عَنْ عُمَرَ رَضِيَ اللهُ تَعَالَى عَنْهُ قَال : بَيْنَمَا نَحْنُ جُلُوْسٌ عِنْدَ رَسُولِ اللهِ صلى الله عليه وسلم ذَاتَ يَوْمٍ إَذْ طَلَعَ عَلَيْناَ رَجُلٌ شَدِيْدُ بَيَاضِ الثّياب شَدِيْدُ سَوَادِ الشَّعْرِ لاَ يُرَى عَلَيهِ أَثَرُ السَّفَرِ وَلاَ يَعْرِفُهُ مِنا أحَدٌ حَتى جَلَسَ إلَى النبِي صلى الله عليه وسلم فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ وَوَضَعَ كَفيْهِ عَلَى فَخِذِيْهِ وَقَالَ : يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلاَم ، فَقَالَ رَسُولُ اللهِ صلى الله عليه وسلم : “الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إلَه إلاَّ اللهُ وَأَنَّ مُحَمَّدَاً رَسُولُ الله ، وَتُقِيْمَ الصَّلاَة ، وَتُؤْتِيَ الزَّكَاةَ ، وَتَصُوْمَ رَمَضَانَ ، وَتَحُجَّ البيْتَ إِنِ اِسْتَطَعتَ إِليْهِ سَبِيْلاً “
قَالَ : صَدَقْتَ . فَعجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ ، قَالَ : فَأَخْبِرِنيْ عَنِ الإِيْمَانِ ، قَالَ : ” أَنْ تُؤمِنَ بِالله ، وَمَلاِئكَتِه ، وَكُتُبِهِ ، وَرُسُلِهِ ، وَالْيَومِ الآَخِر ، وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ “
قَالَ : صَدَقْتَ ، قَالَ فَأخْبِرْنِيْ عَنِ الإِحْسَانِ ، قَالَ : “أَنْ تَعْبُدَ اللهَ كَأَنَكَ تَرَاهُ ، فَإِنْ لمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ ” .
قَالَ : فَأَخْبِرْنِي عَنِ السَّاعَةِ ، قَالَ : ” مَا الْمَسئُوُلُ عَنْهَا بِأَعْلَمَ مِنَ السَّائِلِ ” قَالَ : فَأخْبِرْنِيْ عَنْ أَمَارَاتِها ، قَالَ :” أَنْ تَلِدَ الأَمَةُ رَبَّتَهَا ، وَأَنْ تَرى الحُفَاةَ العُرَاةَ العَالَةَ رِعَاءَ الشَّاءِ يَتَطَاوَلُوْنَ فِي البُنْيَانِ ” ثْمَّ انْطَلَقَ فَلَبِثتُ مَلِيَّاً ثُمَّ قَالَ : ” يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟ ” قُلْتُ اللهُ وَرَسُوله أَعْلَمُ قَالَ :” فَإِنَّهُ جِبْرِيْلُ أَتَاكُمْ يُعَلَّمُكُمْ دِيْنَكُمْ ” رواه مسلم .
މާނައީ: ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އެއް ދުވަހަކު، ތިމަންމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އިށީނދެގެން ތިއްބަވަނިކޮށް، ކުއްލިއަކަށް މީހަކު އަތުވެއްޖެއެވެ. އޭނާގެ ހެދުން ހުރީ ސާފު ހުދުކުލައިގައެވެ. އަދި ބޮލުގެ އިސްތަށީގެ ކަޅުކަން ގަދައެވެ. އަދި އޭނާގެ ކިބައިން ދަތުރުގެ އެއްވެސް އަސަރެއްވެސް ނުފެނެއެވެ. އަދި އެއީ، އަހަރެމެންކުރެ އެކަކުވެސް ދަންނަ މީހެއްވެސް ނޫނެވެ. އޭނާ އައިސް މާތް ނަބިއްޔާ صلى الله عليه وسلم ގެ ދެ ކަކޫފުޅުގައި އޭނަގެ ދެކަކޫ ޖައްސައިގެން، އަދި އޭނާގެ ދެ އަތްތިލަ ދެފައިގެ މާކަޅުވާވާމަތީ ބާއްވައިގެން (އަދަބުވެރިކަމާއެކު) އިށީދެއްޖެއެވެ.” އަދި ދެންނެވިއެވެ. “އޭ މުޙައްމަދުގެފާނެވެ! އިސްލާމް ކަމަކީ ކޮބައިތޯއެވެ؟”
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިސްލާމް ކަމަކީ؛ ހަމަކަށަވަރުން، މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާކަމަށް ތިބާ ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ތިބާއަށް ކުޅަދާނަވެގެންވާނަމަ ކަޢުބަތު ﷲ ގެ ފުޅައަށް ޙައްޖުވުމެވެ.”
