އޮކްޓޫބަރު 27، 2017

ތައުޙީދު މުހިންމުވަނީ ކީއްވެ؟

  1. އިންސާނުން ޚަލްޤު ކުރެއްވުމުގެ މަޤްޞަދަކީ ތައުޙީދު ކަމުގައިވުން،

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ (الذاريات 56) މާނައީ: “އަދި ތިމަން އިލާހަށް އަޅުކަންކުރަން މެނުވީ ޖިންނީންނާއި އިންސީންވެސް ޚަލްޤު ނުކުރައްވަމެވެ.”

  1. އިންސާނާގެ ފިޠުރަތަކީ ތައުޙީދެވެ.

﴿ فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لاَ يَعْلَمُونَ ﴾ (الروم: 30) މާނައީ: “ފަހެ ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބާވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.”

  1. ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނީ ތައުޙީދަށް ގޮވައިލެއްވުމަށް

﴿ وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلَّا أَنَا فَاعْبُدُونِ﴾ (الأنبياء : 25 ) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކުު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި ތިމަން އިލާހުއަށް އަޅުކަން ކުރާށެވެ!”

  1. މުކައްލިފެއްގެ މައްޗަށް އޮތް އެންމެ އިސްވާޖިބަކީ ތައުޙީދު؛ އުނގެނުމާއި، ފަހުމުވުމާއި، ދަސްކުރުމާއި، ޢަމަލު ކުރުމާއި، އެއަށް ދަޢުވަތު ދިނުމެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “މުޢާޛުގެފާނު ޔަމަނުގެ އަހުލުވެރިންގެ ގާތަށް ފޮނުއްވިއިރު އެކަލޭގެފާނަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى، فَإِذَا عَرَفُوا ذَلِكَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ، فَإِذَا صَلَّوْا، فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ، تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ، فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ، وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ» متفق عليه  މާނައީ: “ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ބައެއްގެ ތެރެއަށެވެ. ފަހެ، ކަލޭގެފާނު އެންމެ ފުރަތަމަ އެމީހުންނަށް ﷲ ގެ އެއްކައުވަންތަކަމަށް (ތައުޙީދަށް) އީމާންވުމަށް ދަޢުވަތުދޭށެވެ! އެކަން އެމީހުން ޤަބޫލުކޮށްފިނަމަ، މާތް ﷲ އެމީހުންގެ މައްޗަށް ރެޔަކާއި ދުވާލު ފަސްނަމާދު ފަރުޟުކުރެއްވިކަން އެމީހުންނަށް އަންގައިދޭށެވެ! އެމީހުން ނަމާދު ކުރަންފެށުމުން، މާތް ﷲ އެމީހުންނަށް އެމީހުންގެ މުދަލުން ޒަކާތް ފަރުޟު ކުރެއްވިކަން އަންގައިދޭށެވެ! (އެ ޒަކާތަކީ) އެމީހުންގެ މުއްސަނދިންގެ އަތުންނަގައި އެމީހންގެ ތެރޭގައިތިބި ފަޤީރުންނަށް ދެވޭނެއެއްޗެކެވެ. އެކަމަށް އެމީހުން އެއްބަސްވެއްޖަނަމަ، އެމީހުންގެ އަތުން ޒަކާތުގެ މުދާ ނަގާށެވެ! އަދި މީސްތަކުންގެ އަގުބޮޑު މުދަލަށް ކަލޭގެފާނު ރައްކާތެރިވެ ލައްވާށެވެ!”

  1. އިސްލާމް ދީނަށް ވަންނަން އެދޭމީހާ ތައުޙީދުގެ ކަލިމަ ދުލުން ކިޔަންޖެހެއެވެ.
  1. ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖާއި މާތް ﷲ ގެ މަގުގައި ކުރެވޭ ޖިހާދާއި އެނޫންވެސް ޢަމަލުތައް ޤަބޫލު ކުރެއްވުންވަނީ ތައުޙީދުގެ މަތީގައި ޤާއިމުވެ ހުރި މީހެއްގެ ކިބައިން އެކަނި

﴿ وَلَوْ أَشْرَكُواْ لَحَبِطَ عَنْهُم مَّا كَانُواْ يَعْمَلُونَ ﴾ (الأنعام 88) މާނައީ: “އެބޭކަލުންވެސް (ﷲ އަށް) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީހެވެ.”

