ޖުލައި 09، 2015

ފިކުރު

މުނިފޫހި ފިލުވުމުގެ ދާއިރާގައި ލިޔާ ވާހަކަތަކުގައި އިސްލާމީ މުޖްތަމަޢެއްގައި އިޝްތިހާރުކޮށްގެން ނުވާނޭފަދަ ހާދިސާތައް ކިޔައިދީފައި ހުންނީ މަދެއްކޮށް ނޫނެވެ. އެފަދަ ކުރު ވާހަކަތަކާއި ދިގު ވާހަކަތައްވެސް ރާއްޖޭގެ މުޖްތަމަޢުގައި ޝާއިޢުކުރެއްވިފައި އެބަހުއްޓެވެ. އެފަދަ ލިޔުންތައް ކިޔާ، އެއާމެދު ވިސްނާ ފިކުރުކުރާ މީހުންނަށް އެފަދަ ލިޔުންތެރިންނަކީ ކޮބައިކަންވެސް އެނގެއެވެ. އަދި އެފަދަ ލިޔުންތައް ހުންނާނީ ކޮންތަނެއްގައިކަންވެސް އެނގެއެވެ.

ދާދި ފަހުން އޮންލައިން ނޫހެއްގެ މުނިފޫހިފުލުވައިދޭ ކޮލަމްގައި އޮތް ވާހަކައެއް ކިޔައިލީމެވެ. ނަމަވެސް އަޅުގަނޑަށް އެނގުނު ގޮތުގައި އެއީ ހަމައެކަނި ޚިޔާލީ ވާހަކައެއް ނޫނެވެ. އަދި އެއީ އަމިއްލަ ނަފްސުގެ މައްޗަށް މީހަކު ދައްކަމުގޮސްފައިވާ ހުސް ވާހަކަތަކެއްވެސް ނުމެނޫންމެއެވެ. ބޭރުފުށަށް ބަލާބެލުމަށް އެއީ މާނަފުން އެއްޗެއްކަމުގައި ނުފެނިދާނެއެވެ. ކިޔާމީހުންނަށް އޭގެ މަައިގަނޑަކީ ދެކޮޅު ޖެހޭ އެއްޗެއް ނޫންކަމުގައިވެސް ހީވެދާނެއެވެ. ކިޔުންތެރިންގެ އަރުތެރޭގައި މިހުރިހާ ރަހަތަކެއްވެސް ހުރިކަން ކޮމެންޓުތައް ކިޔައިލުމުން އެނގުނެވެ.

ވާހަކަ ވައްތަރީ “ޝައިޠާނިޒަމްގެ” މައުޟޫޢަކާއޭވެސް ބައެއް ފަހަރު ހިތަށްއަރައެވެ. އަނެއްބައިފަހަރު އެއީ “އިލުމިނާޓީ” ގުރޫޕްގެ ކޮންސްޕިރަސީ އެކޭވެސް ހިތައްއަރައެވެ. މުޅި ވާހަކައިގައި ސިފަކޮށްދީފައިވަނީ “ކަލްޓް” އެކެވެ. “ފްރީމޭސަނަރީ” ފަދަ މާލޭގައި އުފެދިފައިވާ އެފަދަ ޖަމާޢަތެއްގެ ސިފަކުރުންތައް އެވާހަކައިގައި ކިޔުންތެރިންނަށް ތަޞައްވަރުކޮށްދޭ ލިޔުންތެރިޔާ މަސައްކަތް ކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ލިޔުމުން ތަންކޮޅެއް ނަކަލުކޮށްލާނަމަވެ. “ޙަޔާތުގެ ހަމަޖެހުމަކީ އެކަނިވެރިކަމެވެ. އެކަނިވެރިކަމަކީ ހަޔާތުގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ލޯބިވާން ޖެހެނީ ނަފްސުދެކެއެވެ. ނަފްސުގެ އެދުން ފުއްދުމަކީ ދިރިއުޅުމުގެ އަރާމެވެ. މި އުފާވރިކަން ހާސިލުކުރުމަށް ވަކި ޖިންސަކަށް ވަކި ފެންވަރަކަށް ތަފާތުކޮށްގެން ނުވާނެއެވެ.”