އެ މީހާ ދެންނެވިއެވެ! “ކަލޭގެފާނު ތިޔަ ވަދާޅުވަނީ ތެދެކެވެ!”
(ޢުމަރުގެފާނު ވިދާޅުވިއެވެ.) “ފަހެ، އޭނާއާމެދު ތިމަމެން ވަރަށް ހައިރާން ވިއެވެ. އެހެނީ، އެކަލޭގެފާނާ ސުވާލު ކުރުމަށްފަހު، ޖަވާބު ރަގަނގަޅުކަމުގައި އޭނާ ބުނީތީއެވެ.”
އަނެއްކާ އޭނާ ދަންނަވައިފިއެވެ. “އީމާންކަމަކީ ކޮބައިހެއްޔެވެ؟”
ޙަދީޘް ކުރެއްވިއެވެ. “(އީމާންކަމަކީ) ހަމަކަށަވަރުން، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ރަސޫލުންނަށާއި، ޤިޔަމާތް ދުވަހަށާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ.”
އޭނާ ދެންނެވިއެވެ! “ކަލޭގެފާނު ތިޔަވިދާޅުވީ ތެދެކެވެ!”
ދެން އަނެއްކާވެސް އޭނާ ސުވާލު ކުރިއެވެ. “އިޙުސާންކަމަކީ ކޮބައިހެއްޔެވެ؟”
ޙަދީޘް ކުރެއްވިއެވެ. “(އިޙްސާން ކަމަކީ) ތިބާ ﷲ އަށް އަޅުކަން ކުރާއިރު، އެކަލާނގެ ޛާތުފުޅު ތިބާ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަންކުރުމެވެ. އެހެނީ، ތިބާއަށް އެކަލާނގެ ނުފެނުނަސް، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.”
އަނެއްކާ އޭނާ ސުވާލު ކުރިއެވެ. “ޤިޔާމަތްވާނެ ވަގުތެއް ކަލޭގެފާނު ވިދާޅުވެދެއްވާށެވެ!”
ޙަދީޘްކުރެއްވިއެވެ. “ސުވާލު ވެވުނު މީހާއަށް (އެބަހީ: ތިމަންކަލޭގެފާނަށް) ސުވާލުކުރެވުނު މީހާއަށްވުރެ ބޮޑަށް، އެކަމެއް (ތިޔަ ސުވާލުގެ ޖަބާއެއް) ނޭނގެއެވެ!”
އަނެއްކާވެސް އޭނާ ބުންޏެވެ. “(އެހެންވިއްޔާ) ޤިޔާމަތުގެ ޢަލާމާތްތައް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ!”
ޙަދީޘްކުރެއްވިއެވެ. “އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމާއި، ހުސްފައިގައި، ބަކަރި ހުއިހައްޕަންއުޅޭ، އުނުއޮރިޔާން ނިވާކުރަންވެސް ނުލިބޭފަދަ ނިކަމެތި މީހުން، އެބައިމީހުންގެ އުސް ބިނާތަކާމެދު އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ފަޚުރުވެރިވެ އުޅޭތީ ތިބާ ދުށުމެވެ.”
ދެން އޭނާ އެނބުރި ހިގައްޖެއެވެ. (ޢުމަރުގެފާނު ވިދާޅުވިއެވެ.) ދެން އެއަށްފަހު ދުވަސްކޮޅެއްފަހު ރަސޫލު ﷲ صلى الله عليه وسلم ، ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރެވެ! އެ ސުވާލުކުރި މީހާއަކީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟”
(ޢުމަރުގެފާނު ވިދާޅުވިއެވެ.) “ތިމަންނާ ދެންނެވީމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ، އެވެ. އަދި އެކަލާނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑުމެއެވެ!”
