ސެޕްޓެންބަރު 28، 2020

ޝައްކު ބަލި: އީމާންކަމާމެދު އުފެދޭ ވަސްވާސް

ނުބައި ވަސްވާސްތައް ހިތަށް ވަނުމަކީ، އީމާންކަން ހިތުގައި ނެތުމުން މެދުވެރިވާ ކަމެއް ނޫނެވެ. އަދި އެއީ ތިމާ އީމާންކަމުން ބޭރު ކުރުވާ ކަމެއްވެސް ނޫނެވެ. އީމާންވީ މީސްތަކުންގެ ހިތްތަކަށްވެސް ބައެއްފަހަރު ނުބައި ވަސްވާސްތައް ވަދެއެވެ. އެފަދަ ވަސްވާސްތައް ހިތަށްވަނުމުން ބިރުވެރިކަން އިހުސާސް ކުރެވި، ކަންބޮޑުވާ ގޮތްވެއެވެ. ބައެއް ފަހަރު، މާތް ﷲ އާމެދު ހިތަށް އަރުވަން ނުވާވަރުގެ ކަންކަން ހިތަށް އަރައެވެ. އަދި އެވާހަކަ ދައްކަންވެސް ބިރުގަނެ، އެހެން މީހެއްގެ ގާތުގައި އެވާހަކަ ހިއްސާ ކުރުމަކީ ތިމާ ދީނުން ބޭރުވެދާނޭ ކަމެއްކަމުގައި ހީވެ، އެފަދަ އެއްޗެއް ހިތަށް އެރީތީ ނުހަނު ކަންބޮޑުވެއެވެ.

ވަސްވާސްތައް ވަނުމުން އެޔާމެދު ވިސްނައި ފިކުރުކުރި ވަރަކަށް ވަސްވާސްތައް ދާނީ ގިނަ ވަމުންނެވެ. ކަންބޮޑުވުން ދާނީ އިތުރުވަމުންނެވެ. އެ ވަސްވާސްތަކަށް ތިމާގެ ނަފްސު ދޫކޮށްލައިފިނަމަ، އެއިން ސަލާމަތްނުވެވޭހާ ގިނަވެ، ޙަޤީޤަތާއި ޚިލާފު، ޝައްކުތަކާއި ވަހުމުތަކުގެ އަނދަވަޅަކަށް ވެއްޓިގެންދެއެވެ. ޝައްކުތަކާއި ވަސްވާސްތަކުގެ ޝިކާރައަކަށްވެ އެތައް އަހަރެއް ވަންދެން، ކަންބޮޑުވުމާއި ނަފްސާނީ ބަލިމަޑުކަމެއްގައި ހޭދަކުރަންޖެހިދެއެވެ.

ކުރިން ދެންނެވިފަދައިން، މިފަދަ ވަސްވާސްތަކާއި ޝައްކުތައް ހިތުގައި އުފެދެނީ އީމާންކަން މަދުވެގެން ނެއް ނޫނެވެ. ނުވަތަ ތިމާގެ ކިބައިގައިހުރި ނުބައިކަމާއި އުރެދުމެއްގެ ބޮޑުކަމުންނެއްވެސް ނޫނެވެ. ޞަޙާބީން ކުރެ ބައެއް ބޭކަލުންގެ ހިތްޕުޅަށް، މިފަދަ ޝައްކުތަކާއި ވަސްވާސްތައް ވަންނާތި، އެބޭކަލުން ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެކަމާމެދު ސުވާލު ކުރައްވާފައިވެއެވެ. ނިކަން ވިސްނާލައްވާށެވެ! މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނަކީ އެންމެ މާތް ޖީލުގެ ބޭކަލުންނެވެ. އެކަލޭގެފާނުގެ ޚާއްޞަ ތަރުބިއްޔަތު ލިބިވަޑައިގެން ތިއްބެވި އުއްމަތުގެ އެންމެ މާތް، އެންމެ އީމާންކަން ވަރުގަދަ، އަދި އެބޭކަލުންނާމެދު މާތް ﷲ މަދަޙައިގެ ބަސްވަޙީ ކުރައްވާފައިވާ ބޭކަލުންނެވެ.

