ޖަނަވަރީ 25، 2022

ޝުކުރުނާމާއެއް ލިޔުން މުހިންމު

އައު އަހަރު ފާހަގަކުރުމާއި، އައު އަހަރުގެ ތަހުނިޔާ ކިޔުންފަދަ ކަންކަމަކީ ބިދުޢައެއްކަމުގައި މެނުވީ ނުވެއެވެ. އެއާއެކު އައު އަހުރެއް ފެށިގެންދާއިރު ކިޔާނޭ ދުޢާއެއްގެ ވާހަކަވެސް ސޯޝަލް މީޑިޔާއިން ބައެއްފަހަރު ފެނެއެވެ. އެކަމަކީވެސް ސުންނަތުން ސާބިތު ކެމެއް ނޫނެވެ. އައު އަހަރާ ގުޅޭ ވާހަކަތަކާއި ޚަބަރުތަކުގެ ތެރެއިން އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނު ކަމެއްގެ އެބައޮތެވެ. މާތްވެގެންވާ އިސްލާމް ދީނުގައި އެކަން އޮތް ގޮތުގެ ވާހަކައަށް ބަލައިލުމުގެ ކުރީގައި، އެކަމަކީ ކޮބައިކަން ދަންނަވައިލާނަމެވެ.

އެއީ އައު އަހަރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި “ގްރެޓިޓިއުޑް ޖާރނަލް” (ޝުކުރުނާމާ އެއް) ލިޔުމުގެ މުހިންމުކަމާ ގުޅޭގޮތުން، ލިބިފައި އޮތް ނިއުސް ލެޓަރއެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ތިބާގެ ޙަޔާތުގައި ހުރި ކަންކަމުގެ ތެރެއިން ޝުކުރުވެރިވާންޖެހޭ ނިޢްމަތަކުގެ ވާހަކަ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނުމުގެ ގޮތުން ލިޔާ ލިޔުންކޮޅެއްގެ ވާހަކައެވެ. ކޮންމެ ދުވަހަކު ޑައިރީ އެއް، ނުވަތަ ޔައުމިއްޔާއެއް ލިޔާފަދައިން ލިޔެލާ ލިޔުންކޮޅެކެވެ. އެވާހަކަ ބަޔާންކޮށްފައިވާ ނިއުސް ލެޓަރގަހުރި ބައެއް ބައިތައް ތިރީގައި ދަންނަވައިލާނަމެވެ.

ތިބާއަށް ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ، ޖާރނަލްއެއް ލިޔާށެވެ! ކަސްކަރަތުކުރުން، ނުވަތަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރުން، ނޫނީ ޚަރަދު ކުޑަކުރުންފަދަ ކަންކަމާ ޚިލާފަށް، “ގްރެޓިޓިއުޑް ޖާރނަލް” އެއް ލިޔުމަކީ ކޮންމެ ކޮންމެ ދުވަހަކު ކުރަންޖެހޭތީ ބުރައަކަށްވާނޭ ކަމެއް ނޫނެވެ. ހަފްތާއަކަށް ގިނަވެގެން ތިންފަހަރު ލިޔުނަސްވެސް ފުދޭނެއެވެ. އެކަމަކު ކުރިޔަށް އޮތް އަހަރު، މިކަމުގައި ދެމިހުރެއްޖެނަމަ ތިބާގެ ދިރިއުޅުމުގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނޭކަން ކަށަވަރެވެ. އޭރުން ތިބާގެ ސަލްބީ (ނެގެޓިވް) ފިކުރުތަކުން އެއްކިބާވެވި، ފަހި ވިސްނުމުގެ ވެރިއަކަށް ބަދަލުކޮށްލަދޭނެއެވެ.

ޔޭލް ޔުނިވަރސިޓީގެ ސައިކޮލޮޖީ ދާއިރާގެ ޕުރޮފެސަރެއް ކަމުގައިވާ ޑރ.ލޮރީ ސަންޓޯސް، މީގެ ދެއަހަރު ކުރިން ފެށިގެން “އުފާވެރިކަން” ހޯދާނޭ ގޮތާބެހޭގޮތުން ކުލާހެއް ނަގައިދޭން ފެށިއެވެ. އޭނާ ބުނާ ގޮތުގައި އުފާވެރިކަން ހޯދުމަށް އަހަރުމެންގެ ސިކުނޑި ތަމްރީނު ކުރުވަންޖެހެއެވެ. “ގިނަ ބަޔަކު ހީކުރާ ގޮތުގައި ގިނަ ފައިސާ ލިބުމަކީ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ.” ސަންޓޯސް ބުންޏެވެ. “ގިނަ ފައިސާ ލިބޭވަރަކަށް ތިބާ ހިތްއެދޭ ކަންކަން ދާނީ އިތުރުވަމުންނެވެ. އަދި ތިބާ މާއްދިއްޔަތަށް (ދުނިޔޭގެ މުދަލަށް) އެދޭ އެދުން ބޮޑުވާ ވަރަކަށް ތިބާގެ އުފާވެރިކަން ދާނީ ދަށްވަމުންނެވެ.”

