އޮކްޓޫބަރު 04، 2021

ކަޅު ދަބަހުގައި އުފަލަމުންދާ ތަކެތި

ރިޝްވަތުގެ ފައިސާ އުފުލާ ވާހަކަ މީޑިޔާގެ ސުރުޚީތަކުގައި އާންމުވެފައިވާ މި ދުވަސްވަރެކެވެ. ކުރިޔާއި މިހާރުގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި، ދައުލަތުގެ އިސްވެރީންނާއި، އެކިދުވަސްވަރު މިނިސްޓަރުކަން ކުރައްވާފައި ފަރާތްތައްވެސް މި ތުހުމަތުގައި ހިމެނެއެވެ. އެކިއެކި ސިޔާސީ ޕޯޑިޔަމްތަކުގައިވެސް މި ކަޅު ދަބަހުގައި އުފުލި އެއްޗެތީގެ ވާހަކަ ދެކެވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އެދަބަހުގައި އުފުލީ ފައިސާއެވެ. އަނެއް ބަޔަކު ބުނާގޮތުގައި އެމީހުން އެ ދަބަހުގައި އުފުލީ “ނަން ހާމަކުރަން ބޭނުން ނުވާ” ދިޔާ ތަކެއްޗެވެ.

މިފަދަ އަނެއް ވާހަކައަކީ، ކޮވިޑްގެ ވަބާގެ ތެރޭގައި، ރައްޔިތުން ބިރުވެރިކަމެއްގައި، ފުރަބަންދުގައި ތިއްބި ދުވަސްވަރުގައި، ދައުލަތުގެ ބައެއް އިސްފަރާތްތަކުން ހިނގަމުންދިޔަ ބަދުއަޚުލާޤީ ޢަމަލުތަކެއްގެ ވާހަކައެވެ. ހިތާމަޔަކީ، އެ ފާހިޝް ޢަމަލުތައް ހިންގާފައިވަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ކަމަށްވާތީއެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ އިސްވެރިން އެއްޖިންސުން ގުޅުންހިންގާ ކަމުގެ ތުހުމަތުވެސް މީޑިޔާގައިތަކުގައިވަނީ ފަލަސުރުޚީއިން ޖާގަ ހޯދާފައެވެ.

މިއީ މުނިފޫހި ފިލުވަން ދައްކަންވާ ވާހަކަތަކަކަށްވުރެ ބިރުވެރިކަން ބޮޑު، ބޮޑެތި ފާފަތަކެއްގެ ވާހަކައެވެ. ހިތާމައަކީ މިއަދު މިފަދަ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުގެ ވާހަކައަކީ، ބައެއް މީހުންނަށް އެއްވެސް މަސައްލައަކަށް ނުވާ، އާދައިގެ ކަމެއްކަމުގައި ދެކެވެންފަށައިފައިވާ ކަމެވެ. ރިޝްވަތުގެ ފައިސާދޭ ވާހަކައާއި، އެފައިސާގައި ހިފާ މީހުންވެސް އެއްވެސް ޖެހިލުމެއް، ލަދުވެތިކަމެއްނެތި އެކަކު އަނެކަކަށް އިނގިލި ދިއްކުރަމުންދާއިރު، މިއީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެއްކަން ހަނދާންނެތިފައިވާ ކަހަލައެވެ.

ރިއްޝަވަތު ދިނުމަކީ ބޮޑު ފާފައެކެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުންވެސް ވަނީ ނަހީކުރައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “لَعْنَةُ اللَّهِ عَلَى الرَّاشِي وَالْمُرْتَشِي” رواه ابن ماجه މާނައީ: “ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާމީހާއަށް މާތް ﷲ ވަނީ ލަޢްނަތް ލައްވާފައެވެ.” އަދި ބައެއް ބަސްފުޅުތަކުގައިވެއެވެ. “ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއާއި އެދެމެދުގައި އެކަންކޮށްދިނުމަށް އެހީތެރިވެދީ، މެދުވެރިވާ މީހާއަށްވެސް މާތް ﷲ ލަޢްނަތް ލައްވާފައިވެއެވެ.”

