ޑިސެންބަރު 30، 2020

ﷲ އާމެދު ދޮގުހެދުމުގެ ނުބައިކަން

ދޮގު ހެދުމަކީ ނުބައިވެގެންވާ ފާފައެކެވެ. ދޮގުގެ ތެރެއިންވެސް އެންމެ ނުބައިކަން ބޮޑު އެއްކަމަކީ މާތް ﷲ އާމެދު ތިމާއަށް ނޭނގޭ އެއްޗެއް ބުނުމެވެ. ނުވަތަ އެކަމުގައި ތިމާއަށް ޢިލްމު ލިބިފައިނުވާ ކަމެއްގައި ބަސްބުނުމެވެ. މާތް ﷲ ގެ މައްޗަށް ދޮގުބަސްތަކެއް ބުނެ ދޮގުހެދުމެވެ.

މިކަމުގެ ނުބައިކަންކަން ބަޔާންކުރައްވައި އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. “فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى اللَّهِ وَكَذَّبَ بِالصِّدْقِ إِذْ جَاءهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ” (الزمر: 32) މާނައީ: “ފަހެ، ﷲ އާމެދު ދޮގުހަދައި، އަދި ޙައްޤުވެގެންވާ ތެދު އެމީހެއްގެގާތަށް އައިހިނދު، އެ ދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ކާފިރުން ތިބޭނޭތަނެއް ނަރަކައިގައި ނުވޭ ހެއްޔެވެ؟”

މާތް ﷲ އާމެދު ދޮގު ހެދުމުގެ އެއްތައް ވައްތަރުތަކެއް ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުންވެސް ފެންނަ ކަންކަމެވެ. އެފަދަ ދޮގުތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ޝިރުކު ކުރުން

މާތް ﷲ އަށް ޝިރުކު ކުރުމަކީ އެންމެ ނުރައްކާތެރި، ނުބައިވެގެންވާ ފާފައެކެވެ. ޝިރުކު ކުރުންމަތީ ދެމިހުރެ، އެކަން ދޫކޮށްލައި ތައުބާ ނުވެ މަރުވެއްޖެ މީހަކީ އާޚިރަތުގައި ނަރަކަ ވަންތަވެރިއެކެވެ. އަދި އެ މީހެއްގެ ފާފަ ދުވަހަކުވެސް ނުފުއްސަވާނޭ މީހެކެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. “إِنَّ اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاءُ وَمَن يُشْرِكْ بِاللّهِ فَقَدِ افْتَرَى إِثْماً عَظِيماً” (النساء: 48) މާނައީ: “ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲ އަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.”

އަޅުގަނޑުމެންގެ ދީނަކީ އިސްލާމް ދީންކަމުގައިވެފައި، ދިވެހިންނަކީ މުސްލިމުން ކަމުގައިވިޔަސް ޝިރުކުގެ ކަންތައްތައް އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައާއި މިއަދުވެސް، ދިވެހިންގެ ތެރޭގައި އެބަހުއްޓެވެ. ކާބަފައިންގެ ތެރޭގައި ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކުގެ ތެރޭގައި، ޒިޔާރަތްތަކަށް ނަދުރު ބުނުމާއި، ސައްޔިދު ބޭކަލުންނާއި، އެނޫންވެސް ބޭބޭކަލުންނަކީ މީސްތަކުންގެ ދަތި ހާލަތާއި، ބަލި ހާލަތު ފިއްލަވައިދެއްވާ ބޭކަލުން ކަމުގައި ގަބޫލުކޮށް، އެބޭކަލުންނަށް ކަންކަމުގައި ގޮވައި، ދުޢާކޮށް ހެދުން ހިމެނެއެވެ. އެޒަމާނާއި އަދި މިއަދުވެސް ދިވެހިންގެ ތެރެއިން ފެންނަ މިފަދަ ޢަމަލުތަކުގެ ތެރޭގައި ފާލު ބެލުމާއި، ސިހުރު ހެދުން ހިމެނެއެވެ. އަދި މަސްވެރިކަމުގަ ފަންޑިތައިގެ ނަމުގައިވެސް މިފަދަ ކަންކަން މިއަދުވެސް ކޮށްއުޅެއެވެ.

