މާރިޗު 15، 2022

ސުވަރުގެ ވަށާލެވިގެންވަނީ ހިތް ނޭދޭ ކަންތައްތަކުން

އިންސާނާގެ ނަފްސު އަބަދުވެސް އެދި ގޮވަނީ ލުއިފަސޭހަ ކަމަށެވެ. ހިތް އެދޭފަދަ ކަންކަމަށެވެ. ހަވާ ނަފްސުގެ އެދުންތަކަށެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ފާހިޝް ޢަމަލުތަކެވެ. ތިމާއަށް ދެދުނިޔޭގައި ނަފާކުރަނިވި ކަންތައްތަކަކީ ބުރައަކާއެކު މެނުވީ ހާސިލު ކުރެވޭނޭ ކަމެއް ނޫނެވެ.

ޣައިރު ދީންތަކުގެ އަހުލުވެރީންގެ ތެރެއިންވެސް، ދުނިޔޭގެ ކާމިޔާބީއާ ހަމައަށް ވާސިލުވެފައިވާ އެތައް ބަޔަކުވަނީ އެމީހުންގެ ކާމިޔާބީގެ ދަތުރުގައި އުފުލި ބުރަޔާއި، ވީ ގުރުބާނީގެ ވާހަކަތައް ކިޔައިދީފައެވެ. އޭގެ ތެރެއިން އެތައް ބަޔަކުގެ ވާހަކަތަކުގައި، ފަތިހާ ހޭލުމާއި، މުރާލިކަމުގެ ވާހަކަ ހިމެނެއެވެ. އަދި ބޭކާރު ގޮތުގައި ވަގުތުތައް ނަގާނުލުމާއި، ވަކި ރޫޓީން އަކުން، ވަކި އުސޫލުތަކެއްގެ މަތީގައި ދިރިއުޅުން ބިނާންކުރަންޖެހޭ ކަމުގައި އެމީހުން ހާމަ ކުރެއެވެ. ސޯޝަލް މީޑިޔާގައި މިފަދަ ވާހަކަތަކާއި، ވީޑިޔޯތައް ފެންނާ އެހުރީއެވެ.

މި ދަންނަވާލީ ދުނިޔޭގެ ކާމިޔާބީ އެދޭ މީހުންގެ ވާހަކަތަކެވެ. ދެން، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ކާމިޔާބީއަށް އެދޭ، އީމާންކަމުގެ އަހުލުވެރީންގެ އަމަލުތައް ބަހައްޓަންވީ ގޮތަކީ ކޮބައިކަން ބަލަމާ ހިނގާށެވެ. މާތް ވެގެންވާ އިސްލާމް ދީނުގައި އަޅުގަނޑުމެންނަށްދޭ ތަރުބަވީ އިރުޝާދުތަކަކީ ކޮބައިތޯ ބަލައިލަމާތޯއެވެ.

މުސްލިމެއްގެ ޙަޔާތުގެ މަގްސަދަކީ، ފާހިޝް ޢަމަލުތަކާއި މުންކަރތްތަކުން ނަފްސު ސަލާމަތްކޮށް، މާތް ﷲ އެނގެވި ގޮތުގައި، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމެވެ. އަދި އާޚިރަތުގައި ސުވަރުގެ ވަންތަވެރީންކަމުގައިވުމަށް އެދޭ މީހާއަށް އޮތް މަގަކީވެސް އެއީ އެވެ. ހެޔޮ ޢަމަލު ކުރުންމަތީ ނަފްސު ދެމެހެއްޓުމެވެ. ނަމަވެސް ގިނަފަހަރު މިކަން ހާސިލުވާނީ ކެތްތެރިކަމާއި، ބުރަ އުފުލުމުގެ ތެރެއިންނެވެ. ސ

