މާރިޗު 26، 2022

.ރަމަޟާން މަސް ޣާފިލުކަމުގައި ނަގައިނުލާށެވެ

ރަމަޟާންމަހާ ބައްދަލުވުމާއި، އެމަހުގައި ރޯދަ ހިފުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ނިޢުމަތެކެވެ. އެހެނީ ރަމަޟާން މަހަކީ ފާފައް ފުއްސެވުމާއި، ރަޙްމަތުގެ މައްސަރެވެ. އެ މައްސަރުގެ ކޮންމެ ރެއެއްގައި ﷲ ތަޢާލާ، އެ އިލާހުގެ އަޅުތަކުންކުރެ ބަޔަކު ނަރަކައިން މުއްތި ކުރައްވާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

އަދި މި މާތް މައްސަރަކީ އަހަރުގެ މަސްތަކުގެ ތެރެއިން ކީރިތި ޤުރްއާން ބާވައިލެއްވުމަށް މާތް ﷲ އިޚްތިޔާރު ކުރެއްވި މައްސަރެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ) (البقرة: 185) މާނައީ: “ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވުނު މަހެވެ.”

އެ ޤުރްއާން ބާވައިލެއްވުނީ ބަރަކާތްތެރިވެގެންވާ ރެއްގައެވެ. އަދި އެރެއަކީ ޤަދަރު އުފުލިގެންވާ މަތިވެރި ރެއެއްގައި ކަމުގައިވެސް ވަނީ ވަޙީކުރައްވާފައެވެ. އެރޭގެ މަތިވެރިކަން ހާމަވެގެންދަނީ، އެރޭގައި ކުރާ އަޅުކަމަށް، އެއް ހާސް މައްސަރުގައި ކުރާ އަޅުކަމުގެ ދަރުމަ ދެއްވާނޭކަމުގައި ކަނޑައަޅުއްވާފައި ވާތީއެވެ. އެއް ހާސް މައްސަރަކީ ގާތްގަނޑަކަށް އައްޑިހަ ތިން އަހަރެވެ. އެއީ އެވަރެޖްކޮށް މީހެއްގެ އުމުރުދުވަހުގެ މުއްދަތެވެ. ވީއިރު، އެ މާތް ރޭގައި އަޅުކަން އަދާ ކުރުމުގެ ސަވާބު، މުޅި އުމުރު ދުވަހު އަޅުކަން އަދާކުރުމުގެ ސަވާބަށްވުރެ އިތުރުވެގެންވެއެވެ.

މިއުއްމަތުގެ ކުރީގައި، އިސްވެދިޔަ އުއްމަތްތަކުގެ މީސްތަކުންނަކީ އުމުރު ދިގު ބައެއްކަމުގައި ވަނީ ލައްވާފައެވެ. އާދަމް ޢަލައިހިއްސަލާމްގެ ޢުމުރުފުޅަކީ އެއްހާސް އަހަރު ކަމުގައި ބައެއް ޞައްޙަ ރިވާޔަތްތަކުގައި ބަޔާންވެފައިވެއެވެ. އަދި ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ނުވަސަތޭކަ ފަންސާސް އަހަރު ހޭދަކުރެއްވި ކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ أَرْسَلْنَا نُوحاً إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَاماً فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ) (العنكبوت: 14) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލު ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ ޙާލު، ޠޫފާނު (ގެ އަޒާބު) އައިސް އެއުރެންނަށް ޖެހުނެވެ.”

