قَالَ رَسُولَ اللَّهِ صلى الله عليه وسلم : « وَاللَّهِ مَا الْفَقْرَ أَخْشَى عَلَيْكُمْ. وَلَكِنِّى أَخْشَى عَلَيْكُمْ أَنْ تُبْسَطَ الدُّنْيَا عَلَيْكُمْ كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ » متفق عليه
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “މާތް ﷲ ގަންދީ ހުވާކޮށް ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނު ބިރުފުޅުގަންނަވަނީ ތިޔަބައިމީހުން ފަޤީރުވެދާނޭތީ އެއް ނޫނެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަނީ، ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް ދުނިޔޭގެ ތަނަވަސްކަން ފެނުނު ފަދައިން ތިޔަބައިމީހުންނަށްވެސް ތަނަވަސްކަން ފެނި، ދުނިޔޭގެ މުއްސަނދިކަން ހޯދުމުގައި އެބަމީހުންގެ އެކަކު އަނެކެކާ ވާދަކޮށް ހެދި ގޮތަށް، ތިޔަބައިމީހުންވެސް ދުނިޔެއާއި ހެދި އެކަކު އަނެކަކާ ވާދަކޮށް، އެމީހުން ހަލާކުވެގެން ދިޔަފަދައިން، ތިޔަބައިމީހުންނަށްވެސް ހަލާކުވެގެން ގޮސްދާނެތީ އެވެ.”
މި ޙަދީޘްގެ ޝަރަޙައިގާ އައްޝައިޚު އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. “ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުގެ ތެދުކަމާއެވެ. މިއަދު މީސްތަކުން ހަލާކު ވެފައިވަނީ މިކަމާހެދިއެވެ. މިއަދު މީސްތަކުން ހަލާކު ވެފައިވަނީ ދުނިޔޭގެ މުއްސަނދިކަން ހޯދުމަށް އުޅޭތީއެވެ. އެމީހުން ޚަލްޤު ކުރެއްވުނީ ދުނިޔެއަށްޓަކައި ހެން އެމީހުންނަށް ހީވެފައި ވާތީއެވެ. އަދި ދުނިޔޭގައިވާ ތަކެތި އުފެއްދެވުނީ އެމީހުންނަށްޓަކައި ކަން ހަނދާން ނެތިފައި ވާތީއެވެ. އެމީހުން އެ ކަމަކަށްޓަކައި ޚަލްޤު ކުރެއްވުނު މަޤްޞަދު ހަނދާން ނެތި، އެމީހުންނަށްޓަކައި އުފައްދަވާފައިވާ ތަކެތި ހޯދަން އުޅުން އެއީ އެމީހުންގެ މަޤްޞަދު ކަމުގައި ހެދުމުންނެވެ. މީސްތަކުންވަނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ. نسأل الله العافية.”
Copyright 2021 © Sheikh Hassan Moosa Fikree