عن أبي هريرة رضي الله عنه قال : إِنَّ فُقَرَاءَ الْمُهَاجِرِينَ أَتَوْا رَسُولَ اللَّهِ صلى الله عليه وسلم فَقَالُوا : ” قَدْ ذَهَبَ أَهْلُ الدُّثُورِ بِالدَّرَجَاتِ الْعُلَى وَالنَّعِيمِ الْمُقِيمِ ” فَقَال {وَمَا ذَاك} قَالُوا : ” يُصَلُّونَ كَمَا نُصَلِّي وَيَصُومُونَ كَمَا نَصُومُ ، وَيَتَصَدَّقُونَ وَلا َنَتَصَدَّقُ وَيُعْتِقُونَ وَلاَ نُعْتِقُ ” ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم {أَفَلاَ أُعَلِّمُكُمْ شَيْئاً تُدْرِكُونَ بِهِ مَنْ سَبَقَكُمْ وَتَسْبِقُونَ بِهِ مَنْ بَعْدَكُمْ وَلاَ يَكُونُ أَحَدٌ أَفْضَلَ مِنْكُمْ إِلاَّ مَنْ صَنَعَ مِثْلَ مَا صَنَعْتُم} قَالُوا :” بَلَى يَا رَسُولَ اللَّهِ ” قَال {تُسَبِّحُونَ وَتُكَبِّرُونَ وَتَحْمَدُونَ دُبُرَ كُلِّ صَلاَةٍ ثَلاَثاً وَثَلاَثِينَ مَرَّة} ..
فَرَجَعَ فُقَرَاءُ الْمُهَاجِرِينَ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالُوا :” سَمِعَ إِخْوَانُنَا أَهْلُ الأَمْوَالِ بِمَا فَعَلْنَا فَفَعَلُوا مِثْلَهُ ” فَقَالَ رَسُولُ اللَّهِ صلى الله عليه وسلم {ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاء} – رواه البخاري ومسلم
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މުހާޖިރުންގެ ތެރެއިން ފަޤީރުބޭކަލުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އަދި ދެންނެވިއެވެ. “މުއްސަނދިންތައް މަތިވެރި ދަރަޖަތަކާއި ދެމިގެންވާ ނިޢްމަތައް ހޯދުމުގައި ކުރިއަރައި ހިނގައްޖެއެވެ.” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކިހިނެއް ވީތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ. “އެބައިމީހުންވެސް އަހަރުމެން ކުރާފަދައިން ނަމާދުކޮށް ރޯދަހިފައި އެކަމުގެ ދަރުމަހޯދަތެވެ. އަދި ޞަދަޤާތްކޮށް އަޅުން މިނިވަންކޮށް ހެދުމުން، އެކަމުގެ ދަރުމަޔާއި ސަވާބުވެސް އެމީހުންނަށް ލިބޭނެތެވެ. އަހަރުމެންނަށް ޞަދަޤާތްކުރާނޭފަދަ ތަނަވަސްކަމެއް އަޅުންމިނިވަންކުރުމުގެ ތަނަވަސްކަމެއް ނެތުމުން އެކަމުގެ މަތިވެރި ދަރުމަޔާއި ސަވާބު ލިބޭނީ ކިހިނަކުން ހެއްޔެވެ؟”
އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެ ޢަމަލެއް ކުރުމުން، ތިޔަބައިމީހުންނަށްވެރެ ކުރިއަރާ ދިޔަ މީހުންނާ އެއްވަރު ކުރެވި، ތިޔަބައިމީހުންގެ ފަހުން އަންނަން ތިބި މީހުންނަށްވުރެ ކުރިއަރާ ދެވޭނޭފަދަ ހެޔޮ ޢަމަލެއް ތިމަންކަލޭގެފާނު އުނގަންނަވައި ދެއްވަންތޯއެވެ؟ އަދި ތިޔަބައިމީހުން ފަދައިން އެ ހެޔޮ ޢަމަލު ކުރުމުން މެނުވީ، ތިޔަބައިމީހުންނަށްވުރެ ހެޔޮވެގެންވާ ދެވަނަ ބަޔަކުނުވާނެވެއެވެ.”
އެބޭކަލުން ދެންނެވިއެވެ. “އާދޭހެވެ.”
އެހިނދު ޙަދީޘްކުރެއްވިއެވެ. “ކޮންމެ ނަމާދަކަށްފަހު، ތިރީސް ތިންފަހަރު ތަސްބީޙަ ތަކްބީރު ތަޙްމީދުކުރާށެވެ.”
(ތަސްބީޙަ އަކީ سبحان الله ކިޔުމެވެ. ތަކްބީރަކީ الله أكبر ކިޔުމެވެ. ތަޙްމީދަކީ الحمد لله ކިޔުމެވެ.)
އަނެއްކާވެސް އެބޭކަލުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “އަހަރުމެންގެ އަޚުންގެ ތެރެއިން މުދަލުގެ އަހުލުވެރިންނަށް، ކަލޭގެފާނު އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވި ކަންކަން އެނގި، އެފަދައިން އެބޭކަލުންވެސް ޢަމަލުކުރަން ފަށައިފިއެވެ.” (އެބަހީ: ތިމަންމެން ކުރާފަދައިން ޒިކުރު ކުރަންފެށުމުން އެކަމުގައި އެބޭކަލުން ތިމަންމެނާ އަރާ ހަމަކުރާނެއެވެ. އަދި ޞަދަޤާތްކުރުމާއި މުދަލުން ހޭދަކުރުމުގައި އެބޭކަލުން އަނެއްކާވެސް ތިމަންމެނަށްވުރެ ކުރިއަރާނެތެވެ.)
އެހިނދު ޙަދީޘް ކުރެއްވިއެވެ. “އެއީ މާތް ﷲ އެކަލާނގެ އެދިލެއްވި އަޅަކަށް ދެއްވާ، އެކަލާނގެ ފަޟުލަވަންތަވެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.”
Copyright 2021 © Sheikh Hassan Moosa Fikree