އެހިނދު ޙަދީޘްކުރެއްވިއެވެ. “އެއީ ޖިބްރީލުގެފާނެވެ. އެ ކަލޭގެފާނު ވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވުމަށްޓަކައެވެ.”
އަމީރުލް މު
މި ޙަދީޘުން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި؛
⇐ މި ޙަދީޘްފުޅުގައި އިސްލާމް ދީނުގެ ދަރަޖަތައް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ؛ އިސްލާމް ކަމާއި، އީމާންކަމާއި، އިޙްސާން ކަމެވެ.
⇐ އުންގަނައިދޭ އެދުރެއްގެ ކުރިމަތީގައި ކިޔަވާ ކުއްޖާގެ (ދަރިވަރުގެ) އަދަބުތައް ބަޔާން ކޮށްދެއްވައިފައިވެއެވެ.
⇐ އުނގެނުމާއި ޛިކުރުގެ މަޖިލިސްތަކަށް ޙާޟިރުވުމުގެ މުހިންމުކަން މި ޙަދީޘުން އެނގެއެވެ.
⇐ ކިޔަވާ ކުއްޖާ ފިލާވަޅަށް ސަމާލުކަން ދިނުމާއި ކަނުލައި އަޑުއެހުމުގެ މުހިންމުކަންވެސް އެނގިގެން ހިގައްޖެއެވެ.
⇐ މިޙަދީޘްގައި އުނގަންނައި ދިނުމުގެ އުޞްލޫބުތަކުގެ ތެރެއިން ސުވާލުކުރުމާއި ޖަވާބު ދިނުމުގެ އުޞޫލު ބަޔާންކޮށްދެއްވާފައިވެއެވެ.
⇐ ސުވާލު ކުރުމަކީ ޢިލްމުގެ ތަޅުދަނޑި ކަމާއި، ސުވާލު ކުރަން ފަސްޖެހޭނަމަ ނުވަތަ ބޮޑާވެރިވާނަމަ ޢިލްމު ޙާޟިލު ކުރަން ހުރަސްއެޅޭނެކަން މި ޙަދީޘުން އެނގެއެވެ.
⇐ ސުވާލަކީ ޢާއްމު ސުވާލެއްނަމަ ޖަވާބު ދިނުމުގައި އެންމެ މުހިންމު ބައިތަކަށް އިސްކަން ދިނުމާއި، އެގޮތުން އިސްލާމް ދީނާ ބެހޭގޮތުން ސުވާލުވެވުމުން، އެއީ ދީނުގެ ހުރިހާ ބައިތަކަކާއި ހުރިހާ ޢަމަލުތަކެއް އެއިގެ ތެރެއިން ހިމެނޭ ކަމެއްކަމުގައިވުމާއެކު، ޖަވާބު ދެއްވުމުގައި އިސްލާމް ދީނުގެ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ދީނުގެ ރުކުންތައް އެވަނީ ބަޔާން ކުރައްވާފައެވެ.
⇐ ތިމާގެ ހެދުމާއި ހަށިގަނޑުގެ ރީތިކޮށް ބެހެއްޓުމަށް ލޯބި ކުރުމަކީ ދެއްކުންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ނޫންކަން ބަޔާންކޮށްދެއްވާފައިވެއެވެ.
⇐ އިސްލާމްކަމާއި އީމާންކަން ވަކިވަކީން ޛިކުރު ކުރެއްވިއްޖެނަމަ އެއީ ތަފާތު ދެކަމެކެވެ. އެގޮތުން އިސްލާމް ކަމަކީ ބޭރުފުށުގެ ޢަމަލުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނުގެ ރުކުންތަކެވެ. އީމާންކަމަކީ އެތެރެފުށުގެ (ޢަޤީދާއާއި) ގުޅުންހުރި ޢަމަލުތަކެވެ. އޭގެ ތެރެއިން ހިމެނެނީ އީމާންކަމުގެ ރުކުންތަކެވެ.
⇐ ހިތުގައި އީމާންކަން އަށަގެންފިނަމަ، ގުނަވަންތަކުން ކިޔަމަންގަންނެ ޢަމަލު ކުރާނެއެވެ. “ކޮންމެ މުއުމިނަކީ މުސްލިމެކެވެ.” ބުނާ ބަހުގެ މާނައަކީ މިއީއެވެ.