މާތް ﷲ ލަޢްނަތް ލެއްވުމަކީ އެއިލާހުގެ ރަޙުމަތުން ބޭރުކުރައްވައި، އެމީހެއްގެ މައްޗަށް އެއިލާހު ކޯފާވެވޮޑިގަތުމެވެ. މާތް ﷲ ގެ ރަޙުމަތް ކާއިނާތުގައިވާ ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ވީއިރު، ތިމާގެ ނަފްސު އެއިލާހުގެ ކޯފާއަށް ހުށަހެޅުމަކީ ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަން އެމީހަކަށް ލިބޭނޭ ކަމެކެވެ.

ހަމައެފަދަ ނުބައިކަންބޮޑު ޢަމަލަކީ މުއުމިނުންގެ މެދުގައި ފާޙިޝް ކަންކަމުގެ ވާހަކަ ޢާއްމު ކުރުމެވެ. ފާހިޝް ޢަމަލުތައް ދީނުގައިވަނީ ނަހީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُواْ بِاللّهِ مَا لَمْ يُنَزِّلْ بِهِ سُلْطَاناً وَأَن تَقُولُواْ عَلَى اللّهِ مَا لاَ تَعْلَمُونَ ﴾ (الأعراف: 33) މާނައި: “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަރާމް ކުރެއްވިކަން ކަށަވަރީ، ފާޙިޝް ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، ޙައްޤަކާ ނުލައި މީސްތަކުންނަށް އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ޙުއްޖަތެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، ﷲއަށް ޝަރީކު ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، ﷲ އާމެދު ތިޔަބައިމީހުން ބުނުމެވެ.”

އަލްބުޚާރީއާއި މުސްލިމްގައި ރިވާވެގެންވެއެވެ. ސަޢުދު ބުނު ޢުބާދާ رضي الله عنه ވިދާޅުވިއެވެ. “އަހުރެންގެ އަނބިމީހާއެކު ފިރިހެނެއް އޮއްވާ ފެނިއްޖެނަމަ، އެ ފިރިހެނާގެ ގައިގައި ކަނޑީގެ ތޫނު މިޔައިން ޖަހާ ހުށީމެވެ.” އެޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم އަށް އިވިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ސަޢުދުގެ ޣީރަތްތެރިކަމާމެދު ޙަރާންވަނީތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެކަލޭގެފާނަށްވުރެ (އެބަހީ: ސަޢުދަށްވުރެ) ތިމަންކަލޭގެފާނުގެ ޣީރަތްތެރިކަން މާ ބޮޑެވެ. އަދި މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނުގެ ޣީރަތްތެރިކަމަށްވުރެ މާތް ﷲ ގެ ޣީރަތްތެރިކަން މާ މަތިވެރިވެގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމަށްޓަކައި، ފާޙިޝް ޢަމަލުތަކުގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ވަންހަނާވެގެންވާހާ ކަންތަކެއްވަނީ ނަހީކުރައްވާފައެވެ.”

ފާޅުގަ އާއި ސިއްރުގައި ކުރެވޭ އެންމެހައި ފާފަތަކުން އެއްކިބާވުމަށް ﷲ ތަޢާލާ އަންގަވައި ވަޙީކުރައްވާފައިވެއެވެ. ﴿ وَذَرُواْ ظَاهِرَ الإِثْمِ وَبَاطِنَهُ إِنَّ الَّذِينَ يَكْسِبُونَ الإِثْمَ سَيُجْزَوْنَ بِمَا كَانُواْ يَقْتَرِفُونَ ﴾ (الأنعام: 120) މާނައީ: “ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން، ފާފަތައް ހޯދައިގަންނަ މީހުންނަށް، އެއުރެން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެތެވެ.”

