އަލްއިމާމު މާލިކު رحمه الله ނިދުކުރައްވާފައި އޮންނަވަނިކޮށް ހުވަފެންފުޅުގައި މަލަކުލް މައުތުގެފާނު ފެނިވަޑައިގަތެވެ.
މާލިކުގެފާނު މަލަކުލް މައުތާ ސުވާލު ކުރެއްވިއެވެ. “އޭ މަލަކުލް މައުތެވެ! އަހަރެންގެ ޢުމުރުން ބާކީ އޮތީ ކިތައް ދުވަސް ހެއްޔެވެ؟”
ދެން މަލަކުލް މައުތުގެފާނު ފަސްއިނގިލިން އިޝާރާތް ކުރެއްވިއެވެ.
އިމާމު މާލިކުގެފާނު ސުވާލު ކުރެއްވިއެވެ. “ތިޔަ ފަހެއްގެ މާނައަކީ ކޮބައިހެއްޔެވެ؟ އެއީ ފަސް ދުވަސް ހެއްޔެވެ؟ ނުވަތަ ފަސް ހަފްތާ ހެއްޔެވެ؟ ނޫނީ ފަސް މަސްދުވަސް ހެއްޔެވެ؟ ނޫނީ ފަސް އަހަރު ހެއްޔެވެ؟”
އެކަލޭގެފާނަށް ޖަވާބު ލިބިވަޑައިނުގެން އުޅުއްވަނިކޮށް ހޭފުޅުލެއްވުނެވެ. ދެން، މާލިކުގެފާނު، އެދުވަސްވަރުގެ މަޝްހޫރު ޢާލިމު އަދި ހުވަފެން ތަޢުބީރުކުރެއްވުމުގައިވެސް އަރާހުންނެވި، އިބްނު ސީރީންގެ އަރިހަށް ވަޑައިގެން އެ ހުވަފެންފުޅާ ބެހޭ ގޮތުން ސުވާލު ކުރެއްވެވިއެވެ.
އިބްނު ސީރީން ވިދާޅުވިއެވެ. “އޭ ދާރުލް ހިޖުރައިގެ އިމާމު އެވެ! މަލަކުލް މައުތުގެފާނު، ކަލޭގެފާނަށް އެ އިޝާރާތް ކުރެއްވީ އަހަރު ނުވަތަ މަސް ނުވަތަ ހަފްތާތާ ނުތަތަ ދުވަސްތަކެއްގެ ވާހަކަ އެއް ނޫނެވެ. އެކަލޭގެފާނު އެ އިޝާރާތް ކުރެއްވީ މާތް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެނގުމެއް ނުވާ، ޣައިބުގައިވާ ފަސްކަމަކަށެވެ. އެއީ؛
“إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَداً وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ” (لقمان 34)
މާނައީ: “ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲ ގެ ޙަޟުރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަން ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.”
Copyright 2021 © Sheikh Hassan Moosa Fikree