މިފަދަ ކަންކަމަކީ ޝިރުކުގެ ތެރެއިން ހިމެނޭ ކަންތައްތަކެއް ކަމުގައިވިޔަސް، ނޭނގި ތިބެ ނުވަތަ އެވަރުގެ ހޭލުންތެރިކަމެއް ނެތި ގިނަ ބަޔަކު އެކަންކަން ކުރާކަމީ ހިތާމަ ހުރި ކަމެކެވެ.

ޣައިރު މުސްލިމުންގެ ޢީދުތަކުގެ ތެރެއިން ކްރިސްމަސް ފަދަ ޢީދުތަކުގައި ބައިވެރިވުންވެސް ހިމެނިގެންދަނީ ޝިރުކަށް ރުހުމާއި، ދީން މަނާކުރާ ކަންކަމުގައި ވާގިވެރިވެ އުޅުމުގެ ތެރެއިންނެވެ. އެހެނީ ނަޞާރާއިންގެ ޚުރާފީ ޢަޤީދާގައި، ޢީސާގެފާނަކީ ތިން އިލާހުންގެ ތެރެއިން އިލާހެކޭ ބުނެ، އެކަމުގެ މައްޗަށް އުފާ ފާޅުކުރާ ޢީދެއްގައި އެއްކައުވަންތަ ކަމުގެ ޢަޤީދާގައި ހުރި މީހަކު ބައިވެރިވާނޭ އެއްވެސް ހަމައެއް ނެތެވެ.

ކީރިތި ޤުރްއާން ދޮގުކުރުމާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތައް އިންކާރު ކުރުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ. وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لَا يُفْلِحُ الظَّالِمُونَ” (الأنعام: 20-21) މާނައީ: “ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ:މުޙައްމަދުގެފާނު) ދަނެތެވެ. (އެބަހީ: ތައުރާތާއި އިންޖީލުގެ އަހުލުވެރިން މުޙައްމަދުގެފާނަކީ ރަސޫލަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ ނަފްސުތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ. * ﷲ އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ.”

ކީރިތި ޤުރްއާނަށް އިންކާރު ކުރުމުގެ ތެރެއިން ހިމެނޭ އެއްކަމަކީ ޤުރްއާނުގައި މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންކަން ޙަލާލު ކަމެއްކަމުގައި ދެކުން ނުވަތަ ހުއްދަކުރަން ގޮވާލުމެވެ.

ދިވެހިންގެ ތެރޭގައިވެސް، ދީނާމެދު ހޭލުންތެރިކަންކުޑަ އެތައް ބަޔަކު، ކަނޑައެޅިގެން ކީރިތި ޤުރްއާނުގައި މާތް ﷲ އަންގަވާފައިވާ ޙުމްފުޅުތަކަށް އިންކާރުކުރާކަމީ، ފާޅުގައި މީޑިޔާގެ ކުރިމަތީގައި އެބައިމީހުން ކުރާ ކަމެކެވެ. އެފަދަ ކަންކަމުގެ ތެރޭގައި، ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި މާތް ﷲ ވަނީ ޤިޞާޞް ފަރުޟު ކުރައްވާފައެވެ. ކަން މިހެއް އޮތް ނަމަވެސް ބައެއް މީހުންގެ ޢިބާރާތުންނަމަ “އަޅުގަނޑުމެން މަރަށް މަރު ހިފާކަށް ބޭނުމެއް ނުވެއޭ” ބުނާ އަޑުވަނީ އިވިފައެވެ.

ދާދި މިދާކަށްދުވަހު ޢާއްމުވެފައިވާ ބަހުސްތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ގޮވާލުމާއި، ބޭސްފަރުވާގެ ނަމުގައި މަސްތުވާތަކެތީގެ ބާވަތްތައް ހުއްދަކުރަން ގޮވާލާ ވާހަކަ ދައްކާ އަޑުވެސްވަނީ އިވިފައެވެ. އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތާއި 91 ވަނަ އާޔަތުގައި ސީދާ ޞަރީޙަ ޢިބާރާތުން، ކީރިތިވަންތަ ﷲ ވަނީ ބަނގުރާ ޙަރާމް ކުރައްވާފައެވެ.