އެބޭކަލުންނަށް އެދިމާވާވަޑައިގެންވި ވަސްވާސްތަކުގެ ވާހަކަ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. جَاءَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَسَأَلُوهُ: إِنَّا نَجِدُ فِي أَنْفُسِنَا مَا يَتَعَاظَمُ أَحَدُنَا أَنْ يَتَكَلَّمَ بِهِ، قَالَ: «وَقَدْ وَجَدْتُمُوهُ؟» قَالُوا: نَعَمْ، قَالَ: «ذَاكَ صَرِيحُ الْإِيمَانِ» رواه مسلم މާނައީ: އަސްޙާބު ބޭކަލުންކުރެ ބައެއް ބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށްވަޑައިގެން ސުވާލު ދެންނެވިއެވެ. “ތިމަންމެން އެކަމުގެ ވާހަކަ ދައްކަން ފަސްޖެހޭވަރުގެ ނުބައި ވަސްވާސްތައް ބައެއް ފަހަރު ހިތަށް އަރައެވެ.” އެހިނދު ޙަދީޘް ކުރެއްވިއެވެ. “އެހެން އެކަން ވޭތޯއެވެ.” އެބޭކަލުން އާނއެކޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. “އެއީ ސީދާ ސާފު އީމާންކަމެވެ.”

އެބަހީ އެފަދައިން ހިތަށްއަރާ ނުބައި ވަސްވާސްތަކުގެ ވާހަކަ ދައްކަން ފަސްޖެހެވެނީ ހިތުގައިވާ އީމާންކަމުގެ ބޮޑުކަމުންނެވެ. އަދި އެ ވަސްވާސްތަކަކީ ނުބައި ވަސްވާސްތަކެއް ކަން އެނގުމަކީވެސް ހިތުގައިވާ އީމާންކަމުގެ ހަރުދަނާކަމުގެ ހެއްކެކެވެ.

އެހެން ރިވާޔަތެގައިވެއެވެ. عَنِ ابْنِ عَبَّاسٍ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللَّهِ، إِنَّ أَحَدَنَا يَجِدُ فِي نَفْسِهِ، يُعَرِّضُ بِالشَّيْءِ، لَأَنْ يَكُونَ حُمَمَةً أَحَبُّ إِلَيْهِ مِنْ أَنْ يَتَكَلَّمَ بِهِ، فَقَالَ: « اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، الْحَمْدُ لِلَّهِ الَّذِي رَدَّ كَيْدَهُ إِلَى الْوَسْوَسَةِ» رواه أبو داود މާނައީ: “އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ!” އަހަރުމެންގެ ތެރެއިން މީހަކު، ބައެއް ފަހަރު އޭނާގެ ހިތަށް އަރާ ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެ، އަދާހުލިވެފައި އޮތް އަޅިކޮޅަކަށްވުންވެސް މާ ހެޔޮވެގެންވެއޭ ހިތަށް އަރައެވެ.” ޙަދީޘް ކުރެއްވިއެވެ. “اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، އެ ޝައިޠާނާގެ ނުބައި ރޭވުން ވަސްވާސްކަށް ރައްދުކުރެއްވި މާތް ﷲ އަށް ޙަމްދު ހުއްޓެވެ.”