ޢިބާރާތްތައް ވިސްނައިނުލާ ކިޔައިފި މީހަކަށް މާބޮޑު އެއްޗެއް ދޭހައެއް ނުވާނެއެވެ. ލިޔުންތެރިޔާގެ ވާހަކަތައް ވައްތަރުވާނީ ބޮޑު ހާސަރު ބޮނޑިއަކާއެވެ. ދީނީ ނަޒަރަކުން ވިސްނާލާއިރު، މި ޕެރެގުރާފްގައިވަނީ މުޅިންވެސް އިސްލާމް ދީނާ ޚިލާފު ވާހަކަތަކެވެ. ޙަޔާތުގެ ހަމަޖެހުމަކީ އެކަނިވެރިކަމެއް ނޫނެވެ. އަދި އެއީ ޙަޔާތުގެ އެންމެ ބޮޑު ބައިވެރިޔާއެއްވެސް ނޫނެވެ. ފުރަތަމަ އިންސާނާ އާދަމް ޢަލައިހިއްސަލާމް އުފައްދަވައި އެކަލޭގެފާނުގެ ކަށިކޮޅަކުން ޙަވާނުގެފާނު އުފައްދަވައި އެނދެކަނބަލުން މެދުވެރިކުރައްވައި އިންސާނީ ދަރިފަސްކޮޅު ގިނަކުރައްވާ ތަފާތު ރަށްތަކަށާއި ޤަބީލާތަކަށް ލައްވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވެ ފެނިދެނިވެ އުޅުމަށެވެ. (ޙުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތުގެ މާނަ ބައްލާވާށެވެ.)
ލޯބިވާންޖެހެނީ ހަމައެކަނި ނަފްސުދެކެއެއް ނޫނެވެ. ނަފްސުގެ އެދުން ފުއްދުމަކީ ދިރިއުޅުމުގެ އަރާމެއްވެސް ނޫނެވެ. އަދިކިއެއްތަ އެއީ ދިރިއުޅުމުގެ ޙަލާކެވެ. ހަމައެކަނި ތިމާގެ ނަފްސަށް ލޯބިކުރުމަކީ އަމިއްލަ އެދުމުގެ ނިހާޔަތެވެ. އެއީ ދަހިވެތިކަމެވެ. ޙަސަދަވެރިކަމުގެ ފެށުމަކީވެސް އެއީ އެވެ. ނަފްސާނީ ބަލިތަކާއި އިޖްތިމާޢީ ބަލިތަކުގެ ފެށުމަކީވެސް ނަފްސުގެ ދަހިވެތިކަމާއި ތިމާގެ ނަފްސު ތިމާއަށް މުހިންމުކަން ބޮޑުވެ އަނެކުންނާ މެދު އުފެދޭ ޙަސަދަވެރިކަމެވެ. ނަމަވެސް ލިޔުންތެރިޔާ ސިފަކޮށްދީފައިވާ ގޮތުން ހުރިހާވެސް އެއްޗަކީ ނަފްސެވެ. އިސްލާމް ދީން ގޮވާލަނީ ތިމާގެ އިލާހަކީ، ތިމާގެ މައްޗަށް ޙުކުމްކުރާ ފަރާތަކީ، ތިމާ ތަބާވާ ފަރާތަކީ ހަވާނަފްސުގެ އެދުންތައް ކަމުގައި ނުހެދުމަށެވެ. (ތާހާ ސޫރަތުގެ 16 ވަނަ އާޔަތާއި، ފުރުޤާން ސޫރަތުގެ 43 ވަނަ އާޔަތާއި، ޤަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގެ މާނަ ބައްލަވާށެވެ. އަދި މިނޫނަސް މި މާނައިގައިވާ އެތައް އާޔަތެއް ކީރިތި ޤުރްއާނުގައި ވެއެވެ.)

ލިޔުންތެރިޔާގެ މުޅިވާހަކައިގައިވަނީ މިފަދަ އުޞްލޫބަކުން އަތުރާލެވިފައިވާ ޝަރުޢީ މިންގަނޑުތަކަށް ނުފެތޭ ހަމައެއް ލަމައެއްނެތް ޖުމްލަތަކެކެވެ. އަޅުގަނޑުގެ މިލިޔުން ދިގު ކުރުމުގެ ޤަޞްދެއް ނުކުރަމެވެ. ނަމަވެސް އިސްވެދިޔަ ބައެއް ބަސްތަކުގެ މާނަ ލިޔާހުށީމެވެ.

