
އިސްލާމްދީނުގައި ޢިލްމާއި، ޢިލްމުގެ އަހުލުވެރިންނަށް ވަނީ މަތިވެރި ދަރަޖަތަކެއް ދެއްވައިފައެވެ. މި ކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އަމުރުފުޅަކީ ﴿اقْرَأ﴾ “ކިޔާށެވެ!” އޮތް އަމުރުފުޅެވެ. ހަމަ އެ ފަދައިން العَلِيْم “ދެނެވޮޑިގެންވުން” އެއީ މާތް ﷲގެ ސިފަފުޅެކެވެ. އަދި ޢިލްމު އިތުރުކޮށް ދެއްވުންއެދި ދުޢާ ކުރުމަށް ﷲ وتعالى ވަނީ އަމުރު ކުރައްވާފައެވެ. ﴿وَقُل رَّبِّ زِدْنِي عِلْمًا﴾ )طه: ١١٤( މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަޅުގެ ރައްބެވެ! އަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!” ޢިލްމު ނޫން އެހެން އެއްވެސް އެއްޗެއް އިތުރުކޮށްދެއްވުންއެދި ދުޢާކުރުމަށް އެ އިލާހު އަންގަވައިފައެއް ނުވެއެވެ.
މި ކަންކަމުން، އިސްލާމްދީނުގައި ޢިލްމުގެ މަކާނަތު ސާފުކޮށް ބަޔާންކޮށްދެއެވެ. ހަމަ އެފަދައިން ޢިލްމުވެރިން ވަނީ ދަރަޖަތަކަކަށް އުފުއްލަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ﴾ (المجادلة: ١١) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން، މާތް ﷲ، ދަރަޖަތަކަކަށް އުފުއްލަވާނެތެވެ”.
މި އާޔަތާމެދު އިބްނު ތައިމިއްޔާ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ޢިލްމު ލިބިގެންވާ މީހުންނާއި އީމާންވި މީސްތަކުން ދަރަޖަތަކަކަށް އުފުއްލެވުމުގައި ޚާއްޞަކުރައްވައިފައި ވަނީ، އެއީ އެބައިމީހުންނަކީ، ﷲގެ އެއްކައުވަންތަކަމަށް ހެކިވާ ބަޔަކު ކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿شَهِدَ اللَّهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ﴾ (آل عمران: ١٨) މާނައީ: “ހަމަކަށަވަރުން، ﷲ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިން ވެސް (އެކަމަށް) ހެކިވިއެވެ.”
އަދި އެބައިމީހުންނަކީ ރަސޫލު ﷲ صَلَى اللهُ عَلَيْهِ وَسَلَّمގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަކީ ޙައްޤު ތެދުކަން ޤަބޫލުކުރާ މީހުންނެވެ. ﴿وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ الْحَقَّ﴾ (سبإ: ٦) މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ ޙައްޤު ބަސްފުޅު ކަމުގައި، ޢިލްމުލިބިގެންވާ މީހުން ދެކޭނެތެވެ.” މި ބަސްފުޅުތަކުން ދޭހަވާ ގޮތުގައި ޢިލްމު އުނގެނުމަކީ ޙުއްޖަތެކެވެ. އަދި އެ ޢިލްމައިގެން ތެދުވާ މީހާގެ ދަރަޖަ އުފުއްލަވައެވެ. ޢިލްމު ހޯދުމަށް މަގެއް ހޯދައިފި މީހާ ސުވަރުގެ ދިޔުމަށް މަގުފަހިކޮށްދެއްވާނޭ ކަމުގައި ކީރިތި ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. އަދި އުޑުތަކާއި ބިމުގައިވާހާ ފަރާތެއް ޢިލްމުގެ އަހުލުވެރިންނަށް ފާފަ ފުއްސަވައިދެއްވުންއެދި ދުޢާ ކުރާނޭކަމުގައި ވެސް އެ މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކުރައްވައިފައެވެ.
(މިއީ 12 މާރިޗް 2021ގައި ޝާއިޢުކުރި “ދީނުގެމަގު” 10ވަނަ ނަންބަރުގެ2ވަނަ ޞަފުހާގައި އޮތް ލިޔުމެވެ.)
Copyright 2021 © Sheikh Hassan Moosa Fikree