ސަންޓޯސް ވިދާޅުވާ ގޮތުގައި، އުފާވެރިކަން ހޯދުމަށްޓަކައި ތިބާއަށް ލިބިފައިވާ ނިޢްމަތްކަށް ޝުކުރުވެރިވާންޖެހެއެވެ. އެހެންވެ، “ގްރެޓިޓިއުޑް ޖާރނަލް” އެއް ގެންގުޅުމަށް އޭނާގެ ދަރިވަރުންނަށް އިރުޝާދު ދިނެވެ. އެއާއެކު އެދަރިވަރުންގެ ޙަޔާތުގައި ހުރި ޝުކުރުވެރިވާ ކަންކަމާ ބެހޭގޮތުން މަދު ފޮޅުވަތްކޮޅެއް ލިޔެލުމަކީ، ހިތްހަމަ ޖެހުން ގެނެސްދީ، ދިރިއުޅުން ރަނގަޅުކޮށްދޭ ކަމަކަށްވެގެން ދިޔައެވެ.

“ގްރެޓިޓިއުޑް ޖާރނަލް” އެއް ލިޔުމުގެ ފައިދާގެ ތެރޭގައި، އިސްވެ ބަޔާން ކުރެވުނު ލިޔުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ޚުލާޞާއެއް ދަންނަވައިލާނަމެވެ. ތިބާގެ ޙަޔާތުގައި ޝުކުރުވެރިވުން ޙައްޤު ކަންކަން ހަނދާކުރުމުގެ ގޮތުން، އެކަންކަން ލިޔުމަކީ، ތިބާގެ އުފެއްދުންތެރިކަން (ޕްރޮޑަކްޓިވިޓީ) އިތުރުކޮށްދޭ ކަމެކެވެ. އަދި ތިބާގެ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ. އަދި ތިބާއަށް އަރާމު ނިންޖެއް ލިބުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ފިކުރު ބޮޑުވުންތަކުން ސަލާމަތް ކުރުވާ، އުފާވެރިކޮށްދޭ ކަމެކެވެ.

މި ދަންނަވާލީ، އެ ނިއުސް ލެޓަރގައި ހުރި ވާހަކަތަކުގެ މައިގަނޑު ކަންކަމެވެ. މިއާއެކު، ނިޢްމަތްތަކަށް ޝުކުރުވެރިވުމުގެ ވާހަކަ ދައްކާހިނދު، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ މާތްވެގެންވާ އިސްލާމް ދީނުގައި އެކަން އޮތްގޮތް އުނގެނި ދަސްކުރުމެވެ.

ޝުކުރުވެރިވުމަކީ ޤުރްއާނާއި ސުންނަތުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ.

އެ ނިޢްމަތްކާމެދު ވިސްނައި ނުގަނެވޭހާ ގިނަގުނަ ނިޢްމަތްތައް، މާތް ﷲ ވަނީ އިންސާނާއަށް ދެއްވާފައެވެ. ﴿أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً﴾ (لقمان 20) މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތް ތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެކަލާނގެ ނިޢްމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ.”

މާތް ﷲ ދެއްވާފައިވާ ނިޢްމަތްތައް ގުނާ އަދަކުރަން އުޅުނު ކުގައިވީނަމަވެސް އެކަން ނުކުރެވޭހާ، ގިނަ ނިޢްމަތްތައް މާތް ﷲ ވަނީ އިންސާނާއަށް ދެއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ وَإِن تَعُدُّواْ نِعْمَتَ اللّهِ لاَ تُحْصُوهَا إِنَّ الإِنسَانَ لَظَلُومٌ كَفَّارٌ﴾ (إبراهيم: 34) މާނައީ: “އަދި އެކަލާނގެ ޙަޟުރަތަށް ތިޔަބައިމީހުން އެދި ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢްމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢްމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރު ކުރުން ނެތްމީހެކެވެ.”

މާތް ﷲ ދެވި ނިޢްމަތަކަށް ޝުކުރުވެރި ވުމަށްޓަކައި އެ ނިޢްމަތްތައް ހަނދުމަކުރުމާއި، އެނިޢްމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. އަދި ޝުކުރުވެރިވުމަކީ ނިޢްމަތްތައް އިތުރުކޮށްދެއްވާ ކަމެއްކަމުގައިވެސް ވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައެވެ. ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ (إبراهيم 7) “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.”

އަދި މާތް ﷲ ދެއްވި ނިޢްމަތްތައް ހަނދުމަކޮށް އުޅުމަށްވެސް އަންގަވާ ވަޙީކުރައްވާފައިވެއެވެ. ﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ﴾ (الضحى: 11) މާނައީ: “އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި ނިޢްމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!”