⇐ އަޅުކަން ކުރަމުންދާ ވަގުތު މާތް ﷲ ބައްލަވާވޮޑިގެންވާކަން ދަތުމަކީ އިސްލަމްކަމުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުކޮށްދޭ ކަމެވެ. އެކަމުގެ ސަބަބުން ހިތު ތެރޭގައި ޚުޝޫޢަތްތެރިކަމާއި، އިޚްލާޞްތެރިކަމާއި ތެދުވެރިކަން އަށަގަންނަވައެވެ.
⇐ ނަމާދު ޤާއިމު ކުރުމަށް ޝަރުޢީ ނައްޞުތަކުގައި އަންގަފައިވުމާއި، ނަމާދު ކުރުމަށް ބުނާ ބުނުމާ ތަފާތުވެގެންވެއެވެ. ނަމާދުގެ މޭވާ ލިބޭނީ ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައް ފުރިހަމަކޮށް ނަމާދު ކޮށްގެންނެވެ. ނަމާދު ޤާއިމު ކުރުމަކީ އެއީއެވެ.
⇐ ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ މީހާއަދާކުރުމަށް ޝަރުޢުވެގެންވާ އަޅުކަމެއްކަން މިޙަދީޘްގައި ބަޔާންވެއްޖެއެވެ.
“ނޭނގެ” އޭ ބުނުމަކީ ތިމާގެ ޤަދަރު ކުޑަވާކަމެއް ނޫނެވެ.
⇐ މީސްތަކުންނަށް އެނގުމެއްނުވާ ކަންކަންމުގައި، މާތް ﷲ އަށް އެ ޢިލްމު ނިސްބަތް ކުރުން މިޙަދީޘުން ބަޔާންކޮށްދެއްވައިފިއެވެ.
⇐ ޖިބްރީލް ޢަލައިހިއްސަލާމްގެ މާތް ކަމާއިމަތިވެރިކަން މިޙަދީޘުން އެނގެއެވެ.
⇐ ޢުމަރުގެފާނުގެ މާތްކަމާއި މަތިވެރިކަން މިޙަދީޘުން ހާމަވެއެވެ. އެ ސުވާލުކުރަން ވަޑައިގަތީ ޖިބްރީލްގެފާނުކަން ކީރިތި ރަސޫލާ صلى الله عليه وسلم ބަޔާންކޮށްދެއްވީ ޢުމަރުގެފާނަށެވެ.
⇐ ޝަރުޢީ ބަސްފުޅުތަކުގައި ނަމާދު ކުރުމުގެ ވާހަކަ މުޅިންވެސް އައިސްފައިވަނީ ނަމާދު “ޤާއިމު” ކުރުމަށް ކުރައްވާފައިވާ އަމުރު ފުޅަކުންނެވެ. މި ޙަދީޘްގައިވެސް ވަނީ ނަމާދު ޤާއިމު ކުރުމަށް އަމުރު ކުރައްވާފައެވެ. ނަމާދު ޤާއިމު ކުރުމަކީ، އެނަމާދުން ބޭރު އެއްވެސް ކަމެއް ނުހިމެނޭ ގޮތުގައި ނަމާދުގެ ރުކުންތަކާއި ވާޖިބާތުތަކާއި ސުންނަތްތައް އަދާކުރުމެވެ. ނަމާދުގެ ފޮނިކަމާއި މޭވާ ޙާޞިލުވާނީ އެއިރުންނެވެ.
⇐ ޤިޔާމަތްވާނެ ވަޤުތަކީ މާތް ﷲ ފިޔަވައި އެހެން އެވެސް ފަރާތަކަށް އެނގޭނެ ވަގުތެއް ނޫންކަން މިޙަދީޘުން ހާމަވެއްޖެއެވެ. އެއީ ކުއްތަންވެގެންވާ މަލާއިކަތަކު ކަމުގައިވިޔަސް އަދި މާތްވެގެންވާ ރަސޫލު ބޭކަލަކު ކަމުގައިވިޔަސް މެއެވެ.
⇐ ޤިޔާމަތުގެ ޢަލާމާތްތަކެއްވެއެވެ. އެ ޢަލާމާތްތަކުގެ ތެރެއިން ބައެއް ކަންތައްތައް މިހާރުވަނީ ފެނިފައެވެ.
Copyright 2021 © Sheikh Hassan Moosa Fikree