އިންސާނާގެ ހިތަށް ޝައިޠާނާ ވައްދާ ނުބައި ފިކުރުތަކަކީ، އޭނާގެ ހިތް ނުރުހޭ ވަސްވާސްތަކަކެއް ކަމުގައި ވުމަކީ، ޝައިޠާނާއަށް އީމާންވީ މީސްތަކުންގެ މައްޗަށް ގަދަވެ ނުގަނެވޭނޭ ކަމުގެ ހެއްކެކެވެ. އެގޮތަށް ހިތަށް އަރާ ނުބައި ފިކުރުތަކަށް ޝައިޠާނާއަށް ކާމިޔާބު ނުލިބި، އެ ވިސްނުންތަކަކީ ހަމައެކި ވަސްވާސްތަކެއް ކަމުގައި ވެގެން ދިޔުމަކީ، މީސްތަކުންގެ ހިތުގައިވާ އީމާންކަމުގެ މަތިވެރިކަމުންނެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. “ޝައިޠާނާގެ ވަސްވާސްތައް ހިތަށް ވަނުމަކީ މުއުމިނުތަކުންނަށް ކުރިމަތިވާ އިމްތިޙާނެކެވެ. ކުފުރުގެ ވަސްވާސްތަކުގެ ސަބަބުން އޭނާއަށް ހިތްދަތިކަން ކުރިމަތި ކުރުވައެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ވިދާޅުވެފައިވާ ފަދައިންނެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އަހުރެމެން ބައެއް ފަހަރު ހިތަށް އަރާ ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެ އުޑުން ބިމަށް ވައްޓައިލެވިގެން ދިޔުންވެސް، އެވާހަކަ ދެއްކުމަށްވުރެ މާ ހިތަށް ފަސޭހައެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. «ذَاكَ صَرِيحُ الْإِيمَانِ» “އެއީ ސާފު ސީދާ އީމާންކަމެވެ.” ބައެއް ރިވާޔަތްތަކުގައިވެއެވެ. “އެވާހަކަ ދެއްކުމަކީ ނުހަނު ބޮޑުކަމެއް ކަމުގައި ވެއެވެ.” އެހިނދު ޙަދީޘް ކުރެއްވިއެވެ. “އެ ޝައިޠާނާގެ ރޭވުން ވަސްވާސްކަށް ރައްދު ކުރެއްވިކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ.” އެބަހީ އެ ވަސްވާސް ހިތަށް ވަނުމުން، ހިތުގައި އެ ވަސްވާސްމެދު އުފެދޭ ބޮޑު ނަފުރަތާއި ނުރުހުންތެރިކަމާއި، ހިތުން އެ ފިކުރުތަކާ ދެކޮޅުވުން އެއީ ހިތުގައިވާ ސާފު އީމާންކަމެވެ. އެއީ ޢަދުއްވަކާ ބައްދަލުވާ މުޖާހިދެއް ފަދައިންނެވެ. އޭނަ އެ ޢަދުވާ ހަނގުރާމަކޮށް ގަދަވެގަނެއެވެ. އެފަދައިން އެ ވަސްވާސް ހިތަށް ވަން މީހާވެސް ވަނީ ބޮޑުވެގެންވާ ޖިހާދެއްގައެވެ.”

މިފަދަ ވަސްވާސްތަކުގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ މާތް ﷲ އާމެދު އިންސާނުންގެ ހިތު ތެރެއަށް ޝައިޠާނާ ވައްދާ ވަސްވާސްވެ. މިވާހަކަވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. عَن أَبِي هُرَيْرَة رضي الله عنه قال: قال رسول الله ﷺ: “يأتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ: مَنْ خَلَقَ السَّمَاءَ؟ مَنْ خَلَقَ الأَرْضَ؟ فَيَقُولُ اللَّهُ، فَيَقُولُ: فمَنْ خَلَقَ اللَّهَ؟ فَمَنْ وَجَدَ مِنْ ذَلِكَ شَيْئًا فَلْيَقُلْ: آمَنْتُ بِاللَّهِ وَرُسُلِهِ”، وفي رواية: “فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ وَلْيَنْتَهِ”. رواه البخاري، ومسلم މާނައީ: “”ޝައިޠާނާ އައިސް ތިޔަބައިމީހުން ކުރެއް މީހެއްގެ ހިތަށް ވަސްވާސް ވައްދަމުން ބުނާނެތެވެ. އުޑު ޚަލްޤު ކުރެއްވީ ކާކު ހެއްޔެވެ؟ ބިން ޚަލްޤު ކުރެއްވީ ކާކު ހެއްޔެވެ؟ އޭނާ ބުނާނެތެވެ. މާތް ﷲ އެވެ. ދެން ޝައިޠާނާ ބުނާނެއެވެ. އެހެންވީއިރު މާތް ﷲ ޚަލްޤު ކުރެއްވީ ކާކު ހެއްޔެވެ؟ މިފަދަ ވަސްވާސްއް ހިތަށް ވަދެއްޖެނަމަ ތިބާ ބުނާހުށިކަމެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް އަހުރެން އީމާންވެއްޖައީމުއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި ވެއެވެ. “އެހިސާބަށް ވަސްވާސް ހިނގައްޖެނަމަ އަޢޫޒު ކިޔައި އެ ފިކުރުން އެއްކިބާވާހުށި ކަމެވެ.”

