ތިބޭޙާލު، ވިސްނާ ފިކުރު ކުރުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. އެކަލާނގ ކައުނުގައި ލައްވާފައިވާ އެންމެހައި ކަންތައްތަކެއްގައި މިދެންނެވި ސިފަ ހުރުމާއެކުމެ، އެކަލާނގެ ރަސްކަންފުޅާއެކުގައި އެހެން އިލާހުންތަކެއް ބައިވެރިވުމުން އެކަލާނގެ ބަރީޢަވެގެންވެއެވެ. އަދި އެފަދައިން މިކައުނުގައި އިތުރު އިލާހުންތަކެއްވާނަމަ މުޅި ކާއިނާތު ހަލާކުވެ، މިކައުނުގެ ނިޒާމުތައް ނެތިގެން ގެއްލިގެން ހިނގައިދާނޭކަމުގައިވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ އާޔަތްތަކެއްގައިވެއެވެ.

“مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذاً لَّذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ” (المؤمنون : 91)

މާނައީ: “اللَّه، އެއްވެސް ދަރިކަލަކު ނުހިއްޕަވަތެވެ. އަދި އެކަލާނގެއާއެކު، އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެހެން (އިލާހަކު) ވީނަމަ، ކޮންމެ އިލާހަކުމެ، އެ އިލާހަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މަތިވެރިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ. އެމީހުން އެ ސިފަކުރާ ގޮތްތަކުން
اللَّه ހުސްޠާހިރުވެވޮޑިގެންވެއެވެ.”

“لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ” (الأنبياء: 22)

މާނައީ: “އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ އިލާހުންތަކެއް ވީނަމަ،
އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ، އެއުރެން އެ ސިފަކޮށް ބުނާކަންތަކުން، ޢަރުޝީގެވެރި اللَّه، ހުސްޠާހިރުވެވޮޑިގެންވެއެވެ.”

 

މިއަދު އަޅުގަނޑުމެންގެ ތެރޭގައިވެސް ޖެހިގެން އުޅޭ މައްސަލައަކީ މިއީއެވެ. ދާދި މިދާކައްދުވަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ނިންމެވުމެއް އަޑުއިވިގެންދިޔައެވެ. އެއީ އެބޭފުޅާއަކީ ވަގުތީ ބޭފުޅެއްނޫންކަމާއި އެބޭފުޅާގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ނިންމެވި ޚަބަރެވެ. ހަމައެފައިން މިއަދު މިއިވެނީ، ވެރިކަންކުރާ ބާރުގެ މައްޗަށް ދެންއޮތް ބާރުން އަތް ގަދަކުރާތީ އެކަން ހުއްޓުވަންޖެހޭ ވާހަކައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ދެން އޮތް ބާރުގައި ހިމެނޭ އެންމެން ޚިޔާނާތްތެރިވެ ރިޝްވަތު ހިފިކަމުގެ ތުހުމަތު ކުރެވިގެންނެވެ. މިހެންގޮސް މިތިންބާރު މުޅީން އެކުގައި މަސްހުނިވެ ބާރުތައް ފުށޫ އަރަމުން މިދަނީ އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައެވެ. އެކަލާނގެ ބަސްފުޅުތަކުގެ ތެދުކަން މިހިރަގެންދަނީ ފެންމުންނެވެ.

“قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذاً لاَّبْتَغَوْاْ إِلَى ذِي الْعَرْشِ سَبِيلاً” (الإسراء : 42)

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން ބުނާފަދައިން، އެކަލާނގެއާއެކު އިލާހުންތަކެއް ވާނަމަ، އެހިނދު، ޢަރުޝީގެ ވެރިރަސްކަލާނގެއާ ދެކޮޅަށް މަގެއް ހޯދުމަށް، އެ އިލާހުންތައް އެދުނީސްކަން ކަށަވަރެވެ.”

Copyright 2021 © Sheikh Hassan Moosa Fikree