ޖުލައި 09، 2015

މައިންބަފައިންނަށް ހެޔޮކޮށް ހިތުން

ދަރީންގެ މައްޗަށް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ ވަނީ ކީރިތި قرآن ގެ އެތައް ތަނެއްގައި އަމުރުކުރައްވާފައެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމާއި އެދެމީހުންނަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނެނީ، މާތް ﷲ އަށް އުރެދުމެންނުވާ ކަންތައްތަކުގެ ތެރެއިން، އެދެމީހުން ރުހޭފަދަ ހުރިހާ ކަމެއް ކުރުމާއި، އެމީހުންގެ ހިތް އުފާކުރުވާފަދަ ހުރިހާ ކަމެއް ކުރުމެވެ. ދަރިޔަކު އޭނާގެ މައިންބަފައިންނަށް ޚިދުމަތްކުރުމުގައި، ޚާދިމަކު އޭނާގެ ވެރިމީހާއަށް ޚިދުމަތްކުރުމަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހެއެވެ. އެހެނީ އެ ދަރިފުޅަށްޓަކައި މައިންބަފައިން އުފުލާފައިވާ ބުރައާއި ވެދީފައިވާ އިޙްސާންތެރިކަމަކީ އެއަށް ބަދަލެއް ދެވޭވަރަށްވުރެ ބޮޑު ކަމެކެވެ.

މައިންބަފައިންގެ ދުނިޔޭގައާއި އެދެމީހުން ނިޔާވުމަށްފަހުގައިވެސް އެދެމީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮންމެ މުސްލިމު ކުރަންޖެހޭ ކަމެކެވެ.

ކީރިތި ޤުރްއާނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވާ އާޔަތްތައް ވަރަށްވެސް ގިނައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَاعْبُدُواْ اللّهَ وَلاَ تُشْرِكُواْ بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً” (النساء 36) މާނައި: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް އިޙްސާތެރިވާށެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ. “قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً” (الأنعام  151) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!”

ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ މައިންބަފައިންނަށް އިޙްސާންތެރިވުމަށް ވަޞިއްޔަތް ކުރައްވާފައެވެ. “وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْناً وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ” (العنكبوت 8) މާނައީ: “އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރުކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު ޢިލްމެއެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކުކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ.)”

“وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْناً عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ” (لقمان 14) މާނައި: “އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ.”

ކީރިތި ޤުރްއާނުގައި ވަނީ މައިންބަފައިންގެ މަކާނަތާއި އެމީހުންނަށް އަދަބު އިޙްތިރާމް އަދާކުރަންވީގޮތް ބަޔާންކޮށްދެއްވާފައެވެ. އެދެމީހުންނާ މުޢާމަލާތްކުރަންވީގޮތް އަންގަވާފައެވެ. އެދެމީހުން ނުވަތަ އޭގެ ތެރެއިން އެކަކުގެނަމަވެސް މުސްކުޅި ޢުމުރާ ބައްދަލުކުރާހިނދު ކައިރީގައި ތިބޭ ދަރީން، މައިންބަފައިންނަށް އަޅާލައި އޯގާތެރިވާންޖެހޭނެ ކަމުގައިވެސްވަނީ އަންގަވާފައެވެ. “وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً (23) وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيراً” (الإسراء 24) މާނައި: “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23)އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ! (24)”

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކުރައްވާފައިވާ މި އަމުރުފުޅަކީ ޢާއްމުވެގެންވާ އަމުރުފުޅެކެވެ. އެބަހީ މައިންބަފައިންގެ ކިބައިން ރުހެވޭފަދަ ކަންތައްތަކެއް ފެނުނު ކަމުގައިވިޔަސް އަދި ނުރުހެވޭފަދަ ބައެއް ކަންތައްތައް އެދެމީހުންގެ ކިބައިގައި ހުރިކަމުގައިވިޔަސް، މައިންބަފައިންނާ ދެކޮޅުހެދުމެއްނެތި އެމީހުންނާ ދެކޮޅަށް ވާހަކަދައްކައި ރައްދީ ހެދުމެއްނެތި އެމީހުންނަށް ކިޔަމަންތެރިވާން ޖެހެއެވެ. އަދި ކިއެއްތަ އެދެމީހުންނަކީ މުޝްރިކުންކަމުގައިވިޔަސް، މާތް ﷲ އަށް އުރެދުމަށް ކުރެވޭ އަމުރެއްފިޔަވައި އެހެން ހުރިހާ ކަމެއްގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައެވެ. “وَإِن جَاهَدَاكَ عَلى أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفاً” (لقمان 15) މާނައި: “އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ  ދެމީހުންނާއެކު އުޅޭށެވެ!”

Copyright 2021 © Sheikh Hassan Moosa Fikree