މިއާޔަތުގެ ތަފްސީރުގައި މުޖާހިދު رحمه الله ވިދާޅުވެފައިވެއެވެ. “ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަ” އޭ އޮތް ބަސްފުޅުގެ މުރާދަކީ ސިއްރުގައްޔާއި ފައުޅުގައި ކުރާ ފާފަތަކެވެ.” ޤަތާދާ رحمه الله ވިދާޅުވެފައިވެއެވެ. އެއީ ފާފައިގެ މަދު މިވަރާއި ގިނަ ފާފަތަކާއި، ފައުޅާ ސިއްރުގައި ކުރާ ފާފަތަކެވެ.”

ފާހިޝް ޢަމަލުކޮށްފައި އެވާހަކަ ދެއްކުމުގެ ނުބައިކަން ބޮޑުވެގެންވާ ފާފައެވެ.ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “كُلُّ أُمَّتِي مُعَافًى إِلَّا المُجَاهِرِينَ، وَإِنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ، فَيَقُولَ: يَا فُلاَنُ، عَمِلْتُ البَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ “رواه البخاري މާނައީ: “މުޖާހިރުން ފިޔަވައި ތިމަންކަލޭގެފާނުގެ އުއްމަތުގެ ހުރިހާ އެންމެނަށް ޢަފޫކުރެއްވޭހުއްޓެވެ. މުޖާހިރަކީ، ރޭގަނޑުގެ ވަގުތުގައި މީހަކު (ނުބައި) ޢަމަލެއް ކުރުމަށްފަހު، ހެނދުނު، މާތް ﷲ އޭނާގެ މައްޗަށް އެކަން ސިއްރު ކުރައްވާފައިވަނިކޮށް، އޭނާ އަމިއްލައަށް ނިކުމެ އެފާފައިގެ ވާހަކަދައްކައި އުޅޭ މީހުންނެވެ. އޭނާ ބުނެއެވެ. އޭ އެވެނި މިވެނި މީހެކެވެ! ރޭގައި ތިމަންނަ އެވެނި މިވެނި ކަމެއް ކުރީމެވެ. އޭނާގެ ރައްބު އޭނާގެ ޢަމަލުތައް ފޮރުއްވައިދެއްވާފައިވަނިކޮށް އޭނާ ހެނުދާ ނިކުމެ މާތް ﷲ ސިއްރުކޮށްދެއްވި ކަންތަކުގެ ވާހަކަ ދައްކައެވެ.” ވީމާ ފާފައަކަށް އަރައިގަނެވުމުން، އެކަމުން ތައުބާވެ އެފާފަ ކުރެވުން މައްޗަށް ހިތާމަ ކުރަންޖެހޭނެއެވެ. އަދި އެފާފައިގެ ވާހަކަ މީސްތަކުންގެ ތެރޭގައި ދެއްކުމުން އެއްކިބާވާންޖެހޭނެވެ. ހަމައެފަދައިން، ހަޑިހުތުރު ބަސްތަކާއި އަވަގުރާނަ ގޮވާ ވީޑިޔޯތަކާއި އޯޑިޔޯތައް އާންމުކުރުމަކީވެސް ކޮށްގެންވާނޭ ޢަމަލެއް ނޫނެވެ. މިފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމުވަމުންދާ ބައެއް ކަންކަމެވެ. ނަމަވެސް އެކަންކަމާމެދު ބިރިވެތިވެ ކަންބޮޑުވާންޖެހޭ ނުބައި ޢަމަލުތަކެކެވެ. އަދި އެ ޢަމަލުތަކަކީ އަޅުގަނޑުމެން ނުރުހޭ، ބަލައިނުގަންނަ ޢަމަލުތަކަކަށް ވާންޖެހޭނެއެވެ.

Copyright 2021 © Sheikh Hassan Moosa Fikree