މި ޙަދީޘްފުޅުގެ އެހެން ރިވާޔަތެއްގައި ވެއެވެ. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولَ: مَنْ خَلَقَ كَذَا وَكَذَا؟ حَتَّى يَقُولَ لَهُ: مَنْ خَلَقَ رَبَّكَ؟ فَإِذَا بَلَغَ ذَلِكَ، فَلْيَسْتَعِذْ بِاللهِ وَلْيَنْتَهِ “، روا مسلم މާނައީ: ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ޝައިޠާނާ އައިސް ތިޔަބައިމީހުން ކުރެ މީހެއްގެ ހިތަށް ވަސްވާސް ވައްދަމުން ބުނާނެތެވެ. އެވެނި އެއްޗެއް މިވެނި އެއްޗެއް ޚަލްޤު ކުރެއްވީ ކާކު ހެއްޔެވެ؟ އެގޮތަށް ވަސްވާސް ދެމުންގޮސް ބުނާނެއެވެ. މާތް ﷲ ޚަލްޤު ކުރެއްވީ ކާކުހެއްޔެވެ؟ އެހިސާބަށް ގޮއްސިނަމަ ޝައިޠާނާގެ ވަސްވާސްން ރައްކާތެރިކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާކޮށް އެ ފިކުރު ކުރުން ހުއްޓައިލާ ހުށިކަމެވެ.”

މާތް ﷲ އަކީ ކޮން ފަރާތެއްތޯ، މުޝްރިކުން ކުރާ ސުވާލުތަކަށް، ކީރިތި ޤުރްއާނުގައި ވަނީ ޖަވާބު ދެއްވާފައެވެ. ސޫރަތުލް އިޚުލާޞްގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އީ އެއްކައުވަންތަ އިލާހެވެ. އެއިލާހުއަށް ހުރިހާ މަޚުލޫޤުން ބޭނުންޖެހިގެންވާ، އެއިލާހު އެހެން އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާ އިލާހެވެ. ނުއުފަންނަ، ނުމެއުފަންނަ އިލާހެވެ. އަދި އެއިލާހުއާ ކުފޫހަމަވެގެންވާ (އެއްފަދަ) ހަމައެކަކުވެސް ނުވެތެވެ.”

އަދި އެ އިލާހު ޚަލްޤު ކުރެއްވި ތަކެތީގެ ވާހަކަ ބަޔާންކުރައްވައި، އެއިލާހު ފިޔަވައި އެހެން ފަރާތަކުން އުފެއްދި އެއްވެސް އެއްޗެއް ނުވާނޭކަން އަންގަވައި ވަޙީކުރެއްވިއެވެ. “خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا وَأَلْقَى فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ * هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ” (لقمان 10-11) މާނައީ: “ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ. * މިއީ اللَّه ގެ ހެއްދެވުމެވެ. އެކަލާނގެ ނޫން ފަރާތްތަކުން ހަދާފައިވަނީ ކޮން އެއްޗެއްކަން، ތިޔަބައިމީހުން ދައްކައިބަލާށެވެ! އަދި ކިއެއްތަ! މުޝްރިކުންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރޭގައެވެ.”

