މީސްތަކުންނަށް އެ މުދަލަކަށް ބޭނުންޖެހޭ ވަގުތު މުދަލުގެ އަގު ބޮޑުކުރުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އާންމު ކަމަކަށްވެއްޖެއެވެ. ކޮންމެ ރޯދަމަކާ ދިމާކޮށް ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު އެތައް ގުނައަކަށް ބޮޑުކޮށްގެން ވިއްކުމަކީ ރައްޔިތުންނަށް ކުރިމަތިވާ ތުރާލެކެވެ. ކުރިޔަށް އޮތީ ރޯދަމަސް ކަމުގައި ނުވިއެއްކަމަކު މިއަދު ކުރިމަތިވެފައި މިވަނީ އެފަދަ ކަމެކެވެ. ހިޔާ ފުލެޓްތައް ހަދަން ބޭނުންވެފައި ތިބި އެތައް ބަޔަކު، އެތަންތަނަށް ބޭނުންވާ ތަށިމުއްޓާއި، ދޮރާއި ދޮރުކަނި، ފާޚާނާ ފިޓިންގސްފަދަ ތަކެތި ގަންނަން ބޭނުންވެފައިތިބި މި ދަނޑިވަޅުގައި އެތަކެތީގެ އަގު އިންތިހާއަށް ބޮޑުކޮށްގެން ވިއްކުމެވެ. މިއީ އިސްލާމީ އުޚުއްވަތްތެރިކަމާއި، މުސްލިމު ވިޔަފާރިވެރިންގެ އަޚުލާޤާ ދިމާ އިދިކޮޅު ކަމެކެވެ. އަދި ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.
މުދާ އަގު ބޮޑުކޮށް ވިއްކުމަށްޓަކައި އެމުދާ ފޮރުވައި، އެ މުދަލަށް މީސްތަކުންގެ ބޭނުން ބޮޑުވުމުން، ބާޒަރަށް ނެރި އަގު ބޮޑުކޮށްގެން ވިއްކުމަށް އިސްލާމީ ފިޤުހުގައި ދެވިފައިވާ ނަމަކީ މުދާ އިޙްތިކާރު ކުރުމެވެ. އިޙްތިކާރު ކުރުންވަނީ ނަހީކުރައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «لَا يَحْتَكِرُ إِلَّا خَاطِئٌ» رواه مسلم މާނައީ: “ފާފަވެރިޔަކު މެނީ މުދާ އިޙްތިކާރު ނުކުރާހުއްޓެވެ.” އެބަހީ: މުދަލުގެ އަގު ބޮޑުކުރުމަށްޓަކައި މުދާ ނުވިއްކާ ހިފަހައްޓައި، އެއަށްފަހު އަގު ބޮޑުކޮށްގެން ވިއްކާމީހާ އެ އަރައިގަންނަނީ ބޮޑު ފާފައަކަށެވެ. މި ޙަދީޘްގައި އެވަނީ މީސްތަކުން މުދަލަށް ބޭނުންޖެހޭ ވަގުތުގައި މުދަލުގެ އަގު ބޮޑު ކުރުން ނަހީކުރައްވާފައެވެ.
މުސްލިމުންނަށް ހެޔޮ ގޮތް އެދުމަކީ ދީނުގެ މުހިންމު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ތިމާގެ އަމިއްލަ ނަފްސަށް އެދޭފަދަ ހެޔޮގޮތްތައް އެނެއް މުސްލިމު އަޚާއަށް ނުއެދޭނެމަ، އީމާންކަން ޞައްޙަ ނުވާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. މުސްލިމު ވިޔަފާރިވެރިޔަކު އޭނާގެ މުސްލިމު އަޚުންނަށް ހެޔޮގޮތް މެނުވީ ނޭދޭނެއެވެ. އެފަދަ ވިޔަފާރި ވެރިޔެއްގެ ނިޔަތަކީ މުސްލިމުންނަށް ލުއިކޮށްދިނުމާއި، ހެޔޮ އަގުގައި ރަނގަޅު މުދާ ފޯރުކޮށްދިނުމެވެ. އޭނާއަކީ އެބައިމީހުންގެ މައްޗަށް ހުރި އަމާނާތްތެރިއަކު ކަމުގައި މެނުވީ ނުވެއެވެ.
