ޑިސެންބަރު 30، 2020

ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މަކާނަތު

މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަކީ މާތް ﷲ ގެ އަޅާ އަދި ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ހޮއްވަވައި، އެކަލާނގެ ޚަލީލަކު ކަމުގައި ލައްވަވައި، އެންމެ ފަހު ރިސާލުތާއިގެން ފޮނުއްވެވުމަށް މާތް ﷲ ޚިޔާރު ކުރެއްވި، ނަބީކަމާއި ރަސޫލުކަން ޚަޠިމުކުރެއްވި މާތް ސާހިބާއެވެ. އެކަލޭގެފާނުގެ މަޤާމު މަތިވެރިކުރައްވައި، އެކަލޭގެފާނުގެ އުއްމަތަކީވެސް އެންމެ ހެޔޮވެގެންވާ އުއްމަތް ކަމުގައި ލެއްވެވިއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ މަކާނަތަކީ ކޮބައިކަން ދެނެގަންނަން އެދޭމީހަކަށް ކީރިތި ޤުރްއާން ފުދެއެވެ. އިތުރު އެކަލޭގެފާނުގެ އަޚުލާޤުކޮޅު ހުންނަ ގޮތަކީ ކޮބައިތޯ ސުވާލު ކުރެއްވުނު ހިނދު، ޖަވާބަކީވެސް އެއީއެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާނެވެ. އެބަހީ: އިތުރު އެކަލޭގެފާނުގެ އުޅުއްވުން ހުރި މަގަކީ، ޤުރްއާނުގައި އަންގަވާފައިވާ ގޮތެވެ. އަދި އެކަލޭގެފާނު ވަކިވަކި ގުނަވަންތަކުގެ ޠާހިރުކަމާއި، ރަނގަޅުކަމުގެ މައްޗަށް މާތް ﷲ ވަނީ ހެކިވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ އެންމެހައި ސިފަފުޅުތަކަކީ މާތް ﷲ ގެ ޚާއްޞަ ރިޢާޔަތުގެ މަތީ ޠާހިރުކުރައްވައި ސިއްކަ ޖެއްސެވިގެންވާ ސިފަފުޅުތަކެކެވެ.

އެކަލޭގެފާނު ބުއްދިއާއި ވިސްނުންފުޅާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. “مَا ضَلَّ صَاحِبُكُمْ وَمَا غَوَى” (النجم 2) މާނައީ: “ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ޙައްޤުގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބަޠިލު އިޢުތިޤާދެއް ނުކުރައްވައެވެ.”

އެކަލޭގެފާނަކީ އަލްއަމީނުގެ ނަންދެވިގެންވާ އަމާނާތްތެރިޔާއެވެ. އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިން މައްކާގެ މުޝްރިކުންވެސް އެކަލޭގެފާނާމެދު ބުނެއުޅުނު ބަހަކީ “ދުވަހަކުވެސް އިތުރު ފުޅެއް ހެއްދެވި ބޭކަލެއް ނޫން” ކަމުގައެވެ. އެކަލޭގެފާނު ދޫފުޅުން ނިކުންނަ ބަސްފުޅުތަކަކަކީ ޠާހިރު ބަސްފުޅުތަކެއްކަން މާތް ﷲ އަންގަވައި ވަޙީކުރެއްވިއެވެ. “وَمَا يَنطِقُ عَنِ الْهَوَى * إِنْ هُوَ إِلَّا وَحْيٌ يُوحَى” (النجم 3-4) މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. * އެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް އިއްވަވާ ވަޙީ އެއްކަމުގައި ނޫނީ ނުވެތެވެ.”

އެކަލޭގެފާނު ގެންނެވި ރިސާލަތަކީ ކާއިނާތުގެ ވެރި ރައްބުގެ ޙުކުމްފުޅުތަކާއި ޝަރީޢަތެވެ. އެކަލޭގެފާނަށް ދެއްވިގެންވާ ޢިލްމަކީ މާތް ﷲ ގެ ޙަޟުރަތުން ދެއްވުނު ޠާހިރު، ރަނގަޅު ޢިލްމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “عَلَّمَهُ شَدِيدُ الْقُوَى” (النجم 5) މާނައީ: “ބާރުގަދަ މަލާއިކަތަކު، އެކަލޭގެފާނަށް އެ (ވަޙީ) އުނގަންނައިދެއްވިއެވެ.”

