
ޢަލްމާނިއްޔަތަކީ ދައުލަތް ހިންގުމުގެ ކަންކަމުން، ދީން ވަކިކޮށްލުމެވެ. ދީނުގެ ކަންކަމުގެ ތެރެއިން އަޅުކަމަކީ ފަރުދީ ކަމެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލާ ގޮވައިލުމެވެ. އަދި އެ ނޫން އެންމެހާ މުޢާމަލާތްތަކުގައި ދީނުގެ ބާރު ކަނޑުވައިލުމެވެ.
އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވެސް ޢަލްމާނިއްޔަތުގެ ވަކިތައް ދަނީ ހިއްޕަމުންނެވެ. އެ ގޮތުން، “ދީން ސިޔާސީ ހަތިޔާރަކަށް” ހަދާކަމަށް ބުނެ، “ސިޔާސީ” އެތައް ބަޔަކު ވަކާލާތުކުރެއެވެ. އެބައިމީހުންނަށް އޮޅިފައި އޮތް ޙަޤީޤަތަކީ، އިސްލާމްދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެއް ކަމެވެ. ތިމާއާއި ތިމާގެ ވެރި ރަސްކަލާނގެއާއި ދެމެދުގައި އޮންނަ ގުޅުމާއި އާއިލީ ގުޅުމާއި އިޖްތިމާޢީ ގުޅުމާއި ކާވެންޏާއި ވަރިއާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި ދޭދޭ ދެ މީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް ނިޔާ ކަނޑައެޅުމާއި ކުށްތަކަށް އަދަބު ދިނުމާއި އަމުރު މަޢުރޫފު ހިންގުމާއި ވެރިކަން ހިންގުމުގެ އުޞޫލުތަކާއި ޙާކިމާއާއި ރައްޔިތުންގެ ޙައްޤުތައް ވެސް ވަނީ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވައި ބަޔާންކޮށް ދެއްވާފައެވެ.
ޢަލްމާނިއްޔަތުގެ އެއް އަސާސަކީ ދީނީ މިނިވަންކަމެވެ. އެ މީހަކު އެދޭ ދީނަކަށް، އެ މީހަކު އެދޭ ގޮތްކަށް އެ މީހެއްގެ ގަބޫލުކުރުންތައް ބެހެއްޓުމަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ކަނޑައަޅައިފައިވާ އިންސާނީ ޙައްޤެކެވެ. މީގެ މުރާދަކީ މީހަކު އިސްލާމްދީނަށް އުޅެން ބޭނުންނަމަ އުޅެންވީއެވެ. އަދި އެ ދީން ދޫކޮށް މުރުތައްދުވާން ބޭނުންނަމަ އެ ކަން ވެސް ކުރަންވީއެވެ. ނުވަތަ އެއްވެސް ދީނެއް ގަބޫލުނުކޮށް ހުރުމަށް އެދޭނަމަ އެކަމުގެ އިޚްތިޔާރު ވެސް އޭނާއަށް އޮންނަން ޖެހެއެވެ. ނަމަވެސް މިއީ މާތް ﷲގެ ޙުކުމްފުޅުތަކާ ކަނޑައެޅިގެން ތަޢާރުޟުވާ ގޮތެކެވެ.
އިސްލާމްދީން ނޫން އެހެންދީނެއް މާތް ﷲ ގަބޫލު ނުކުރައްވާނޭކަން ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ (آل عمران: ٨٥) މާނައީ: “ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ގަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”
ޢަލްމާނިއްޔަތުގެ ނުރައްކާ ތެރިކަން އެންމެ ބޮޑު ވެފައިވަނީ އިސްލާމްދީނަށެވެ. “ދީނީ މިނިވަންކަން” ހޯދައިދިނުމަށް ވަކާލާތުކުރާ ގައުމުތަކުގައި ވެސް މުސްލިމަކަށް އޭނާގެ ދީނަށް އުޅުމަކީ އެބައިމީހުން ހުއްދަދޭ ކަމެއް ނޫނެވެ. މިސްކިތްތަކުގައި ބަންގި ގޮވުމަކީ އެބަމީހުން ރުހޭ ކަމެއް ނޫނެވެ. މުސްލިމުން އެ މީހުންގެ ދަރުސްތަކާއި ހަފުލާތައް ބޭއްވުމަކީ މި ދީނުގެ ޢަދުއްވުންނަށް ރުހެވޭ ކަމެއް ނޫނެވެ.
އެ މީހަކު ހިތް އެދޭ ގޮތަކަށް ހެދުންއެޅުމަކީ އެ މީހެއްގެ މިނިވަންކަމޭ ބުނެ، މުސްލިމަކު އޭނާގެ ދީނާ އެއްގޮތަށް ހެދުންއަޅާ ނަމަ، އެ މީހަކާމެދު އަނިޔާވެރިވުމަކީ އަދުގެ ދުނިޔެ ދެކެމުންދާ ޙަޤީޤަތެވެ. ޢަލްމާނިއްޔަތަކީ އިސްލާމްދީނާ ދެކޮޅު ފިކުރެއް ނޫންކަން ދެއްކުމަށް އެއް ބަޔަކު ބުރަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ނަމަވެސް އިސްލާމްދީންދެކެ ލޯބިވާ މުސްލިމަކަށް ޢަމްލާނިއްޔަތުގެ ނުރައްކާތެރިކަން ވަންހަނާވެފައެއް ނުވެއެވެ.
(މިއީ 29 ޖަނަވަރީ 2021ގައި ޝާއިޢުކުރި “ދީނުގެމަގު” 4ވަނަ ނަންބަރުގެ3ވަނަ ޞަފުހާގައި އޮތް ލިޔުމެވެ.)
Copyright 2021 © Sheikh Hassan Moosa Fikree