ނަރަކައިގެ ވަށައިގެންވަނީ އެކަންކަމަށް އިންސާނާ ހިތްއެދޭހައި ނުބައި އެދުންތަކާއި ނުރަނގަޅު ޢަމަލުތަކުންނެވެ. އަދި ސުވަރުގެ ވަށައިލެއްވިގެންވަނީ އެކަންކަން ކުރުމަށް އިންސާނާގެ ނަފްސަށް އުނދަގޫވެ ބުރަވެގެންވާ ކަންތައްތަކުންނެވެ. މިކަން ބަޔާންކުރައްވައި ކީރިތ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «حُجِبَتِ النَّارُ بالشَّهَواتِ، وَحُجِبَتِ الجَنَّةُ بِالمَكَارِهِ». مُتَّفَقٌ عَلَيهِ މާނައީ: “ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. އަދި ސުވަރުގެ ވަށައިލެވިގެންވަނީ، ހިތްނޭދޭހާ ކަންތައްތަކުންނެވެ.”

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މި ޙަދީޘަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެއްވިގެންވާ “ޖަވާމިޢުލް ކަލިމް”ގެ ތެރެއިން (އެބަހި: މަދު ޢިބާރާތް ކޮޅަކުން ފުން މާނަތަކެއް ދޭހަވާ ބަސްފުޅުތަކުގެ ތެރެއިން) ހިމެނޭ މަތިވެރި ބަސްފުޅެކެވެ. މިބަސްފުޅުގައި މިވަނީ އިންސާނާގެ ޝަހުވަތްތަކާއި، ހިތް ލެބޭފަދަ ދީން ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުމަށް ދެއްވާފައިވާ އިރުޝާދެކެވެ. އަދި ހެޔޮ ޢަމަލުތަކަކީ، ނަފްސަށް ބުރަ، އަދި ބައެއްފަހަރު އެކަންކަން ކުރުމަށް ނޭދެވޭފަދަ ކަންތައްތަކެއް ކަމުގައިވީނަމަވެސް، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމުގެ މުހިންމުކަން ބަޔާންކުރައްވާފައެވެ.

ސުވަރުގެއާ ހަމައަށް ވާސިލުވެވޭނީ އެ ސުވަރުގެ ވަށައިގެން ލެވިފައިވާ ހިތް ނޭދޭ ނުވަތަ ނަފްސަށް ބުރަވާ ކަންތައްތަކުގެ ފަރުދާ ހުރަސްކުރުމަށް ފަހުގައެވެ. އަދި ނަރަކައަށް ވަންނަ މީހާ އެތަނަށް ވާސިލުވަނީ ދީންނަހީކުރައްވާފައިވާ، އެހެނެއްކަމަކު އިންސާނާގެ ހިތްކިޔާފަދަ ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކުގެ ފަރުދާ ހުރަސް ކުރުމަށް ފަހުގައެވެ.

ސުވަރުގެ ވަށައިލެވިގެންވާ، ހިތް ނޭދޭފަދަ ނުވަތަ ނަފްސަށް އެކަންތައްތަކަކީ ބުރައެއްކަމުގައިވާ ކަންތައްތަކުގެ ތެރޭގައި، އަޅުކަމުގައި ހީވާގިވުމާއި، އެ އަޅުކަމެއްގެ ވަގުތުގައި އެކަން އަދާކުރުމާއި، އަޅުކަން އަދާކުރުމުގައި އުފުލަންޖެހޭ ބުރަތަކަށް ކެތްތެރިވުމާއި، ރުޅިއާދެވޭފަދަ ދަނޑިވަޅުތަކުގައި ރުޅި މައިތިރި ކުރުމާއި، މީސްތަކުންނަށް މާފްކުރުމާއި، ހުލުމިވެރިކަމާއި އޯގާވަންތަކަމާއެކު އެބައިމީހުންނާ މުޢާމަލާތް ކުރުމާއި، ތިމާއަށް ނުރަނގަޅުކޮށްހިތި މީހާއަށްވެސް އިހުސާންތެރިވުމާއި، ތިމާގެ ނަފްސު އެދޭ ޝަހުވަތްތަކަށް ކެތްތެރިވެ، ދީނުގައި ނަހީކުރެއްވިހައި ކަމަކަށް އަރައިނުގަނެ ނަފްސު ހިފެހެއްޓުމާއި، އެންމެހައި ރިވެތި އަޚުލާޤުގެ ސިފަތަކުގެ މަތީގައި ދެމެހިރުން ހިމެނެއެވެ.