އެކަލޭގެފާނު ބައްލަވާ ބެއްލެވުންތަށް، ނުވަތަ ލޯފުޅުން ދެކެވަޑައިގަންނަވާ ތަންތަނަކީވެސް މާތް ﷲ ގެ ރުހިވޮޑުގަތުމުގެ މަތީގައިވާ ތަންތަން ކަމުގައި މެނުވީ ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “مَا زَاغَ الْبَصَرُ وَمَا طَغَى” (النجم 17) މާނައީ: “އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.”
އެކަލޭގެފާނުގެ ހިތްޕުޅަކީވެސް ޠާހިރު ހިތްޕުޅެކެވެ. ތުއްޕުޅު އިރުގައާއި، އިސްރާ މިޢްރާޖު އަރާވަޑައިގެންނެވި ރޭގައި މަތިވެރި މަލާއަކަތާ ޖިބްރީލްގެފާނު، އިތުރު އެކަލޭގެފާނުގެ މޭފުޅުއް ފަޅުއްވައި، ހިތްޕުޅު ނަންގަވައި، ޒަމްޒަމް ފެނުން ދޮވެލައްވައި، އެމޭފުޅަށް އީމާންކަމާއި ޙިކުމަތް ލެއްވިކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވެއެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅުގެ ސާފުކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “مَا كَذَبَ الْفُؤَادُ مَا رَأَى” (النجم 11) މާނައީ: “އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ.”

ކީރިތި ރަސޫލާ صلى الله عليه وسلم އަކީ އެންމެހާ ކުށްފާފައިން ޠާހިރުކުރައްވާފައި ބޭކަލެކެވެ. އެކަލޭގެފާނުގެ ބުރަކަށިފުޅުގެ ޠާހިރުކަން ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. “وَوَضَعْنَا عَنكَ وِزْرَكَ * الَّذِي أَنقَضَ ظَهْرَكَ” (الشرح 3) މާނައީ: “އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ. * އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.”

އެކަލޭގެފާނުގެ ނަންފުވަނީ މަތިވެރިކޮށްދެއްވާފައެވެ. ޝަހާދަތުގެ ދެކަލިމައަށް އިޤުރާރުވެވޭނީ އެކަލޭގެފާނުގެ ނަންފުޅު ކިޔުމާއެކުއެވެ. ކޮންމެ ބަންގި އެއްގައި އެކަލޭގެފާނުގެ ނަންފުޅު ޒިކުރު ކުރެވެއެވެ. ކޮންމެ މީހަކު ކުރާ ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި އެކަލޭގެފާނު ނަންފުޅު ގަނެވެއެވެ. އެކަލޭގެފާނުގެ ނަންފުޅާއި، ޒިކުރު މަތިވެރިކޮށްދެއްވިކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَرَفَعْنَا لَكَ ذِكْرَكَ” (الشرح 4) މާނައީ: “އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.”

އެކަލޭގެފާނުވަނީ މަތިވެރި އަޚުލާޤު މަތީގައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَإِنَّكَ لَعَلى خُلُقٍ عَظِيمٍ” (القلم 4) މާނައީ: “އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”

އަދި އެކަލޭގެފާނަކީ މީސްތަކުންނަށްހުރި ނަމޫނާއެއް ކަމުގައިވަނީ އަންގަވާފައެވެ. “لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيراً” (الأحزاب 21) މާނައީ: “ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ސަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”

ތިމާގެ އަމިއްލަށް ނަފްސާއި، އަނބިދަރިންނާއި އަދި އެންމެހާ މީސްތަކުންނަށްވުރެން ބޮޑަށް އިތުރު އެކަލޭގެފާނުދެކެ ލޯބިވެއްޖައުމަށް ދާންދެން އެކެއްގެވެސް އީމާންކަން ޞައްޙަ ނުވާހުއްޓެވެ. އަދި އެކަލޭގެފާނަށް ތަބާވެއްޖެ މީހަކަށް މާތް ﷲ ގެ ލޯބި ލިބިގެންވެއެވެ. އެކަލޭގެފާނަށް ތަބާވެއްޖެ މީހަކީ ސުވަރުގެ ވަންތަވެރިއެއް ކަމުގައިވަނީ އަންގަވާފައެވެ.

Copyright 2021 © Sheikh Hassan Moosa Fikree