ޝައިޠާނިޒަމްއަކީ ޝައިޠާނާއަށް އަޅުކަންކުރާ ޖަމާޢަތަކަށް ނުވަތަ ބައިގަނަޑެ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ދީފައިވާ ނަމެކެވެ. އެފަދަ މީހުން ހާމަކުރާގޮތުގައި ޝައިޠާނާއަކީ އެމީހުންގެ މިނިވަންކަމުގެ ރަމްޒެވެ. އެމީހުންގެ ރަމްޒުތަކުގެ ތެރޭގައި ޝައިޠާނާގެ ދަޅާއި، ހަރުފައާއި، އިބިލީހުގެ ރަމްޒުތައް ހިމެނެއެވެ. އެމީހުންނަށް ޚާއްޞަވެގެންވާ އަޅުކަމާއި އާދަކާދަތަކެއްވެސް ހުރެއެވެ.

އިލުމިނާޓީއަކީވެސް ސިއްރު ޖަމާޢަތެކެވެ. ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އެއީ ޚިޔާލީ ޖަމާޢަތަކެވެ. އަނެއްބައި ފަރާތްތަކުން ބުނާގޮތުގައި އެއީ ޙަޤީޤަތުގައިވެސް ޙަރަކާތްތެރިވާ ބައިނަލް އަޤްވާމީ ޖަމާޢަތެކެވެ. މިޖަމާޢަތުގެ މީހުންނަށް ޚާއްޞަ ޢިލްމަކާއި ބުއްދީގެ ތޫނުފިލިކަމެއް ލިބިގެންވާކަމުގައި އެމީހުން ދަޢުވާކުރެއެވެ. އަދި އެބާރުތައް ލިބެނީ ޝައިޠާނީ ވަޞީލަތްތަކުން ކަމުގައިވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން މިއީވެސް ޝައިޠާނާއަށް އަޅުކަންކުރުމާ ގުޅިފައިވާ ޖަމާޢަތެއްކަމުގައި ބެލެވެއެވެ.

ފުރިމޭސަނަރީ ނުވަތަ ފުރީމޭސަން ޖަމާޢަތަކީ ޔަހޫދީ ސިއްރު ޖަމާޢަތެކެވެ. މި ޖަމާޢަތް ނިސްބަތްވަނީ ސުލައިމާން ޢަލައިހިއްސަލަމް އަށް ކަމުގައި އެބައިމީހުން ހާމަކުރެއެވެ. އަދި މިޖަޢާތުގެ ރަމްޒުތަކަކީ ބިނާކުރުމާއި ގަލުވަޑާންކުރުމަށް ބޭނުންކުރާ އާލަތްތަކާ ބެހޭ ރަމްޒުތަކެކެވެ. ސިއްރު ބައްދަލުވުންތަކާއި ސިއްރު އާދަކާދަތަކެއް ހިމެނޭ މިޖަމާޢަތުގެ ދަށުގައި އެތައް ސަތޭކަ ކުދި ޖަމްޢިއްޔާ ޖަމާޢަތްތަކެއް ހިމެނޭކަމުގައި އެބައިމީހުން ބުނެއެވެ. ދުނިޔޭގެ ބައެއް ބޮޑެތި ލީޑަރުން ފާޅުގައި މިޖަމާޢަތައް ނިސްބަތްވާކަމުގައި ބުނެފައިވެއެވެ. އަދި މިޖަމާޢަތަކީ އިންސާނިއްޔަތަައް މަސައްކަތްކުރާ ރަނގަޅު މަޤްޞަދެއް އެކުލެވިގެންވާ ބައެއްކަމުގައިވެސް ދެއްކުމަށް ހުޅަނގުގެ މީޑިޔާތަކުގައި މަސައްކަތް ކޮށްފައިވެއެވެ. ޙަޤީޤަތަކީ މިޖަމާޢަތުގެ ތެރޭގައިވެސް ގޮތްނޭގޭ ސިއްރުތަކެއް އެކުލެވިގެންވާކަމާއި، މުޅި ދުނިޔެ މިބައި މީހުންގެ ބާރުގެދަށަށް ގެނެއުމުގެ އެޖެއްޑާއެއް މިމީހުން ގެންގުޅޭކަމެވެ.

އެއްމެ ފަހު ބަހެއްގެ ގޮތުގައި އޮތީ “ކަލްޓް” އެވެ. ކަލްޓަކީ ވަކި މީހަކަށް މަރުދަންދިނުން އެއީ އެމީހުންގެ އެންމެ އިސް ޝިޢާރުކަމުގައި ހެދުމުގެ އުޞޫލްތަކެއް ގެންގުޅޭ ކޮންމެ ޖަމާޢަތަކަށް ކިޔާ ނަމަކެވެ. އެއީ ދީނީ ޖަމާޢަތެއް ކަމުގައިވަޔަސް ނުވަތަ ސިޔާސީ ޖަމާޢަތެއްކަމުގައިވިޔަސް މެއެވެ. އިސްވެ ބަޔާޏްކުރެވުނު ލިޔުމުގައި ލިޔުންތެރިޔާ “މައުމޫމުން” ގެވާހަކައޭ ބުނެ އިޝާރާތްކުރަނީ ވާހަކަ ކިޔައިދޭ މީހާއަކީ އެންމެ އިސް ރޫޙާނީ ލީޑަރުކަން ވިސްނައި ދިނުމުގެ ގޮތުންނެވެ.

