ޖޫން 26، 2017

ފާފަ ފުއްސަވާ ސަބަބުތައް

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى” [طه: 82] މާނައީ: “ތައުބާވެ ޞާލިޙު ޢަމަލުކޮށް، އެއަށްފަހު ތެދުމަގުގައި ދެމިހުރެއްޖެ މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.”

ފާފަ ފުއްސެވުމުގެ އެތައް ސަބަބުތަކެއް މާތް ﷲ ވަނީ ލައްވާފައެވެ. އަދި އެކަންކަންވަނީ ކީރިތި ޤުރްއާނާއި ސުންނަތުގައި ޞަރީޙަ ޢިބާރާތުން ބަޔާންކުރައްވާފައެވެ. އެގޮތުން މިލިޔުމުގައި ހިމަނާލާފައި ބައެއްކަންތަތަކެވެ.

އިސްތިޣުފާރު ކުރުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ” [البقرة: 199] މާނައީ: “ތިޔަބައިމީހުން މާތް ﷲ އަށް އިސްތިޣްފާރުކުރާށެވެ! އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އޯގަންވާންތަ އިލާހެވެ.”

ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ﷲ ސުބުޙާނަޙޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ފާފަތައް އުޑުގައިވާ ވިލާތަކާއި ހަމަޔަށް ދިޔައަށް (އެހާގިނަވިޔަސް) ތިމަންރަސްކަލާނގެއަށް ފާފަފުއްސެވުން އެދި ދުޢާކޮށްފިނަމަ، އެއްވެސް ހިފެއްޓެވުމެއްނެތި (އެފާފަތަކުގެ ގިނަކަމުގެ މައްޗަށް ފަރުވާލެއްނެތި) ތިމަންރަސްކަލާނގެ ފާފަފުއްސަވައިދެއްވާހުށީމެވެ.”

ތަޤުވާވެރިކަން

މާތް ﷲ ވަޙީކުރައްވާފިއެވެ. “يِا أَيُّهَا الَّذِينَ آمَنُوا إَن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ” [الأنفال: 29] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ތަޤްވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ ފަޟުލަވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.”

ދުޢާކުރުން

ޤުދުސީ ޙަދީޘްފުޅެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ތިމަންރަސްކަލާނގެއަށް ދުޢާކޮށް ތިމަންރަސްކަލާނގެ ޙަޟުރަތުން އެދިއްޖެނަމަ، ތިބާގެ ކިބައިން ވެފއިވާ ކަމަކަށް ފަރުވާލެއްނެތި ތިބާއަށް ފާފަފުއްސަވައިދެއްވަމެވެ.”

މިދުނިޔެ ދޫކުރުމަށްފަހު އާދަމުގެ ދަރިއެއްގެ ޢަމަލުތައް ތިންކަމަކުން މެނުވީ މެދުކެނޑުނީއެވެ. މެދު ނުކުނޑިވާ ތިންކަމުގެ ތެރެއިން އެއްކަމަކީ އޭނަގެ ޞާލިޙު ދަރިން އޭނަށް ކުރާ ހެޔޮ ދުޢާއެވެ. އެދުޢާގެ ސަބަބުން ކައްވަޅުގައިވެސް ފާފަ ފުއްސަވައިދެއްވައެވެ.

ރަސޫލު ﷲ صلَّى الله عليه وسلَّم އަށް ތަބާވުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَّحِيمٌ} [آل عمران: 31] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެއެވެ.”

ފާގަތިކަމުގަ އާއި ދަތިކަމުގެ ވަޤުތުގައި މާތް ﷲ ގެ މަގުގައި ހޭދަކުރުމާއި، ރުޅި މަޑުކޮށް މާފުކުރުން

“وَسَارِعُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالأَرْضُ أُعِدَّتْ لِلْمُتَّقِينَ * الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاء وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ” [آل عمران: 133-134] މާނައީ: “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ. (134)    އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. ”

 

ވުޟޫ ފުރިހަމައަށް ކުރުން

މީސްތަކުންނަށް ވުޟޫ ކުރާނޭގޮތް އުނގަންނަވައި ދެއްވަމުން ޢުޘްމާނު ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލު صلَّى الله عليه وسلَّم މިފަދައިން ވުޟޫ ކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ވުޟޫ މިކުރެއްވިފަދައިން ވުޟޫ ކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ދެން އޭނާ މިސްކިތައް ހިނގާފައިދާ ދިޔުމުގައްޔާއި އޭނާގެ ނަމާދު ކުރުމަކީ އޭނާއަށް އިތުރުވެގެންދާ ޘަވާބެވެ.” مسلم

ވުޟޫ ކުރުމަށްފަހު ދެރަކުޢަތް ކުރުން

ޢުޘްމާނު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު މިވުޟޫ ކުރެއްވިފަދައިން ވުޟޫކޮށް، އެއަށްފަހު އަމިއްލަ ފިކުރުތަކުން އެއްކިބާވެގެން ހުރެ ދެރަކުޢަތް ނަމާދެއްކޮށްފި މީހާގެ އިސަވެދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ.” متفق عليه