  1. ބަރަކާތް ލައްވަނީ ތައުޙީދުގެ ސަބަބުންނެވެ.

﴿ وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ وَلَكِنْ كَذَّبُوا فَأَخَذْنَاهُمْ بِمَا كَانُوا يَكْسِبُونَ ﴾ (الأعراف: 96) މާނައީ: “ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ.”

  1. ތައުޙީދަކީ ފާފަތަކުގެ ކައްފާރާއެކެވެ.

قال رسول الله صلى الله عليه وسلم فيما يرويه عن ربه: «يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً» މާނައީ: ކީރިތި ރަސޫލާ صلى الله عليه وسلم ، އެކަލޭގެފާނުގެ ވެރި ރައްބުގެ އަރިހުން ރިވާކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ބިން ފުރޭހައި ފާފައާގެން ތިބާ ތިމަން އިލާހުއާއި ބައްދަލުކުރާހިނދު، ތިމަން އިލާހާ އެހެން އެއްވެސް ފަރާތަކާއި ޝަރީކު ނުކުރާނަމަ، އެއާ އެއްފަދަ ފާފަފުއްސެއްވުމެއް ދެއްވާހުށީމެވެ!”

  1. މުސްލިމަކު މި ޙަޔާތާއި ވަކިވަމުންވެސް ކިޔަންޖެހޭނެ ކަލިމައަކީ ތައުޙީދުގެ ކަލިމަ.

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ» رواه أبو داود މާނައީ: “އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ.”

  1. ކައްވަޅުގައި އެންމެ ފުރަތަމަ ކުރެވޭނޭ ސުވާލަކީ ތައުޙީދުގެ ސުވާލު،

« مَنْ رَبُّكَ ؟ وَمَا دِينُكَ ؟ وَمَنْ نَبِيُّكَ ؟ » “ތިބާގެ ރައްބަކީ ކޮން ފަރާތެއް ހެއްެޔވެ؟ ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟ ތިބާގެ ނަބިއްޔާއަކީ ކޮން ބޭކަލެއް ހެއްޔެވެ؟”

  1. އާޚިރަތް ދުވަހުގައި ޝަފާޢަތް ލިބޭނީ ތައުޙީދުގެ އަހުލުވެރިންނަށެވެ.

﴿ يَوْمَئِذٍ لاَ تَنْفَعُ الشَّفَاعَةُ إِلاَّ مَنْ أَذِنَ لَهُ الرَّحْمَنُ وَرَضِيَ لَهُ قَوْلاً ﴾ (طه: 109) މާނައީ: “ރަޙްމާނުވަންތަ ރަސްކަލާނގެ އެމީހަކަށް އިޛުނަ ދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން ޝަފާޢަތްތެރިވުމުގެ މަންފާއެއް ނުކުރާނެތެެވެ.”

وقال النبي صلى الله عليه وسلم : «أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ، أَوْ نَفْسِهِ» رواه البخاري މާނައީ: “ޤިޔާމަތް ދުވަހުގައި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބުމުގެ ސަބަބުން އެންމެ ބޮޑު ބާޖަވެރިއަކަށްވާނެ މީހަކީ އޭނާގެ ހިތުން، ނުވަތަ އޭނާގެ ނަފްސަށް އިޚްލާޞްތެރިކަމާއެކު لاَ إِلَهَ إِلَّا اللَّهُ ކިޔައިފި މީހާއެވެ.”

  1. ސުވަރުގެ ވަނުމުގެ ތަޅުދަނޑިއަކީ ތައުޙީދުގެ ކަލިމައެވެ. އަދި ނަރަކައިން މުއްތިކުރެވުމުގެ ސަބަބެވެ.

﴿ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ ﴾ (المائدة: 72) މާނައީ: “ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކު ކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

Copyright 2021 © Sheikh Hassan Moosa Fikree