މާތް ﷲ ގެ އެއްކައުވަންތަކާމާއި، އެއިލާހުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމުގެ ވާހަކަތައް ވަނީ ތައުޙީދާއި ޢަޤީދާގެ ފޮތްތަކުގައި ޢިލްމުވެރިންވަނީ ތަފްސީލުތައް ބަޔާން ކުރައްވާފައެވެ.

ވަސްވާސްން ރައްކާތެރިވާނެ ގޮތް

މިފަދަ ވަސްވާސްތަކުން ރައްކާތެރިވުމަށް ކުރެވިދާނޭ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭއިން ހިމެނޭ އެންމެ މުހިންމު ކަމަކީ ދުޢާ ކުރުމެވެ.

މާތް ﷲ ގެ ޙަޟުރަތުން މަދަދާއި ވާތްގަށް އެދި، ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެވުމަށް އެދި މާތް ﷲ އަށް ދުޢާކުރުމަކީ މި ވަސްވާސްތަކުން ސަލާމަތްވުމަށް ކުރުން އެންމެ މުހިންމު ކަންތަކެވެ. ޢަޤީދާއާއި އީމާންކަމާ ގުޅޭ ކަންކަމުގައި އުފެދޭ ވަސްވާސްއް ނުވަތަ ޝައްކެއް ވިޔަސް އަދި އެނޫން ކަމެއްގައި އުފެދޭ ޝައްކެއްވިޔަސް އެކަމުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތަކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللّهِ إِنَّهُ سَمِيعٌ عَلِيمٌ” (الأعراف 200) މާނައީ: “އަދި ހަމަކަށަވަރުން، ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.”

ވަސްވާސްއް ޖެހިއްޖެނަމަ ޢަމަލު ކުރަންވީ ގޮތާމެދު، އިސްވެ ބަޔާންކުރެވުނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. “فَإِذَا بَلَغَ ذَلِكَ، فَلْيَسْتَعِذْ بِاللهِ وَلْيَنْتَهِ” “އެހިސާބަށް (ވަސްވާސް) ހިނގައްޖެނަމަ ޝައިޠާނާގެ ވަސްވާސްން ރައްކާތެރިކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާކޮށް އެ ފިކުރު ކުރުން ހުއްޓައިލާ ހުށިކަމެވެ.”

މިފަދައިން ހިތުތެރެއަށް ޝައިޠާނާ ވައްދާ ވަސްވާސްތައް، އެއިން ކުރިފަޅައި، އެއް ޝައްކަށްފަހު އަނެއް ޝައްކު، އެއް ސުވާލަށްފަހު އަނެއް ސުވާލު ހިތުގައި އުފައްދަމުން ދެއެވެ. އަދި ނިމުމެއްނުވާ ޝައްކާއި ވަހުމުގެ ޝިކާރައަކަށް އެފިކުރުގައި ޖެހޭ މީހާ ވެގެންދެއެވެ. ވީމާ، އެކަމަށް އޮތް ހައްލަކީ އަޢޫޒު ކިޔައި، އެ ވިސްނުން ހުއްޓައިލުމެވެ. ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގައި، އަމިއްލަ ނަފްސު އެފިކުރުތަކާ ދުކުރުވުމަކީ އެފަދަ ފިކުރުން ސަލާމަތްކޮށްދޭ މުހިންމު ވަސީލަތެކެވެ. ބޭކާރު ފިކުރުތަކުން އެއްކިބާވުމަށް، މަންފާކުރަނިވި ހެޔޮ ޢަމަލުތަކުގައި ވަގުތުތައް ހޭދަކޮށްލާށެވެ. ކީރިތި ޤުރްއާން ކިޔެވުމާއި، ޢިލްމު އުނގެނުމާއި، ބޭނުމެއްޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި އާއިލީ ގުޅުން ގާއިމު ކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަދި މިނޫންވެސް އެތައް ކަމެއް ކުރެވިދާނެއެވެ.

