ޑިސެންބަރު 19، 2025

ދޫ ރައްކާތެރި ކުރާށެވެ !

ދުލާ ގަލަމުގެ މިނިވަންކަމަށް ގޮވައިލެވޭ މިޒަމާނުގައި ވިސްނައިލުން މުހިންކަމެއް އެބައޮތެވެ. ތިމާ ބޭނުންހާ ވާހަކެއް ދައްކަމުންދާއިރު ދުލަކީ ﷲ ތަޢާލާ ދެއްވާފައިވާ ބޮޑު ނިޢްމަތެއްކަން ދަތުމެވެ. ނިޢުމަތުގެ އަގުވަޒަންކުރެވޭނީ އެ ނިޢްމަތެއް ފިލައި ދިޔުމުންނެވެ.

ދުލަކީ މާތް ﷲ ދެއްވާފައިވާ ގިނަގުނަ ނިޢްމަތްތަކުގެ ތެރެއިން ހިމެނޭ މަތިވެރި ނިޢްމަތެކެވެ. ކެއިންބުއިމަށް ބޭނުންކުރާ މި ގުނަވަނުގައި މާތް ﷲ ވަނީ ރަހަތައް ދެނެގަތުމުގެ ޙިއްސު ލައްވައިފައެވެ. އަދި ދުލަކީ އަޑުތަކަކާއި ބަސްތަކެއްގެ ސިފައިގައި ތިމާގެ ޝުޢޫރުތައް އެހެން މީހުންނަށް ފޯރުކޮށްދޭ މައި ވަޞީލަތެވެ. މުއުމިނު އަޅާގެ މައްޗަށް އޮތީ ﷲ ތަޢާލާ ދެވި މި ބޮޑު ނިޢްމަތަށް ޝުކުރުވެރިވުމެވެ. ﷲ ތަޢާލާ އެ ގުނަވަން ދެއްވާފައި ނުވާނަމަ އެމީހަކަށް ބަސްމޮށެ ނޫޅެވުނީހެވެ. އެ ދުލުން އެންމެ ލަފުޒެއް ނުވަތަ އަކުރެއްވެސް ބޭރު ނުކުރެވުނީހެވެ.

ދުލުގެ މި ނިޢްމަތަމާމެދު ވިސްނައި މާތް ﷲ ޙަލާލު ކުރެއްވި ގޮތުގައި މެނުވީ އެ ދޫ ބޭނުން ކޮށްގެން ނުވާނެވެ. ތިމާގެ ދުލުން ބަހެއް ބުނުމުގެ ކުރިން އެ ބުނެވޭ ބަހާމެދު ވިސްނައިލަންޖެހެއެވެ. އެ ބަސް ހިމެނިގެންދަނީ އަންނަނިވި ތިން ބައިގެ ތެރެއިން ކޮންމެވެސް އެއް ބައެއްގައެވެ. އެއީ؛ އެ ބަހަކީ ހެޔޮ ބަހެއްކަމުގައިވުމެވެ. ހެޔޮ ބަހެއް ނަމަ އެ ބަހެއް ތިމާގެ ދުލުން ބޭރުކުރަންވީއެވެ. އެއިން ފައިދާއެއް މެނުވީ ނުކުރާނެއެވެ.

ދެވަނަ ގޮތަކީ؛ އެ ބަހަކީ ހެޔޮ ބަހެއް ކަމުގައި ނުވުމެވެ. އެއީ، ޣީބަ ބުނެމެއް ނުވަތަ ދޮގެއް ނުވަތަ ފުރައްސާރަ ކުރުމެއް ކަމުގައި ވެދާނެއެވެ. ނުވަތަ ދޭތެރެ ޖެއްސުމާއި ފިތުނަ އުފެދޭ ފަދަ ވާހަކައަކަށްވެސް ވެދާނެއެވެ. އެހެން ވެއްޖެނަމަ އެފަދަ ބަހެއް ތިމާގެ ދުލުން ބޭރުކޮށްގެން ނުވާނެއެވެ.

ތިންވަނަ ގޮތަކީ؛ އެ ބަހަކީ ހެޔޮ ބަހެއް ނުވަތަ ނުބައި ބަހެއް ކަމުގައިވެސް ވެދާނެ ބަހެކެވެ. ދުލުން ބޭރުކުރަން ތިޔަ އުޅޭ ބަސް ހިމެނެނީ މި ދެ ބައިންކުރެ ކޮން ބައެއްގައި ކަަން ނޭނގެންޏާ އެންމެ ރަނގަޅު ގޮތަކީ އެފަދަ ބަހެއް ނުބުނުމެވެ. ޝުބުހަތަކާއި ޝައްކު އުފެދޭ ކަންކަމާ ދުރުހެލިވުމަށް ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ އިރުޝާދު ދެއްވާފައެެވެ. ޙަދީޘް ކުރައްވާފައިވެއެވެ. “فَمَنْ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ” (متفق عليه) މާނައީ: “ޝުބުހަތަކުން ދުރުހެލިވެއްޖެ މީހާ ދަންނާށެވެ! ފަހެ، އޭނާގެ ދީނާއާއި އަމިއްލަ ނަފްސަށް ރައްކައުތެރިގޮތް ލިބިގެންފިއެވެ.”

ހަމައެފަދައިން، ތިމާއާ ނުބެހޭ ކަންކަމާ ބަސްބުނެ ނުހެދުމަކީ ރިވެތި އަޚުލާޤުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޙަދީޘް ކުރައްވާފައި ވެއެވެ. “مِنْ حُسْنِ إِسْلاَمِ المَرْءِ تَرْكُهُ مَا لاَ يَعْنِيْهِ” މާނައީ: “އެމީހަކާ ނުބެހޭ ކަންކަމާ ނުބެހުމަކީ، އެ މީހާގެ އިސްލާންކަން ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.” (އެބަހީ: އެފަދަ މީހަކީ، އިސްލާމް ދީނުގެ އަދަބުވެރިކަމުން ޒީނަތްތެރިވެގެންވާ މުސްލިމެކެވެ.) އެހެންކަމުން ދޫރައްކާތެރި ކުރުމަކީ ދުލުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ އެންމެ މުހިންމު އެއް ކަމެވެ. ދުލުން ބުނާ ކޮންމެ ބަހަކަމާމެދު ތިމާ ޒިންމާވާންޖެހޭނޭ ދުވަހެއް އޮތްކަން ދަންނާށެވެ! އެދަހަކީ މުދަލަކުން ފައިސާއަކުން ސަލާމަތްވާނޭ ދުވަހެއް ނޫނެވެ.

Copyright 2021 © Sheikh Hassan Moosa Fikree