މާތް ﷲ ދެއްވި ނިޢްމަތަކުގެ ވާހަކަ ދައްކައި އުޅުމަކީ އެނިޢްމަތަކަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެނިޢްމަތްތައް ހަނދާނައްތާލުމަކީ ނިޢްމަތަކަށް ކުފުރުވެރިވުމެވެ. އަދި އަޅުތަކުންނަށް މާތް ﷲ ދެއްވާފައިވާ ނިޢްމަތްތަކުގެ އަސަރު އެ އަޅުތަކުންގެ ކިބައިން ފެނުމަށް، އެއިލާހު ލޯބިވެވޮޑިގަންނަވާ ކަމުގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ.

“ގްރެޓިޓިއުޑް ޖާރނަލް” ނުވަތަ ޝުކުރުވެރިވާން އެދޭ ކަންކަން ހަނދާންކުރުމަށްޓަކައި، ކޮންމެ ދުވަހަކު ޑައިރީއެއްގައި ލިޔުމަށް މާތްވެގެންވާ އިސްލާމް ދީނުގައި އަމުރު ކުރައްވާފައި ނުވިއެއްކަމަކު، މުސްލިމެއްގެ ޙަޔާތުގައި އަބަދުމެ މާތް ﷲ ދެއްވި ނިޢްމަތްތައް ހަނދާންކޮށް އެކަމުގެ މައްޗަށް، އެއިލާހަށް ޝުކުރުވެރިވުމަށްވަނީ އަންގަވާފައެވެ. އެގޮތުން ހެނދުނާ ހަވީރުގެ ޒިކުރުތަކުގެ ތެރޭގައިވެސް، މާތް ﷲ ދެއްވި ނިޢްމަތްތައް ހަނދާންކުރުމާއި، އެ ނިޢްމަތްތަކަށް ޝުކުރުވެރިވާކަމުގެ ދުޢާތައް ހިމެނެއެވެ. އެފަދަ ދުޢާތަކުގެ ތެރެއިން އަންނަނިވި ދުޢާއާއި އޭގެ މާނަ ބައްލަވާށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ސައްޔިދުލް އިސްތިޣްފާރަކީ މިފަދައިން ކިޔުމެވެ. اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ “

މާނައީ: “އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ އީ މި އަޅާގެ ވެރި ރަސްކަލާނގެއެވެ. އިބަ ﷲ ފިޔަވައި އަޅުކަން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާ ހެއްދެވީ އިބަ ﷲއެވެ. އަދި މިއާޅާއީ އިބަ ﷲ ގެ އަޅަކީމެވެ. އަދި މި އަޅާއަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަ ﷲ ގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މި އަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކަންދެއްވުމަށް މިއަޅާ އިބަ ﷲ ގެ ޙަޟުރަތުން އެދި ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ ﷲ ގެ ނިޢްމަތްތަކަށް މިއަޅާ އިޢްތިރާފު ވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢްތިރާފު ވަމެވެ. ފަހެ، މި އަޅާއަށް ފާފަ ފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން، ފާފަ ފުއްސަވައިދެވާ އެހެންފަރާތެއް، އިބަ ﷲ ފިޔަވައި ނުވެއެވެ.” (ރިވާކުރެއްވީ އަލްއިމާމުލް ބުޢާރީއެވެ.)

މި ދުޢާގެ ތެރޭގައިވާ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، “މިއަޅާގެ މައްޗަށްވާ އިބަ ﷲ ގެ ނިޢްމަތްތަކަށް މިއަޅާ އިޢްތިރާފު ވަމެވެ.” މިއީ މާތް ﷲ ދެއްވި ނިޢްމަތްތައް، ހެނދުނާއި ހަވީރު، ހަނދާކޮށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ދުޢާއެކެވެ.

ވީމާ، ޙަޤީޤަތުގައިވެސް، ކޮންމެ ދުވަހަކު، ތިމާގެ މައްޗަށް މާތް ﷲ ލައްވާފައިވާ ނިޢްމަތްތަކުގެ ތެރެއިން ކަންތައްތަކެއް ހަނދާންކުރުމީ، އެކަންކަމަށް ޝުކުރުވެރިވާން މަގުފަހިކޮށްދޭ ކަމެކެވެ. އަދި އެ ނިޢްމަތްތަކުގެ މަތީން ހަނދާންނެތުމުގެ ނުބައިކަމުން ސަލާމަތްކޮށްދޭ ކަމެކެވެ. އެއާއެކު، ނިޢްމަތްތައް އިތުރުކޮށްދެއްވާ ކަމެއްވެސްމެއެވެ. އަދި ދިރިއުޅުން ބާއްޖަވެރިކޮށްދީ އުފާވެރިކަން ގެނުވާކަމެއްވެސް މެއެވެ.

Copyright 2021 © Sheikh Hassan Moosa Fikree