ބަންގިއަށް އިޖާބަދިނުމާއި ދުޢާކުރުން

ބަންގިއަށް އިޖާބަދިނުމަކީ ބަންގިދޭ މީހާކިޔާ ޢިބާރާތްތައް ކިޔުމެވެ. حي على الصلاة حي على الفلاح މިކަލިމަތައް ފިޔަވައެވެ. އެވަގުތުގައި ކިޔާނީ لا حول ولا قوة إلا بالله އެވެ. ބަންގިއަށް އިޖާބަދީ އެއަށްފަހު ދުޢާ ކުރުމަކީ ނަބިއްޔާ صلَّى الله عليه وسلَّم ގެ ޝަފާޢަތް ލިބި، މާތް ﷲ ގެ ރަޙުމަތާއި ފާފަފުއްސެވުން ޙާޞިލުވާކަމެކެވެ.

މާތް ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. “ބަންގިދޭމީހާގެ އަޑުއިވުމުން، މިފަދައިން ކިޔައިފިނަމަ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا އޭނާގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ.” مسلم.

ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދަށް ޙާޟިރުވުމަށް މިސްކިތައް ދިޔުން

ހިނގާފައި މިސްކިތައް ދިޔުމަކީ ފާފަ ފުއްސެވޭކަމެކެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “އެކަމެއްގެ ސަބަބުން މާތް ﷲ ފާފަ ފުއްސަވައިދެއްވައި ދަރަޖަ އުފުއްލަވައިދެއްވަނިވި ކަންތައްތަކެއް ކިޔައިދެއްވަން ހެއްޔެވެ؟ ހިތްނުރުހޭފަދަ ގަޑިތަކުގައިވެސް ވުޟޫ ފުރިހަމަކުރުމައި، މިސްކިތައް ދިޔުމަށް އަޅާ ފިޔަވަޅުތައް ގިނަކުރުމާއި، (އެބަހީ ގިނަގިން މިސްކިތައް ދިޔުމާއި)، އެއްނަމާދަށްފަހު އަނެއް ނަމާދަކަށް އިންތިޒާރު ކުރުމާއި، ހެޔޮކަމުގެ މަގަކީ އެއީއެވެ.”

 

ފަރުޟު ފަސްނަމާދު ކުރުމާއި ފަރުޟު ރޯދަ ހިފުން

މާތް ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. “الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان – مُكفرات لما بينهن إذا اجتنبت الكبائر” متفق علي. މާނައީ “ފަރުޟު ފަސްނަމާދާއި، އެއްހުކުރުން އަނެއް ހުކުރަށާއި، އެއް ރަމަޟާންމަހުން އަނެއް ރަމަޟާން މަހަށް، އެދެމެދުގައިވާ ފާފަތައް ފުއްސެވެއެވެ. އެއީ ބޮޑެތިފާފަތަކުން އެއްކިބާވެގެން ވާނަމައެވެ.”

ފަރުޟު ފަސްނަމާދު ކުރުމަކީ ދުވާލަކު ފަސްފަހަރަށް ފެންވެރުންފަދަ ކަމެކެވެ. އެވަރަށް ފެންވަރާ މީހެއްގެ ގައިގާ ކުނިމިލައެއް ނުހުންނަ ފަދައިން ނަމާދު ކުރާމީހާގެ ފާފަތައްވެސް ފުހެވިގެންދެއެވެ.

ފަރުޟު ނަމާދަށްފަހުގަ ޒިކުރުތަސްބީޙަ ކިޔުން

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. “ކޮންމެ ނަމާދެއްގެ ފަހުގައި سبحان الله ތިރީސް ތިންފަހަރު ކިޔައި، الحمد لله ތިރީސް ތިންފަހަރު ކިޔައި، الله أكبر ތިރީސްތިންފަހަރު ކިޔައި، ނުވަދިހަ ނުވައެއް ހަމަކުރުމަށްފަހު، ސަތޭކަވަނަ ފަހަރު لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ ކިޔައިފި މީހެއްގެ ފާފަ ކަނޑުގެ މަތީގައިވާ ފޮނުގަނޑަށްވުރެ ގިނަކަމުގައިވިޔަސް އޭނާގެ ހުރިހާ ފާފައެއް ފުއްސަވައިދެއްވާނެއެވެ.” رواه مسلم

މާތް ﷲ ޒިކުރުކުރުންމަތީ އަބަދުމެ ދެމިހުރުން

މާތް ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. “سُبْحَانَ اللَّهِ وَبِحَمْدِهِ ދުވާލަކު ސަތޭކަފަހު ކިޔައިފި މީހެއްގެ ފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަޔަސް އޭނާގެ ފާފަ ފުއްސަވާނެއެވެ.” متفق عليه

މިމާތް މައްސަރުގެ ވަގުތުތައް ޒިކުރު ކުރުންމަތީ ހޭދަކުރުމަށް ވަޞިއްޔަތް ކުރަމެވެ.

Copyright 2021 © Sheikh Hassan Moosa Fikree