އިސްވެ ބަޔާންކުރެވުނު ފަދައިން މިއުއްމަތުގެ މީހުންގެ ޢުމަރަކީ ފަސްދޮޅަހާއި ހަތްދިހައާއި ދެމެދުގެ ޢުމުރެކެވެ. މަދު މީހަކު މެނުވީ އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ނުހުރެއެވެ. ސަތަކޭ އަހަރު ދުނިޔޭގައި ހުރެއްޖެ މީހަކީ އުމުރު ދިގު މީހެއްކަމުގައި މީސްތަކުން ދެކެއެވެ.
ވީމާ، ކުރީގެ އުއްމަތްތަކުގެ މީސްތަކުން ދުނިޔޭގައި ގިނަ ދުވަހު، ދިގު އުމުރެއް ވެއިތު ކުރުމުން ޙާޞިލު ކުރެވޭ ގިނަގުނަ ހެޔޮ ޢަމަލުތަކާއި ދަރުމަޔާއި ސަވާބު، މި އުއްމަތުގެ މީސްތަކުން ޙާޞިލު ކުރާނޭ މަގެއް އެވަނީ ލައްވާފައެވެ. އެއީ، ލައިލަތުލް ޤަދްރި ވިލޭރޭފަދަ މާތްކަމާއި މަތިވެރިކަން ބޮޑުވެގެންވާ ރޭތަކުގައި ކުރެވޭ އަޅުކަމުންނެވެ. އަދި އެނޫންވެސް، އެތައް އަޅުކަމެއްގައި، އިސްވެ ދިހިޔަހާ ފާފަ ފުއްސަވައިދެއްވާނޭ މަތިވެރިކަންވަނީ ލައްވާފައެވެ. އެފަދަ ބަސްފުޅުތަކުގެ ތެރޭގައި، “އީމާންކަމާއެކު، ދަރުމައަށް އެދިހުރެ، ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހާ ފާފަ ފުއްސަވައި ދެއްވާނޭއެވެ.” ޙަދީޘް ކުރައްވާފައިވެއެވެ.

މިހުރިހާ ވާހަކަތަކާއެކުވެސް، ވިސްނައިލަންޖެހޭ ކަމަކީ، ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތަކުގެ ޙަޤީޤީ ފައިދާ ހާސިލު ނުކޮށް، އެދުވަސްތައް މުނިފޫހިފިލުވުމާއި ކުޅިވަރުގައި ނަގައިލާ ބަޔަކު އަޅުގަންދުމެންގެ ތެރޭގައިވެސް އުޅޭ ކަމެވެ. ރަމަޟާންމަހުގެ ބަރަކާތާއި ދަރުމަޔާއި ސަވާބުން މަޙުރޫމު ވެއްޖެ މީހަކީ އަބާއްޖަވެރިކަން ބޮޑު މީހެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. « وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ» (رواه الترمذي) މާނައީ: “އެ މީހަކާ ރަމަޟާންމަހާ ބައްދަލުވެ، ފާފަ ނުފުއްސެވުނު މީހާ ގެއްލެނިވެ ހަލާކުވެއްޖެއެވެ.” އެބަހީ: ރަމަޟާންމަހު ގަދަވެ ހެޔޮ ހާލުގައި ލަހައްޓަވައި، އަޅުކަން ކުރުމުގެ ފުރުސަތު ލިބިމެ، އެމަހުގެ މަތިވެރިކަމާއި، އެމަހުގައި ލައްވާފައިވާ އަޅުކަމަށް އެމީހާ ފަރުވާކުޑަކޮށް އިހުމާލުވުމުގެ ސަބަބުން، ފާފަ ނުފުއްސެވިއްޖެ މީހަކީ ގެއްލެނިވެ ހަލާކުވެއްޖެ މީހެކެވެ.

އެއްވެސް ޝައްކެއް ނެތެވެ! ރަމަޟާން މަހުގެ ބަރަކާތްތެރި ރޯދައިގެ އަޅުކަމުގެ ތެރޭގައި، ދޫ ރައްކާތެރިކޮށް، އެންމެހާ ފާހިޝް ޢަމަލުތަކާއި އެފަދަ ބަސްތަކުން އެއްކިބާވެއްޖެ މީހާއަކީ ފާފަ ފުއްސަވައި ދެއްވާނޭ މީހެކެވެ. މިޔާ ޚިލާފަށް، ރަމަޟާން މަހުގެ ދުވާލުގެ ގިނަ ވަގުތު ނިދުމުގައި ހޭދަކޮށްލުން ނުވަތަ ފާހިޝް މަންޒަރުތަކާއި ދީން ނަހީކުރެއްވި އަމަލުތައް ފެންނަ ފިލުމުތަކާއި ސިލްސިލާތައް ބެލުމުގައި ހޭދަކޮށްލައި، އެ މައްސަރުގެ ރޭތައް ކެއިން ބުއިމާ ކުޅިވަރާ މަޖަލުގައި ހޭދަކޮށްލި މީހާއަކީ ހެޔޮކަމުން މަޙްރޫމުވެގެންވާ މީހެކެވެ. އެފަދަ އަބާޖަވެރިއެއް ކަމުގައި ތިބާ ނުވާށެވެ!

Copyright 2021 © Sheikh Hassan Moosa Fikree