ދަންނާށެވެ! ހިތުގެ ތެރެއަށް ޝައިޠާނާ ވަނުގެ މަގަކީ އެ ހިތުގެ ޣާފިލުކަމެވެ. މާތް ﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ ހިތުގެ ޣާފިލުކަމުން ސަލާމަތް ކޮށްދޭކަމެކެވެ. ވީމާ، ހެނދުނާ ހަވީރުގެ ދުޢާތައް ކިޔުމާއި، ނިދާއިރުގެ ދުޢާތަކާއި އެނޫންވެސް ޒިކުރު ކުރުން ގިނަ ކުރުމަކީ ވަސްވާސް ސަލާމަތް ކޮށްދޭނޭ ކަމެކެވެ.

ޒިކުރުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ކަމަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. އެ ގެއްގައި ކީރިތި ޤުރްއާން ކިޔަވާއި، މާތް ﷲ ޒިކުރުކޮށްއުޅޭ ގެއަކީ ބަރަކާތްތެރި ގެއެކެވެ. މަލާއިކަތުން ޒިކުރުގެ މަޖިލިސްތަކަށް ޙާޟިރުވެވަޑައިގަންނަވާނެތެވެ. މަލާއިކަތުން ޙާޟިވެވަޑައިގަންނަވާ ތަންތަނުން ޝައިޠާނުން ފިލައިދާހުއްޓެވެ. ވަކީން ޚާއްޞަކޮށް ބަޤަރާ ސޫރަތް ކިޔަވާ ގެއްގެ ތެރެއަށް ޝައިޠާނާ ނުވަންނާނޭ ކަމުގައިވަނީ ޙަދީޘް ކުރައްވާފައެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ «لَا تَجْعَلُوا بُيُوتَكُمْ مَقَابِرَ، إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ» رواه مسلم މާނައީ: “ތިޔަބައިމީހުންގެ ގޭގެއަކީ ޤަބުރުސްތާނެއް ކަމުގައި ނުހަދާށެވެ. ހަމަކަށަވަރުން، އެ ގެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނާ ދުވެ ފިލައިދާ ހުއްޓެވެ.”

އިސްވެ ދިޔަ ވާހަކަތަކުގެ ޚުލާޞާއަކީ، ޢަޤީދާއާއި އީމާންކަމާ ގުޅުންހުރި ކަންކަމުގައި ހިތަށް ވަންނަ ވަސްވާސްތަކުގެ ސަބަބުން ކަންބޮޑުވާނަމަ، އަދި އެވާހަކަތައް ދައްކަން ޖެހިލުންވާނަމަ އެއިން ދޭހަކޮށްދެނީ ހިތުގައިވާ އީމާންކަމުގެ ހަރުދަނާކަމެވެ. އަދި މާތް ﷲ އާމެދު ޝައިޠާނާ އުފައްދާ ޝައްކުތަކާއި ވަސްވާސްތަކާމެދު ވިސްނުން ހުއްޓާލައި، މާތް ﷲ އަށް އީމާންވެއްޖެ ކަމުގައި އަމިއްލަ ނަފްސަށް ހަނދުމަކޮށްދޭށެވެ. އަދި މާތް ﷲ ހަދުމަކޮށް ކީރިތި ޤުރްއާން ކިޔަވައި ޒިކުރު ކުރުން ގިނަ ކުރުމަކީ އެ ވަސްވާސްތަކުން ސަލާމަތް ކޮށްދޭނޭ ވަސީލަތްތަކެވެ.

Copyright 2021 © Sheikh Hassan Moosa Fikree