ތިމާއަށް ނޭނގޭ ކަންކަމުގައި ބަސްބުނުން

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގައިވެއެވެ. “سَيَأْتِي عَلَى النَّاسِ سَنَوَاتٌ خَدَّاعَاتُ، يُصَدَّقُ فِيهَا الْكَاذِبُ، وَيُكَذَّبُ فِيهَا الصَّادِقُ، وَيُؤْتَمَنُ فِيهَا الْخَائِنُ، وَيُخَوَّنُ فِيهَا الْأَمِينُ، وَيَنْطِقُ فِيهَا الرُّوَيْبِضَةُ” قِيلَ: وَمَا الرُّوَيْبِضَةُ؟ قَالَ: “الرَّجُلُ التَّافِهُ فِي أَمْرِ الْعَامَّةِ” رواه أبو داود މާނައީ: “ކެހިވެރިކަމުގެ ޒަމާނެއް މީސްތަކުން ދެކޭނެއެވެ. އެޒަމާނުގައި ދޮގުވެރިޔާގެ ބަސް ތެދުކޮށް، ތެދުވެރިޔާގެ ބަސް ދޮގުކުރެވޭނެއެވެ. ޚާއިނުންނަކީ އަމާނާތްތެރިކަމުގައި ދެކެވި، އަމާނާތްތެރިންނަކީ ޚާއިނުންކަމުގައި ދެކެވޭނެއެވެ. އަދި ދެއުޅިއެއްނުވާ މީހުން ވާހަކަ ދައްކައި ހަދާނެއެވެ.” ދެންނެވުނެވެ. “ދެއުޅިއެއްނުވާ މީހުންނަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ބުއްދީގައި ތެއްކަންނެތް (ވިސްނުމެއް ހޭލުންތެރިކަމެއް ނެތް މީހުން) މީސްތަކުންގެ ކަންކަމުގައި ބަސްކިޔައި އުޅޭނެތެވެ.”

މިޙަދީޘުން އެނގޭ ގޮތުގައި، ފަހު ޒަމާނުގެ ކަންތައްތަކުގެ ތެރޭގައި ދެއުޅިއެއްނުވާ މީހުން ނިކުމެ، ރައްޔިތުންގެ ބޮޑެތި ކަންކަމުގައި ގޮތް ނިންމައި ބަސްކިޔައި އުޅޭނޭ ދުވަސްތަކެއް އަންނާނެވެ. އެދުވަސްތަކުގެ ޙާލަތަކީ، މަކަރުވެރި ޚާއިނުން، މީސްތަކުންގެ މެދުގައި ކަންކަން ނިމުންމުގެ ޒިންމާ ޙަވާލުވެގެންތިބޭ ވެރިންގެ ގޮތުގައި ފެނިގެން ދިޔުމެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މިފަދަ ކަންކަން ވަރަށް ގިނައިން ފެނެއެވެ. އެބޭފުޅުންގެ ނަމުގެ ކުރިޔަށް ޝަރަފާއި ޢިއްޒަތުގެ ލަގަބު ދެއްވިގެންތިއްބެވި ބޭފުޅުންގެ ތެރޭގައި މިކަންކަން އަދި މާ ގިނައެވެ.

މިފަދަ ކަންކަމުގެ ތެރޭގައި ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ޚަބަރުތަކުން ފެންމަތިވި މަޢުޟޫއެކެވެ. އިސްލާމީ ޝަރީޢަތް އުނގެނިގެން ތިއްބެވި ފަރާތްތަކާއި، ސައިންސާ ބޭސްވެރިކަމުގެ ރޮނގުގައި ކިޔަވައިފައިވާ މާހިރުން ވާހަކަދައްކައި ބަސްބުނަންޖެހޭ، “ޑީއެންއޭ” ގެ ބަހުސްގައި “ދެއުޅިއެއް” ނުވާ އެތައް ބަޔަކުވަނީ ބަސްކިޔައި ޙުކުމް އިއްވާފައެވެ.

މާތް ﷲ އާމެދު ދޮގުހެދުމަކީ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. އަދި އެކަންކަން އެނގިތިބެ އެކަންކަންމުން ސަލާމަތްވުމަކީ އަޅުގަނޑުމެންނަށް ރައްކާތެރިކަން ހުރި ގޮތެވެ. ތިމާއަށް ނޭނގޭ ކަމެއްގައި، އެކަމުގެ ޢިލްމު އުނގެނުން، ނުވަތަ ޢިލްމުގެ އަހުލުވެރިންގެ ކިބައިން އަހައި އޮޅުންފިލުވުމަށް އިސްލާމް ދީނުގައިވަނީ އަންގަވާފައެވެ.

Copyright 2021 © Sheikh Hassan Moosa Fikree