ކަލްޓުގެ ސިފަތައް ޚުލާޞާކޮށްލާއިރު އެމީހުން ބުނާގޮތުގައި ޙައްޤުގެ މަގުގައި ތިބީ އެމީހުންނެވެ. އެހެން އެންމެން އެތިބީ ބާޠިލުގެ މަތީގައެވެ. އެމީހުންގެ ގުރޫޕާ ވަކިވެއްޖެނަމަ ތިބާއަކީވެސް އަނިޔާވެރިންގެ ޖަމާޢަތުގެ މީހެކެވެ. ސިޔާސީ ޕާޓީއަކަށް ވިސްނައިލިޔަސް މިކަން އޮތީ މިހެންނެވެ. ޕާޓީގެ މަންދޫބުން އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް ހެޔޮއެވެ. އޭނާ ނޫން މީހަކު ޤަބޫލެއް ނުކުރެވޭނެއެވެ. ޕާޓީގެ ފިކުރާ ޚިލާފު ކޮންމެ މީހަކީ އިދިކޮޅު މީހުންގެ ތެރެއިން ހިމެނޭ އަނިޔާވެރިއެކެވެ.

އެމީހުންގެ ތެރޭގައި އެންމެ އިސް ލީޑަރަށް ޚާއްޞަ މަޤާމެއް ދެވެއެވެ. ޖާނުން ފިދާވެ، ދިފާޢުގައި އައްޑަނައެއްގެ ގޮތުގައި މޭ ދައްކާލަން ފަސްނުޖެހޭ މިންވަރަށް ކަލްޓުގެ ލީޑަރު ދެކެ އެމީހުން ލޯބިވެއެވެ. އެމީހުންގެ ރޫޙާނީ ލީޑަރުގެ ބަސް އެހުން އެއީ ޚާލިޤުވަންތަ އިލާހަށް ކިޔަމަންވުމަށްވުރެ އިސްވާޖިބެކެވެ.

މިފަދަ ޖަމާޢަތްތަކުގެ ވާހަކައަކީ ކުރީންވެސް ދެންނެވިފަދައިން، ތަޢުލީމަށް ލޯހުޅުވިފައިވާ ކޮންމެ ބޭފުޅަކަށް އެނގިލައްވާނޭ ޖަމާޢަތްތަކެކެވެ. ނޭނގިތިބެ މިފަދަ ޖަމާޢަތަކަށް ވަދެވިއްޖެ މީހަކަށް އެއިން ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ހިތާމަޔަކީ ދިވެހި ރާއްޖޭގެ އިސްލާމީ ވެށި ތަޣައްޔަރު ކުރުމަށް، ދިވެހި ދަރިންގެ އަތްތަކުން ކުރާ މަސައްކަތްތަކުގައި މިދެންނެވި ކުލަޔާއި ރަހައާއި ވަސް ދުވާތީއެވެ.

އަޅުގަނޑުގެ ނަޞީޙަތަކީ ތިމާގެ މަޢުލޫމާތުގެ ޚަޒާނާއަކީ ތެދު މަޢުލޫމާތުގެ މަޞްދަރުތަކެއް ކަމުގައި ހެއްދެވުމަށް މަަސައްކަތް ކުރާށެވެ. ތިމާއަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ކިޔާ ޚަބަރުތަކުގެ ދޮގުތެދު ބައްލަވާށެވެ. އިސްލާމް ދީނުގެ ރިވެތި އުޞޫޅުތަކުން އެއްކިބާވާތަން ފެންނަ ކަމުގަިއވާނަމަ އެފަދަ އެއްޗެއް ޤަބޫލު ކުރުމުގެ ކުރިން ވިސްނާލައްވާށެެވެ. ތިމާއަށް ނޭނގޭނަމަ އޭގެ މަޢުލޫމާތު ހޯއްދަވާށެވެ!
(މިއީ އަޅުގަނޑު ރާއްޖެ އިސްލާމަށް ލިޔެފައިވާ ލިޔުމެކެވެ.)

Copyright 2021 © Sheikh Hassan Moosa Fikree