ހަމައެފަދައިން، ނަރަކަ ވަށައިލެވިގެންވާ، ހިތް އެދޭ ނުވަތަ ހިތްކިޔާފަދަ ކަންތައްތަކަކީ، ނަފްސުގެ އެދުންތަކުގެ ތެރައިން ދީން ނަހީކުރައްވާފައިވާ ފާހިޝް ޢަމަލުތަކެވެ. އޭގެ ތެރޭގައި، މީސްތަކުންނަށް އަނިޔާވެރިވުމާއި، ޙައްޤަކާ ނުލައި މީހަކު ޤަތުލުކުރުން ނުވަތަ ލޭ އޮހޮރުވައިލުމާއި، ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ފާހިޝް އެންމެހައި ޢަމަލުތަކަށް އަރައިގަތުމާއި، ރިބާ ކެއުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވެ ދޭތެރެޖެއްސުމާއި، ފިތުނަ ފަސާދަ އުފެއްދުމާއި، ވިޔާނުދާ ނުވަތ ނުރުހެވޭފަދަ އެންމެހާ އަޚުލާޤީ ސިފަތައް ހިމެނެއެވެ.

ދީނުގައި ނަހީކުރައްވާފައި ނުވާ، އެހެނެއްކަމަކު ހިތް އެދޭފަދަ ޝަހުވަތްތަކަކީވެސް، އެކަމުގެ ތެރޭގައި ތިމާގެ މުދަލާއި ވަގުތު ނަގައިލުން ނުރުހެވޭކަމެކެވެ. އޭގެ ތެރޭގައި ކުޅިވަރާއި ޣާފިލުކަމުގައި ވަގުތު ހޭދަކުރުމާއި، ވާކީން ޚާއްޞަކޮށް އަޅުކަމަށް ހުރަސް އެޅޭ ގޮތުގައި ކުޅިވަރުގެ ތެރޭގައި އުޅުން ހިމެނެއެވެ. އަދި ބޭކާރު ކަންކަމުގައި މުދާ ހޭދަކުރުން ހިމެނެއެވެ.

