ޖުލައި 09، 2015

ތަޤްވާވެރިކަން

عرب ބަހުގައި تقوى ގެ މާނައަކީ އެހެން އެއްޗެއް ބޭނުންކޮށްގެން އެއްޗަކުން ސަލާމަތްވުމެވެ. ވީމާ وقاية އަކީ އެއްޗަކުން ނުވަތަ ކަމަކުން ސަލާމަތްވާނޭ އެހެން އެއްޗެއް ނުވަތަ މަގެއް ހޯދުމެވެ. ނުވަތަ ރައްކާތެރިވުމެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. «اِتَّقُوا النَّارَ وَلَو بِشِقِّ تَمْرِةٍ» متفق عليه މާނައީ: “ކަދުރު އޮށެއްގެ ފަޅިވަރަކުންނަމަވެސް ނަރަކައިގެ އަލިފާނުން ސަލާމަތްވާށެވެ.” އިތުރު އެކަލޭގެފާނުގެ މިޙަދީޘްފުޅުގައި އެ އިޝާރަތްކުރައްވަނީ ނަރަކައިގެ އަލިފާނާއި ތިމާއާއި ދެމެދުގައި ހުރަހެއް ކަމުގައި ކަދުރު އޮށެއްގެ އެއްފަޅިއެއް ލިބުނުމީހާ އެއިގެ ބޭނުން ހިފައިގެންނަމަވެސް ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށެވެ. މި ޙަދީޘްފުޅުގައި تقوى ގެ ލަފްޒު ބޭނުންކުރައްވާފައި އެވަނީ އޭގެ ލުޣަވީ މާނައިގައެވެ.

ޝަރުޢީ އިޞްޠިލާޙުގައި تقوى ގެ މާނައަކީ ، ފާފަވެރިވަނިވި އެންމެހައި ކަމަކުން އެއްކިބާވެ ނަފްސު ރައްކާތެރިކުރުމެވެ. އެކަން ފުރިހަމަވެގެން ދާނީ حرام ކަންތައްތަކާއި އަދި ބައެއް مباح ކަންތައްތަކުންވެސް އެއްކިބާވެގެންނެވެ. އެހެނީ ކީރިތި ރަސޫލާ ﷲ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައި ވާފަދައިން ޙަލާލު ކަންތައްތަކާއި ޙަރާމް ކަންތައްތައްވަނީ ބަޔާންކުރައްވާފައެވެ. އަދި އެދެމެދުގައިވާ އޮޅުންއަރާ ކަންތަތަކުންވެސް އެކިބާވުމަށްވަނީ އިރުޝާދު ދެއްވާފައެވެ. ވީމާ، ޙަލާލުތޯ ނުވަތަ ޙަރާމްތޯ ސުވާލު އުފެދޭ ކަންތައްތަކުންވެސް ސަލާމަތްވުން ހުއްޓެވެ.

ކީރިތި قرآن ގައި تقوى ވެރިކަމުގެ މާނަ: ކީރިތި قرآن ގައި تقوى ފަސް ގޮތަކަށް ނުވަތަ ފަސް މާނައެއްގައި ބޭނުންކުރައްވާފައިވެއެވެ.
1)    ބިރުވެތިވުމާއި ބިރުގަތުން؛ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ” (الحج 1) މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.”

2)    އަޅުކަން، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يُنَزِّلُ الْمَلآئِكَةَ بِالْرُّوحِ مِنْ أَمْرِهِ عَلَى مَن يَشَاءُ مِنْ عِبَادِهِ أَنْ أَنذِرُواْ أَنَّهُ لاَ إِلَـهَ إِلاَّ أَنَاْ فَاتَّقُونِ (النحل  2) މާނައީ: “އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمرފުޅާއެކު، وحىއާއިގެން ملائكة ން ފޮނުއްވަތެވެ. (وحىކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!”

3)    ފާފަކުރުމުން އެކިބާވުން، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَأْتُواْ الْبُيُوتَ مِنْ أَبْوَابِهَا وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ” (البقرة 189) މާނައި: “އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”

4)    ތައުޙީދު (މާތް ﷲ ގެ އެއްކައުވަންތަކަން) ، އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “أُوْلَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ” (الحجرات 3) މާނައި: “އެއުރެންނަކީ އެއުރެންގެ ހިތްތައް ﷲ ، امتحان ކުރައްވައި، تقوىވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުށްޓެވެ.” އިޚްލާޞްތެރިކަން، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “ذَلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ” (الحج 32) މާނައީ: “(ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ شعائرތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينى أمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ.”

Copyright 2021 © Sheikh Hassan Moosa Fikree