ފާފަތަކުގެ ސަބަބުން ދުޢާ އިޖާބަކުރެއްވުން ލަސްވެގެންދާކަމަށްޓަކައި، ދުޢާކުރާ ކޮންމެ މީހަކުމެ އޭނަގެ ދުޢާ އިޖާބާކުރައްވަނިވި މަގުތައް ފާފައި ތާހިރުކޮށް ސާފުކުރަންޖެހެއެވެ.
މިގޮތުން، ރޯދައަކީ ފާފަފުއްސެވުމުގެ ސަބަބެއް ކަމުގައިވާތީ ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވެއެވެ. އައްޞަޙީޙައިން ގައި އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. “مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” މާނައީ: “އީމާންވެހުރެ ދަރުމައަށްއެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ.”
އެހެންކަމުން ރޯދައިގެ އަޅުކަމަކީ ދުޢާ އިޖާބަކުރެއްވުމުގެ މަގު ސާފުކޮށްދޭ ކަމެކެވެ.
ޙަދީޘްފުޅެއްގައިވެއެވެ. ތިންމީހެއްގެ ދުޢާ ރައްދުކުރެއްވިގެން ނުވެއެވެ. – އޭގެ ތެރޭގައި ރޯދަވެރިޔާ ރޯދަވީއްލުމަށް ދާންދެން ކުރާ ދުޢާ ހިމެނެއެވެ. (މިޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އިބްނު މާޖާ އިމާމު އަޙްމަދު އަދި އިބްނު ޚުޒައިމާ)
ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވިގެންވެއެވެ. އެއީ؛
އެކެއް: ރޯދަވެރިޔާ އެހުރީ ފަރުޟު އަޅުކަމެއްގެ ތެރޭގައެވެ. ފަރުޟު އަޅުކަމަކުން ﷲ އަށް ކުއްތަންވުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ ގޮތެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ. “وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ” މާނައި: “ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާ ކުއްތަންވުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ އޭނާގެ މައްޗަށް ތިމަންރަސްކަލާނގެ ފަރުޟުކުރެއްވި ކަންކަމެވެ.”
ދޭއް: މަސައްކަތެއް ކުރާ މީހާގެ ފުރިހަމަ އުޖޫރަ ދެވެނީ އޭނާގެ މަސައްކަތް ނިމުމުންނެވެ. އިރުއޮއްސުމުން ރޯދަވެރިޔާ ރޯދަވީއްލުމުން އޭނާގެ އެދުވަހުގެ ރޯދައިގެ އަޅުކަން ނިމުނީއެވެ. އެހެންކަމުން އޭނާ ރޯދަ ވީއްލާގަޑިއަކީ ދުޢާ އިޖާބަކުރެއްވޭ ވަގުތެކެވެ.
ތިނެއް: ރޯދައިގެ ސަބަބުން ޝައިޠާނާގެ މަގުތައް ހަނިވެގެންދެއެވެ. އިންސާނާގެ ހަށިގަނޑުގައި ލޭހިނގާފަދައިން ޝައިޠާނާ އެހަށިގަނޑަށް ބާރުފޯރުވާކަމުގައި ރިވާވެގެންވެއެވެ. އެހެންކަމުން ރޯދަވެރިޔާއަށް ޝައިޠާނާގެ ކިބައިން ލިބޭ ރައްކާތެރިކަން އިތުރުވެގެންވެއެވެ. އިޚްލާޞްތެރިކަން އިތުރުކޮށްދެއެވެ. އެހެންކަމުން އޭނާގެ ދުޢާ އިޖާބަވުން އަވަސްވެގެން ދެއެވެ.
މިފަދަ މަތިވެރި މައްސަރަކާއި ބައްދަލުކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމައްޓަކައި މާތް ﷲ އަށް ޙަމްދުކުރާށެވެ. އަދި މި ރަނުގެ ފުރުޞަޠު ނަގާ ނުލާށެވެ. ދުޢާކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ގަދައަޅައި މަސައްކަތް ކުރާށެވެ.
Copyright 2021 © Sheikh Hassan Moosa Fikree