“ކޮންމެ މީހަކީވެސް ދަތުރު ކުރަން ޖެހިފައިވާ މީހެކެވެ. ދެމިތިބެވެން ނެތް ތަނެއްގައި ދާއިމަށް ތިބެން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރުތަކަކީ މަންޒިލުތަކެވެ. މަސްތަކަކީ މަރުޙަލާ ތަކެވެ. ދުވަސްތަކަކީ ރާސްތާ ތަކެވެ. ނޭވާތަކަކީ ފިޔަވަޅު ތަކެވެ. ކުށްފާފަތަކަކީ ހުރަސް ތަކެވެ. ފައިދާއަކީ ސުވަރުގެ އެވެ. ގެއްލުމަކީ ނަރަކައެވެ.” މިއީ އަލްއިމާމު އަބުލް ފަރުޖު އިބްނުލްޖައުޒީ ރަޙިމަހު ﷲ ވިދާޅުވެފައިވާ ވަޢުޡުގެ ބަސްފުޅެކެވެ.
މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔެ ދޫކޮށް ދާނޭ ވަގުތު ވަނީ ވަރަށް ކައިރީގައެވެ. މަރު ނުވާނޭ ހަމަ އެއްވެސް ދިރުމެއް މި ކާއިނާތުގައި ނުއެވެ. ނަމަވެސް މަރަކީ އެ ޙަޤީޤަތަކާ މެދު ގިނަ ބަޔަކު ޣާފިލުވެފައިވާ އެއްޗެކެވެ. މަރުވާނޭ ކަން އެނގުނެއް ކަމަކު މީސްތަކުންގެ ޢަމަލު ތަކުން، އެބައިމީހުންނަކީ އަބަދަށް ދުނިޔޭގައި ތިބުމަށް ލައްވާފައިވާ ބައެކޭ ހީވާ ކަހަލައެވެ. މަރަށް ތަޔާރު ވުމެއް ނެތި، މާތް ﷲ ނަހީކުރެއްވި ކަންތައްތަކަށް އަރައިގަތުމުގައި ޢުމުރު އެކުގައި ހޭދަކޮށްލައެވެ.
އެއްވެސް މީހަކަށް އޭނާ މަރުވާނޭ ވަގުތެއް ނޭނގޭނެއެވެ. ކަން މިހެން އޮތަސް މަރުވުމުން ތިމާ ދާން އޮތް ގޮވައްޗަކީ ކޮބައިކަން ތިމާއަށް ނިންމި ދާނެއެވެ. ހެޔޮ ޢަމަލު ކުރިމީހުންނަށް ކަށްވަޅަކީ ސުވަރުގޭގެ ދާނެކެވެ. ނުބައި ޢަމަލު ކުރި މީހުންނަށް ކަށްވަޅަކީ ނަރަކައިގެ ވަޅުގަނޑެއް ކަމުގައި ނޫނީ ނުވެއެވެ. އެނބުރި ދާން އޮތް މަންޒިލަކީ ތިމާ ހިތް އެދޭފަދަ ތަނަކަށް ހަދަން ބޭނުން މީހާއަށް އޮތީ ހެޔޮ ޢަމަލު ގިނަ ކުޅައުމެވެ.
ޤިޔާމަތް ދުވަހުގެ މާތް ﷲ ގެ ކުރިފުޅުމަތީގައި ހުއްޓި ހުންނަން ޖެހޭ ޙާލަތުގައި ކަން ހިނގާނޭ ގޮތް ބަޔާންކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «مَا مِنْكُمْ مِنْ أَحَدٍ إلاَّ سَيُكَلِّمُهُ رَبُّهُ لَيْسَ بَيْنَهُ وبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إلاَّ مَا قَدَّمَ، وَيَنْظُرُ أشْأَمَ مِنْهُ فَلاَ يَرَى إلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ». مُتَّفَقٌ عَلَيهِ މާނައީ: “ތިޔަބައިމީހުންކުރެ އެއްވެސް މީހަކާ އެ މީހާގެ ވެރި ރައްބު (ޤިޔާމަތް ދުވަހުގައި) ބަސްވަޙީ ނުކުރައްވައި ނުދާ ހުއްޓެވެ. އެ މީހަކާ އެކަލާނގެ ޛާތުފުޅާ ދެމެދުގައި ތަރުޖަމާނަކު ނުވާ ހުއްޓެވެ. ފަހެ، އޭނާ، އޭނާގެ ކަނާތް ފަރާތަށް ބަލާނެއެވެ. އޭނާއަށް އޭނާ އިސްކުޅަ ޞާލިޙު ޢަމަލު ފިޔަވައި އެހެން އެއްޗެއް ނުފެންނާނެތެވެ. އަދި، އޭނާ، އޭނާގެ ވާތް ފަރާތަށް ބަލާނެއެވެ. އޭނާއަށް އޭނާ އިސްކުޅަ ނުރަނގަޅު ޢަމަލު ފިޔަވައި އެހެން އެއްޗެއް ނުފެންނާނެތެވެ. ފަހެ، އޭނާ ކުރިމައްޗަށް ބަލާނެއެވެ. އޭނާއަށް އޭނާގެ މޫނާދިމާ ކުރިމަތިން ނަރަކަ ފިޔަވައި އެހެން އެއްޗެއް ނުފެންނާނެތެވެ. ފަހެ، ތިޔަބައިމީހން ކަދުރުފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކާތެރިވުމަށް މަސައްކަތް ކުރާހުށިކަމެވެ.”