އެއްދުވަހެއްގައި ކީރިތި ރަސޫލާ صلى الله عليه وسلم މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “އޭ ވިޔަފާރިވެރީންނެވެ!” ދެން ބާޒާރުމަތީގައި ތިބި އެންމެން އިތުރު އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އިޖާބަދިނުމުން ޙަދީޘް ކުރެއްވިއެވެ. «إِنَّ التُّجَّارَ يُبْعَثُونَ يَوْمَ الْقِيَامَةِ، فُجَّارًا إِلَّا مَنِ اتَّقَى وَبَرَّ وَصَدَقَ» رواه الترمذي މާނައި: “ޤިޔާމަތް ދުވަހުން ވިޔަފާރިވެރިން ފޮނުއްވޭނީ ފާޖިރުންގެ ގޮތުގައެވެ. އެއީ މާތް ﷲ އަށް ތަޤުވާވެރިވާ ހެޔޮލަފާ ތެދުވެރީން ފިޔަވައެވެ.” ވިޔަފާރިވެރިންގެ ތެރެއިން ހެޔޮލަފާ މީހުންނަކީ މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކައިނޫޅޭ މީހުންނެވެ. އަދި މިނެކިރުމުގައި މަކަރު ނުހަދާ މީހުންނެވެ. އަދި އެމީހުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރިވާ، މާތް ﷲއަށް ބިރުވެތިވާ މީހުންނެވެ.
މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުން ނަހީކުރައްވައި މާތް ﷲ ވަޙީކުރައްވާފައެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلاَّ أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ﴾ (النساء: 29) މާނައި: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.” ވިޔަފާރީގެ މައިގަނޑު އަސާސަކީ ދެމީހުންގެ ދެމެދުގައި ރުހެވިގެން، މަކުރުވެރިކަމެއް އޮޅުވާލުމެއް ނެތި ކުރެވޭ ސާފު މުޢާމަލާތެއްކަމުގައިވުމެވެ. އެހެންކަމުން ވިޔަފާރީގައި އޮޅުވައިލުމާއި، މަކަރާ ހީލަތް ހެދުން ﷲ ތަޢާލާވަނީ ނަހީ ކުރައްވާފައެވެ.
މިނެކިރުމުގައި މަކަރު ހެދުމުގެ ނުބައިކަން ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. ﴿ وَيْلٌ لِّلْمُطَفِّفِينَ * الَّذِينَ إِذَا اكْتَالُواْ عَلَى النَّاسِ يَسْتَوْفُونَ * وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ * أَلَا يَظُنُّ أُولَئِكَ أَنَّهُم مَّبْعُوثُونَ * لِيَوْمٍ عَظِيمٍ ﴾ (المطففين 1-4) މާނައީ: “މިނެކިރުމުގައި އުނިކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. * އެއުރެންނީ، އެހެން މީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭ މީހުންނެވެ. * އަދި އެހެން މީހުންނަށް މިނެދޭނެމަ، ނުވަތަ އެހެން މީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީން ނުކުރަނީ ހެއްޔެވެ؟”
މުސްލިމުންނަށް މަކާރާއި ހީލަތްތެރިވާ މީހުންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔަކު ނޫންކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. އިމާމު މުސްލިމްގެ އަރިހުން ރިވާވެގެންވެއެވެ. ފުއްޏަކަށް ޖަހާފައިހުރި ގޮދަންތަކެއް ކައިރިން ކީރިތި ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަތްޕުޅު، އެ ގޮދަންތަކުގެ ތެރެއަށް ލެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ތެތްކަމެއް އިޙުސާސް ކުރެއްވުނެވެ. ދެން ޙަދީޘް ކުރެއްވިއެވެ. “އޭ ގޮދަން ވިއްކާ މީހާއެވެ! މިއީ ކޮންކަމެއް ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ވާރޭވެހުނީއެވެ.” ޙަދީޘް ކުރެއްވިއެވެ. “އެހެންކަމުގައި ވަނީނަމަ، ތެމިފަހިރު އޮށްޓަރުތައް، ސަލާމަތުންހުރި އޮތްޓަރުތަކުގެ މަތީގައި ފެންނާނޭހެން ނުބެހެއްޓީ ކީއްވެހެއްޔެވެ؟ ތިމަންމެން (މުސްލިމުން)ނަށް އޮޅުވައިލައިފި މީހަކީ، ތިމަންމެން (މުސްލިމުން)ގެ ތެރެއިންވާ މީހެއް ނޫނެވެ.” رواه مسلم
މުސްލިމު ވިޔަފާރިވެރިޔާ އޭނާގެ މުސްލިމު އަޚާއަށް ދޮގާއި މަކަރުހަދައި އޮޅުވައި ނުލާނެއެވެ. ތެދުވެރި، އަމާނާތްތެރީންނަށް ޤިޔާމަތް ދުވަހުގައި ހުރި އުފާވެރިކަމުގެ ޚަބަތުވަނީ ދެއްވާފައެވެ. އަދި މަކަރު ހެދުމާއި މިނެކިރުމުގައި އޮޅުވާލުމާއި، އެއްބަޔަކު އަނެއް ބަޔެއްގެ ވިޔަފާރިއަށް އުނދަގޫ ކުރުމަށްޓަކައި އަގުބޮޑުކުރުންފަދަ ކަންކަން ކުރުންވެސްވަނީ ނަހީ ކުރައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “لاَ تَنَاجَشُوا” متفق عليه “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް (ޖެއްސުކުރުމުގެ ގޮތުން) އަގުބޮޑުކޮށް މުދަލުގެ އަގު ކިޔައި ނުހަދާށެވެ.”
އެހެން ބަސްފުޅެއްގައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «رَحِمَ اللَّهُ رَجُلًا سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى» رواه البخاري މާނައީ: “ވިއްކާ ހިނދުގައްޔާއި، ގަންނަ ހިނދުގައްޔާއި، ދަރިނި އަދާކުރުމަށް އެދޭހިނދުގައި މަޑުމައތިރިކަން އިޚުތިޔާރުކުރާ މީހާ ދަންނާށެވެ! އޭނާއަށް މާތް ﷲ ރަޙުމަތް ލައްވާހުއްޓެވެ.”
ހަމައެފަދައިން މީސްތަކުންނަށް ލުއިކޮށްދޭ މީހާއަށް މާތް ﷲ ލުއިކޮށްދެއްވާނޭ ކަމުގައިވަނީ ބަޔާން ކޮށްދެއްވާފައެވެ. އަދި މީސްތަކުންނަށް އެހީތެރިވެދޭ މީހަކަށް އެހީތެރިވެވޮޑިގެންވުމުގައި މާތް ﷲ ވޮޑިގެންވާކަމުގައިވެސް ވަނީ ޙަދީޘް ކުރައްގވާފއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނަށް ކިޔައިދެއްވި ތަރުބަވީ ފިލާވަޅުގެ މާނައިގައިވެއެވެ. އިސްވެދިޔަ އުއްމަތްތަކުގެ ތެރެއިން އުއްމަތެއްގައި މީހަކު، މީސްތަކުންނަށް ދަރިނަދީ އުޅުނެވެ. އަދި އޭނާގެ ޚާދިމު ކުއްޖާއަށް އޭނާ ބުނާކަމުގައިވެއެވެ. އަތްމަދތިދަތި، ނިކަމެތި މީހަކުގެ އަތުން ދަރަނި އަތުލުމަށް ތިބާ ހިނގައްޖެނަމަ، އޭނާއަށް މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތް ކުރާހުށިކަމެވެ. އެއީ، އެކަމަށްޓަކައި މާތް ﷲ ތިމަންމެންނަށް އޯގާވަންތަވެވޮޑިގެންވުމުގެ އެދުމުގައެވެ. ފަހެ، އެމީހާ ނިޔާވުމުން ﷲ ގެ ޙަޟުރަތަށް ދަތުރުކުރި ހިނދު، އެއިލާހު އޭނާއަށް އޯގާތެރިވެވޮޑިގެން އޭނާއަށް ޢަފޫކުރެއްވިއެވެ. (ރިވާކުރެއްވީ އަލްބުޚާރީއާއި މުސްލިމްއެވެ.)
ވީމާ، މީސްތަކުންނަށް މުދަލަށް ބޭނުންޖެހޭ ހިނދު، އެމުދަލުގެ އަގަށްވުރެ އެތައް ގުނައަކަށް އަގު ބޮޑުކޮށްގެން ވިއްކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ތިމާގެ މުސްލިމު އަޚުންނަށް ލުއިކޮށްދިނުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލުވާނޭ ކަމެކެވެ.
Copyright 2021 © Sheikh Hassan Moosa Fikree