ޖުލައި 04، 2015

ރާ ޙަރާމް ކުރެއްވުނީ ކީއްވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ރާ ޙަރާމް ކުރެއްވި ކަމަށް އަންގަވައި ވަޙީކުރެއްވި އާޔަތާއި އެއާޔަތާ ވިއްދައިގެން ދެން އޮތް ދެއާޔަތާއިމެދު ވިސްނައިލުމުން، ބުއްދީގެ އަހުލުވެރިންނަށް ހުރި ބޮޑުވެގެންވާ ފިލާވަޅުތަކެއް ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

“يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأنْصَابُ وَالأزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (٩٠) إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ (٩١)وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَاحْذَرُوا فَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّمَا عَلَى رَسُولِنَا الْبَلاغُ الْمُبِينُ (٩٢)” (المائدة: 90-92)

މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާލާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (90) شيطان އާ އެދޭކަން ކަށަވަރީ، ރާލާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)(91) އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ! ފަހެ، ތިޔަބައިމީހުން ފުރަގަސްދިން ނަމަވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول އާއަށް އޮތީ، بيان ވެގެންވާ އިއްވެވުންކަން ތިޔަބައިމީހުން ދަންނާށެވެ!(92)”

ރާ ޙަރާމް ކުރެއްވުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެތައް ސަބަބުތަކެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައެވެ. އޭގެ ތެރެއިން އެއް ކަމަކީ އިސްވެދިޔަ އާޔަތުގައި ވާފަދައިން “فَاجْتَنِبُوهُ” މާނައީ “ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ!” މިއީ ޞަރީޙަ ޢިބާރާތުން ރަލާއި ޖުވާކުޅުމާއި ދުރުހެލިވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާ ކުރައްވާފައިވާ އަމުފުރުފުޅެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ކަމަކަށް ނިޔާ ކަނޑައެޅުއްވުމަށްފަހުގައި އެކަންކަން “ރެގިއުލޭޓް” ކުރުމުގެ އިޚްތިޔާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
ރާ ޙަރާމްކުރެއްވުމުގެ ދެވަނަ ސަބަބަކީ، އެއީ “رِجْسٌ” އެބަހީ “މުޑުދާރު ތަކެއްޗައް” ވާތީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ހުއްދަކުރެއްވީ ހެޔޮވެގެންވާ، ރަނގަޅު ތަކެއްޗެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا الَّذِينَ آمَنُواْ كُلُواْ مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُواْ لِلّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ” (البقرة: 172) މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ.”
މިއާޔަތުގައި އާއި އަދި މިނޫންވެސް އެތައް އާޔަތެއްގައި “طَيِّبَاتِ” “ހެޔޮވެގެންވާ ރަގަނޅު” އެއްޗެއްތި އިންސާނުންނަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަލާލު ކޮށްދެއްވިކަންވަނީ އަންގަވާފައެވެ.

ރާ ޙަރާމް ކުރެއްވުމުގެ އަނެއް ސަބަބަކީ އެއީ “مِنْ عَمَلِ الشَّيْطَانِ” މާނައީ: “شيطان އާގެ عمل ތަކުގެ ތެރެއިންވާ” ކަމަކަށް ވީތީއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا النَّاسُ كُلُواْ مِمَّا فِي الأَرْضِ حَلاَلاً طَيِّباً وَلاَ تَتَّبِعُواْ خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ” (البقرة: 168) މާނައީ: “އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ.”

މިއާޔަތުގައި އެވަނީ ޙަލާލުތަކެތި ކެއުމަށް ކުރެއްވި އަމުރުފުޅާއި ވިދިގެން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވުމަށް އަމުރު ކުރައްވާފައިވުމުން އެކަމާމެދު ފުންކޮށް ވިސްނައިލުން މުހިމެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.”يَا أَيُّهَا الَّذِينَ آمَنُواْ ادْخُلُواْ فِي السِّلْمِ كَآفَّةً وَلاَ تَتَّبِعُواْ خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ” (البقرة: 208)

މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން إسلام دينއަށް ފުރިހަމައަށް ވަންނާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައެވެ. “يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ وَمَن يَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاء وَالْمُنكَرِ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَا مِنكُم مِّنْ أَحَدٍ أَبَداً وَلَكِنَّ اللَّهَ يُزَكِّي مَن يَشَاءُ وَاللَّهُ سَمِيعٌ عَلِيمٌ” (النور: 21) މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން شيطان އާގެ ފިޔަވަޅުތަކަށް تبع ނުވާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް تبع ވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ شيطان އާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި اللّه ގެ فضلވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން طاهرވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު طاهرކުރައްވައި، ސާފުކުރައްވަތެވެ. اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