މަރަކީ ކޮންމެ މީހަކުވެސް އެއާމެދު ޖެހުލުވެ ބިރުގަންނަ އެއްޗެކެވެ. ނަމަވެސް މަރުވެދާނޭ ކަމަށް ގަންނަ ބިރަށްވުރެ، ބިރުވެރިކަން ބޮޑީ މަރުވުމުން ތިމާއަށް ކުރިމަތިވެދާނޭ ކަންތައްތަކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި، އިންސާނާގެ ފުރާނަ ދުނިޔެއާ ވަކިވާ ހިނދު، ފުރާނަ ހިއްޕަވާ މަލާއިކަތާއާ އެކު ހެޔޮ ކަމުގެ މީހުންގެ ފުރާނައިގެ އިސްތިޤުބާލުގައި ރަޙުމަތުގެ މަލާއިކަތުން ފައިބައި ވަޑައިގަންނަވައެވެ. އަދި ނުބައިކަމުގެ އަހުލުވެރިންގެ ފުރާނަ އާއި ޙަވާލުވެލެއްވުމަށް ޢަޒާބުގެ މަލާއިކަތުން ފައިބައިވަޑައިގަންނަވައެވެ. އަދި އެ ފުރާނައިގައި ސުވަރުގޭގެ ކަފުން ނުވަތަ ނަރަކައިގެ ކަފުން ލައްވައެވެ. އަދި ހެޔޮ މީހުންގެ، ހެޔޮ ފުރާނަތަކަށްޓަކައި އުޑުތަކުގެ ދޮރުކޮޅުތައް ހުޅުއްވައި ދެއްވައެވެ. ނުބައި މީހުންގެ ފުރާނަތަކަށް އެދުވަހުގައި މަރުޙަބާއެއް ނުކިޔޭނެތެވެ.
ކޮންމެ މީހެއްގެ ގާތަށްވެސް ކަށްވަޅުގައި ދެ މަލާއިކަތުން ފޮނުއްވަވައެވެ. އެއީ ނަކީރާއި މުންކަރު އެވެ. އެ ދެ މަލާއިކަތުންނަކީ ކަށްވަޅުގެ ތިން ސުވާލައިގެން ވަޑައިގަންނަވާ މަލާއިކަތުންނެވެ. ކޮންމެ މީހަކުވެސް އެތިން ސުވާލާ ކުރިމަތިލާން ޖެހެއެވެ. އެއީ؛ ތިބާގެ ރައްބަކީ ކޮބައި ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟ ތިބާ ގާތަށް ފޮނުއްވުނު ނަބިއްޔާއަކީ ކޮން ބޭކަލެއް ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ދެވޭނީ، އެ ޖަވާބުތައް އެނގި އެޔާ އެއްގޮތަށް ދުނިޔޭގައި ޢަމަލުތައް ބެހެއްޓި މީހުންނަށް އެކަންޏެވެ. އެހާ ހިސާބުން ކަށްވަޅަކީ ހެޔޮ މީހުންނަށް ހުރި ނިޢުމަތެއް ކަމުގައި ވެގެން ދެއެވެ. އަދި ނުބައި މީހުންނަ ހުރި ބިރުވެރިކަމާއި ޢަޒާބެއްކަމުގައި ވެގެން ދެއެވެ.
ކަށްވަޅުގެ އެ ބިރުވެރިކަމުން ސަލާމަތް ވުމަށް އެދޭ މީހާއަށް އޮތީ ދުނިޔެމަތީގައި ހެޔޮ ޢަމަލު ކުރުމެވެ. ކިތަންމެ މަދު މިންވަރެއްގެ އެތިކޮޅަކުން ނަމަވެސް ތިމާގެ ނަފްސު ނަރަކައިގެ އަލިފާނުން ސަލާމަތް ކުރާށޭ އޮތް ބަސްފުޅުގެ މުރާދަކީ އެއީއެވެ. އެދުވަހުން ތިމާ ކޮށްފައިވާ ޞަދަޤާތަކީ ކަދުރު އޮށެއްގެ ފަޅިވަރަކުން ކުރި ޞަދަޤާތެއް ނަމަވެސް، އެކަމަކީ ތިމާއަށް ލިބޭ ބޮޑު ހެވެއް، ރައްކާތެރިކަމެއް ކަމުގައި މެނުވީ ނުވެއެވެ.
ވީމާ، މާދަމާއަށްޓަކައި މި ދުނިޔޭގައި ތިބާ ކުޅައީ ކޮންކަމެއްތޯ ބަލާށެވެ. އާޚިރަތަށް ގެންދެވޭނޭ މުދަލަކީ މި ދުނިޔޭގައި ތިބާ އެއިން ހެޔޮ ކަމަކަށް ޚަރަދު ކުރި އެއްޗެއް އެކަންޏެވެ.
Copyright 2021 © Sheikh Hassan Moosa Fikree