އިސްވެ ދެންނެވުނު ޙަދީޘްގައިވާ ވާހަކަތައް ބަޔާންކޮށްދޭ އެހެން ޙަދީޘެއްވެސް އެބައޮތެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “މާތް ﷲ ސުވަރުގެ ޚަލްޤު ކުރެއްވުމަށްފަހު ޖިބްރީލްގެފާނަށް ވަޙީކުރެއްވިއެވެ. “އޭ ޖިބްރީލްއެވެ! ވަޑައިގެން ސުވަރުގެ ބައްލަވާށެވެ!” ޖިބްރީލްގެފާނު ސުވަރުގެ ދެކެވަޑައިގެންފައި ދެންނެވިއެވެ. “އޭ އަޅުގެވެރި ރައްބެވެ! އިބަ ރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެ ސުވަރުގޭގެ މަތިވެރި ނިޢްމަތްތަކުގެ ވާހަކައިގެ އަޑު އެހި ކޮންމެ މީހަކު އެތަނަށް ވަންނާނެތެވެ.” ދެން ސުވަރުގޭގެ ވަށައިގެން ހިތް ނުރުހޭފަދަ ކަންތައްތައް ލެއްވުމަށްފަހު ވަޙީކުރެއްވިއެވެ. “(އޭ ޖިބްރީލްއެވެ!) ސުވަރުގެ ބައްލަވާށެވެ!” އެހިނދު ޖިބްރީލްގެފާނު ސުވަރުގެ ދެކެއްވަޑައިގެންފައި ދެންނެވިއެވެ. “އޭ އަޅުގެވެރި ރައްބެވެ! އިބަ ރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެތަނަށް އެއްވެސް މީހަކު ނުވަދެފާނޭކަމަށް ބިރުވެތިވަމެވެ.” ދެން ނަރަކަ އުފެއްދެވުމަށްފަހު ވަޙީކުރެއްވިއެވެ. “އޭ ޖިބްރީލެވެ. ވައިޑިގެން ނަރަކަ ބައްލަވާށެވެ!” އެހިދނު ޖިބްރީލްގެފާނު ނަރަކަ ބެއްލެވުމަށްފަހު ދެންނެވިއެވެ. “އޭ އަޅުގެވެރި ރައްބެވެ! އިބަ ރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެތަނުގެ ބިރުވެރިކަމުގެ ވާހަކައިގެ އަޑު އިވޭ އެކަކުވެސް އެތަނަކަށް ނުވަންނާނެތެވެ.” އެހިނދު ނަރަކަ ވަށައިގެން ހިތް ރުހޭފަދަ ޝަހުވަތްތައް ލެއްވުމަށްފަހު ވަޙީކުރެއްވިއެވެ. “އޭ ޖިބްރީލް އެވެ! ނަރަކަ ބައްލަވާށެވެ!” އެހިނދު ޖިބްރީލްގެފާނު ނަރަކަ ބެއްލެވުމަށްފަހު ދެންނެވިއެވެ. “އޭ އަޅުގެވެރި ރައްބެވެ! އިބަ ރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެއްވެސް މީހަކު އެތަނަށް ނުވަދެ ސަލާމަތުން ހުރެދާނެކަމާމެދު ތިމަންކަލޭގެފާނު ބިރުވެތިވަމެވެ.” (ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫދެވެ.)

ސުވަރުގެ ވަށައިލެވިގެންވާ ހިތް ނުރުހޭފަދަ ކަންކަމުގެ ވާހަކަ އަންނިވި ޙަދީޘްގައިވަނީ ބަޔާންކުރައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «ألاَ أَدُّلُكُمْ عَلَى مَا يَمْحُو اللهُ بِهِ الخَطَايَا، وَيَرْفَعُ بِهِ الدَّرَجَاتِ؟» قالوا: بَلَى يَا رسول الله، قَالَ: «إسْبَاغُ الوُضُوءِ عَلَى المَكَارِهِ، وَكَثْرَةُ الخُطَا إِلَى المَسَاجِدِ، وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ؛ فَذلِكُمُ الرِّبَاطُ؛ فَذَلِكُمُ الرِّبَاطُ». رواه مسلم މާނައީ: “ﷲ ތަޢާލާ، އެކަމަކަކުން ފާފަތައް ފުއްސަވައިދެއްވާ ދަރަޖަ އުފުއްލަވާ ކަންކަން ތިމަންކަލޭގެފާނު ތިޔަބޭކަލުންނަށް ވިދާޅުވެދެއްވަންތޯއެވެ؟” ޞަހާބީން ދެންނެވިއެވެ. “ވިދާޅުވެދެއްވާށެވެ! އޭ ﷲ ގެ ރަސޫލާއެވެ!” ޙަދީޘްކުރެއްވިއެވެ. “އެއީ އުނދަގޫކަމާއި ދަތިކަމާއެކުވެސް ފުރިހަމައަށް ވުޟޫ ކުރުމެވެ. (އެބަހީ: ގަދަފިނީގެ ވަގުތުގައި، ނުވަތަ ބަލިގެން ވުޟޫ ކުރަން އުނދަގޫވެފައިވާ ޙާލުގައިވެސް ފުރިހަމައަށް ވުޟޫ ކުރުމެވެ.) އަދި މިސްކިތަށް ނަމާދަށް ދިޔުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމެވެ. (އެބަހީ: ގިނަގިނައިން މިސްކިތަށް ދިޔުމެވެ. ނުވަތަ ގެޔާ މިސްކިތް ކިތަންމެ ދުރަސް މިސްކިތަށް ދިޔުމެވެ.) އަދި އެއް ނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ދީނުގެ ރައްކާތެރިކަމުގައި ދެމިތިބުމުގެ އަސްލަކީ އެއީ އެވެ.”

