ޖޫން 22، 2026

ލޯބިވުން އެންމެ ޙައްޤު ފަރާތް

ތެދުވެރި، އިޚްލާޞްތެރި ލޯތްބެއް މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمދެކެ ވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. އެއީ އީމާންވީ މީސްތަކުންގެ މައްޗަށް އެންމެ އިސްވެގެންވާ ވާޖިބެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمދެކެ ލޯބިވުމަކީ މާތް ﷲއަށް ލޯބިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމަކީ މާތް ﷲއަށް ކިޔަމަންގަތުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެ މީހެއްގެ އަނބިދަރީންނާއި، މުދަލާއި އަމިއްލަ ނަފުސަށްވުރެ ބޮޑަށް ﷲއާއި އެކަލާނގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمދެކެ ވާ ލޯބި ބޮޑުވެއްޖައުމަށްދާންދެން އީމާންކަން ޞައްޙަ ނުވާނެތެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ﴾ ‎(التوبة: ٢٤) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެ ކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މި ހުރިހާ ތަކެއްޗަކަށް) ﷲއާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދުކުރުމަށްވުރެން ބޮޑަށް، ލޯބިކުރާ ކަމުގައިވާ ނަމަ، ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤުވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.”

އެ މީހެއްގެ އަނބިދަރީންނާއި، މައިން-ބަފައިންނާއި، އަމިއްލަ ނަފުސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمދެކެ ލޯބިވުމުން މެނުވީ އެކެއްގެ ވެސް އީމާންކަން ޞައްޙަ ނުވާނޭ ކަމުގައި އެކަލޭގެފާނުވަނީ ޙަދީޘްކުރައްވައިފައި ވެއެވެ. عمر بن الخطاب رضي الله عنه އެއްދުވަހެއްގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިމަންނާގެ ނަފުސު ފިޔަވައި ދެން އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް، ކަލޭގެފާނުދެކެ ތިމަން ލޯބިވަމެވެ.” އެހިނދު ޙަދީޘްކުރެއްވިއެވެ. ‘ނޫނެކެވެ. އެއިލާހުގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފުސުފުޅުވާ އިލާހު ގަންދެއްވައި ހަދީޘްކުރައްވަމެވެ. (އީމާންކަން ޞައްޙަވާނީ) ތިބާގެ ނަފުސަށްވުރެ ވެސް ބޮޑަށް ތިމަންކަލޭގެފާނުދެކެ ލޯބިވުމުންނެވެ.” އެހިނދު ޢުމަރުގެފާނު ދެންނެވިއެވެ. “އެހެންވެއްޖެއްޔާ، މާތް ﷲ ގަންދީ ދަންނަވަމެވެ. މިހާރު، ތިމަންގެ ނަފުސަށް ވުރެވެސް، ކަލޭގެފާނު ދެކެވާ ލޯބި ބޮޑެވެ.” އެހިނދު ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރެވެ! (އީމާންކަން ތިޔަ ފުރިހަމަވީ) އަދިކިރިޔާއެވެ.” )رواه البخاري( އިތުރު އެކަލޭގެފާނުދެކެ ލޯބިވުމަކީ އެކަލޭގެފާނު ގެންނެވިހައި ކަމެއް، ޝައްކު ކުރުމެއްނެތި، ހިތުން ތެދުކޮށް ޤަބޫލުކުރުމާ އެކު، އެކަލޭގެފާނަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ.

(މިއީ 12 ފެބުރުއަރީ 2021ގައި ޝާއިޢުކުރި “ދީނުގެމަގު” 6ވަނަ ނަންބަރުގެ 3ވަނަ ޞަފުހާގައި އޮތް ލިޔުމެވެ.)

Copyright 2021 © Sheikh Hassan Moosa Fikree