މިފަދަ އެތައް އާޔަތެއްގައި ޝައިޠާނާއަށް ތަބާ ނުވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އަމުރު ކުރައްވާފައެވެ. އަދި އޭނާ އެދެނީ މީސްތަކުންގެ މެދުގައި ބައިބައިވުމާއި ޢަދާވަތްތެރިކަން އުފެއްދުން ކަންވެސް ވަނީ އަންގަވާފައެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން މިފެންނަ މާރާމާރީ އާއި ޤަތުލު ޢަމްދުތަކާއި، ޒިނޭކުރުމާއި ފަހިޝް ޢަމަލުތައް ގިނަވުމާއި ޢަދާވަތްތެރިކަމަކީ ޝައިޠާނާ އޭނާގެ ފިޔަވަޅުތައް ނޫނީ “ޕްލޭން” ތައް ފުރިހަމައަށް ތަންފީޒުކުރާކަމުގެ ހެއްކެވެ. އަދި މިހުރިހާ ނުބައި ޢަމަލުތަކެއްވެސް ގުޅިފައިވަނީ ރަލާއި މަސްތުވާތަކެއްޗާކަން، އެއީ ކުޑަބޮޑު އެންމެންނަށް އެނގޭ ޙަޤީޤާތެކެވެ.

ރާ ޙަރާމް ކުރެއްވުނު ތިންވަނަ ސަބަބަކީ އޭގައި އެކުލެވިގެންވާ ފާގައިގެ ސަބަބުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ” (البقرة: 219) މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިކަމެއް ވެއެވެ.”

ފާޅުގައި ކުރެވޭ ފާޙިޝް ޢަމަލުތަކާއި، ސިއްރުން ކުރެވޭ ފާޙިޝް ޢަމަލުތައްވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެވަނީ އެންމެހައި ފާފަތަކަށް އަރައިގަތުން ނަހީކުރައްވާފައެވެ. “قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُواْ بِاللّهِ مَا لَمْ يُنَزِّلْ بِهِ سُلْطَاناً وَأَن تَقُولُواْ عَلَى اللّهِ مَا لاَ تَعْلَمُونَ” (الأعراف: 33) މާނައީ “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرام ކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حق އަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް شريك ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ.”

މިވަރުން ފުދުނީ އެއް ނޫނެވެ. ރާ ބުއިން މަނާކުރެއްވުމާއެކުގައި، ރަލުގައި ދިހަ ފަރާތަކަށް ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ވަނީ ލަޢްނަތް ލެއްވާފައެވެ.

عن أَنَسٍ بْنِ مَالِكٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشْرَةً عَاصِرَهَا وَمُعْتَصِرَهَا وَشَارِبَهَا وَسَاقِيَهَا وَحَامِلَهَا وَالْمَحْمُولَةُ إِلَيْهِ وَبَائِعَهَا ، وَمُبْتَاعِهَا ، وَوَاهِبَها وَآكِلَ ثَمَنِهَا މާނައީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބުން މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ސަލާމާއި ޞަލަވާތްލެއްވި ރަސޫލުއް ﷲ ގެފާނު ރަލުގައި ދިހަ ފަރާތަކަށް ލަޢްނަތް ލެއްވިއެވެ. އެ ހަދާ މީހާއާއި، އެ މީހަކަށްޓަކައި އެ ހަދާދެވޭ މީހާއާއި، އަދި އެބޯ މީހާއާއި، އެ ބޯންދެވޭ މީހާއާއި، އެ އުފުލާ މީހާ އާއި، އެ އުފުލެވޭ މީހާއާއި، އެ ވިއްކާ މީހާއާއި، ގަންނަ މީހާއަށާއި، އެ ހިބަކޮށްދޭ މީހާއާއި އޭގެ އަގުން (ލިބޭ ފައިސާއިން) ބޭނުން ކުރާ މީހާއަށެވެ.”
އޭ ލޮބުވެތި ރައްޔިތުންނޭވެ! މިކަމަކީ މިހާ ޚުޠޫރަތްތެރި ކަމަކަށްވީހިނދު ﷲ ގެ ބަހަށް އަޅުގަނޑުމެން އެންމެ ފުރިހަމަ އަށް ކިޔަމަންތެރިވަމާ ހިނގާށެވެ. “فَهَلْ أَنْتُمْ مُنْتَهُونَ” “ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)”

މިއާޔަތާއި ގުޅިގެން އެކަލާނގެ ވަޙީކުރައްވާފައި އެވަނީ ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންތެރިވުމަށެވެ. އެ އެންގެވުމަށް ބީރު ކަންފަތެއްދީ ފުރަގަސް ދީފި މީހާ، އޭނާގެ ނަފްސުގެ މައްޗަށް ރައްކާތެރިވުމަށް އެވަނީ އަންގަވާފައެވެ. އެހެނީ، އެކަލާނގެއީ ޢަޛާބު ދެއްވުމުގައި ޤަދަފަދަވެގެންވާ، ޢަދުލުވެރި އޯގަންވަންތަ އިލާހެވެ.

Copyright 2021 © Sheikh Hassan Moosa Fikree