މި ޙަދީޘްގައި ކީރިތި ރަސޫލާ صلى الله عليه وسلم އެވަނީ މަތިވެރިވެގެންވާ އަޅުކަމުގެ ޢަމަލުތަކެއް ބަޔާންކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ ނަފްސަށް ބުރަކަމާއެކުގައި މެނުވީ ޙާޞިލު ކުރެވޭނޭ ކަމެއް ނޫނެވެ. އެއީ ގަދަ ފިނީގައި ފިނިފެންނުން ވުޟޫ ކުރަންޖެހުން ނުވަތަ ގަދަ ހޫނުގައި ހޫނުފެނުން ވުޟޫ ކުރަންޖެހުފަދަ ހިތް ރުހޭ ވަގުތުތަކުގައި ވުޟޫ ކުރުމެވެ. ފިނިކަންގަދަ ގައުމެއްގައި އުޅޭ މީހަކުނަމަ، ނުވަތަ ހޫނު ސަހަރާއެއްގައި އުޅޭ މީހެއްނަމަ މިފަދަ ޙާލަތެއް ކުރިމަތިވުން ގާތެވެ.

ހަމައެފަދައިން، ހުން އައިސްގެން ނުވަތަ އެނޫން ސަބަބަކާހުރެ ނަމަވެސް ފެނުގައި ޖެހުމަކީ ބުރައަކަށް ވެފައިވާ މީހާ ފުރިހަމައަށް ވުޟޫ ކުރުމަކީ ނުހަނު މަތިވެރި އަޅުކަމެކެވެ. ވުޟޫ ފުރިހަމަ ކުރާ މީހާގެ ވުޟޫގެ ގުނަވަންތަކުގައި، ޤިޔާމަތް ދުވަހުން ނޫރެއް ލައްވައި، އެ ގުންވަންތައް ދިއްލިގެންވާނޭ ކަމުގައި ވަނީ ޙަދީޘް ކުރައްވާފައެވެ.

ހަމަ އެފަދައިން، މިސްކިތަށް ހިނގާފައި ދިޔުމަކީވެސް ކެތްތެރިވާންޖެހޭ ކަމެކެވެ. ބިމުގެ ގޮތުން ތަނަވަސް ގައުމުތަކުގައި މިސްކިތް ތަންކޮޅެއް ދުރުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއާ އެކުގައިވެސް، މިސްކިތަށް ދިޔުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ފާފަ ފުއްސަވައިދެއްވާ އަދި ދަރަޖަ އުފުއްލަވައި ދެއްވާ ކަމެއް ކަމުގައިވަނީ ޙަދީޘް ކުރައްވާފައެވެ.

އެއް ނަމާދުން އަނެއް ނަމާދަށް އިތިޒާރު ކުރުމާއި، ބަންގީގެ ވަގުތު ޖެހުމުގެ ކުރިން ނަމާދަށް ތައްޔާރުވުމާއި، ފަރުޟު ނަމާދުގެ އިސްފަހުގައި އޮންނަ ރަވާތިބު ސުންނަތްތައް ކުރުމަކީވެސް އެކަމުގައި ނަފްސު ކެތްތެރި ކުރުވައިގެން މެނުވީ ހާސިލުކުރެވޭނޭ ކަމެއް ނޫނެވެ. ރެޔާއި ދުވާލު ރަވާތިބު ސުންނަތުގެ ބާރަ ރަކުޢަތް ކުރާ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނޭ ކަމުގައި ޙަދީޘްތަކުގައިވަނީ ބަޔާންކުރައްވާފައެވެ. ހަމައެފަދައިން، އިޝާ ނަމާދުގެ ޖަމާޢަތާއި، ފަތިސް ނަމާދުގެ ޖަމާޢަތުގައިވާ މަތިވެރި ދަރުމަޔާއި ސަވާބު އެނގޭކަމުގައިވާނަމަ، މީސްތަކުން ފިރުކިފައި ނަމަވެސް އެ ނަމާދުގެ ޖަމާޢަތަށް ހާޒިރު ވާނޭކަމުގައިވެސް ޙަދީޘްކުރައްވާފައިވެއެވެ. މިފަދަ މަތިވެރި އަޅުކަންތަކަކީ، ނަފްސަށް ބުރަކަން ގުނުވާ ކަމެކެވެ.

ދުނިޔޭގެ މަސައްކަތުގައި ބުރަކޮށް އުޅޭ ވަގުތުތަކުގައި ނުވަތަ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަންތައްތަކެއް އޮވާ، ނުވަތަ ދާންޖެހިފައިވާ ތަނަކަށް ގަޑިޖެހެން ކައިރިވާތީ، އަޅުކަމާއި ނަމާދު ފަސްކޮށްލުމަށްފަހު، ދުނިޔެވީ ކަންކަން އިސްކުރުމަކީ މިއަދު އަޅުގަނޑުމެންގެ ހާލަތެވެ. އަދި ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދިރިއުޅުމަށް މަސައްކަތް ކުރުމާއި، އަނބިދަރީންނަށް ކާންބޯންދޭނޭ މިންވަރު ހޯދުމަކީވެސް ވާޖިބެއް ކަމުގައެވެ. މިފަދަ އުޒުރަކާ މަތިކޮށް ނަމާދުގެ ޖަމާޢަތަށް ހާޒިރުނުވާ މީހުންނާއި ނަމާދު އަޅާފައި ދުނިޔެވީ މަސައްކަތުގައި ވަގުތު ހޭދަކުރާ އެތައް ބަޔަކު އުޅެއެވެ.

ހަމައެފަދައިން، ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީވެސް ނަފްސަށް ބުރައެއްކަމުގައި ނޫނީ ނުވެއެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ މީސްތަކުންގެ ނުރުހުމާއި، ފުރައްސާރަ ރައްދުވާ ކަމެކެވެ. މިކަން ބަޔާންކުރައްވައި، ލުޤްމާނުގެފާނު އެކަލޭގެފާނު ދަރިކަލުންނަށް ދެއްވި ހެޔޮ ނަޞީޙަތުގެ ތެރެއިން ހިމެނޭ، އަންނިވި ބަސްފުޅު މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنْكَرِ وَاصْبِرْ عَلَى مَا أَصَابَكَ إِنَّ ذَلِكَ مِنْ عَزْمِ الْأُمُورِ﴾ [لقمان: 17] މާނައީ: “އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ގަދަ އަޒުމެއް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.” ވީމާ، ހެޔޮ ކަންތައްތަކަށް ނަފްސު ހޭނުވުމަކީ އެކަންކަމުގައި ގަދަ ހިތްވަރާއި އަޒުމަކާއެކު މެނުވީ ހާސިލުކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެކަންކަމަކީ ގިނަފަހަރު ނަފްސަށް ބުރައެއް ކަމުގައިވެއެވެ. އެބުރައިގާވެސް ހެޔޮ ކަމުގައި ނަފްސު ދަމަހައްޓައިފި މީހަކަށް އާޚިރަތުގައި އޮތީ ސުވަރުގޭގެ މަތިވެރި ނިޢުމަތެވެ.

Copyright 2021 © Sheikh Hassan Moosa Fikree