ނަފްސުގެ ބައެއް ޙަޤީޤީތް ދެނެގަތުމަކީ ކުރާ އަޅުކަން ހެޔޮ ގޮތުގައި ކުރުމަށް ހުޅުވޭ ދޮރެކެވެ. ތިމާގެ ޖާހިލުކަމާއި އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރިވެގަތުމުގެ ސިފަޔާއި ނަފްސުގައި އެތަކެއް ޢައިބުތަކެއް އެކުލެވިގެންވާކަމާއި ނަފްސުގެ އުނިކަމާއި، އެއްވެސް މީހަކީ އެހެން ފަރާތަކަށް ބޭނުން ނުޖެހި އަމިއްލަ އަށް ފުދުންތެރިވެވޭނެ މީހެއް ނޫންކަމާއި، ނަފްސުގެ ނިކަމެތިކަމާއި އެނަފްސު ހެއްދެވި ފަރާތައް ބޭނުންޖެހިފައިވާ މިންވަރު އެނގުމަކީ ދެދުނިޔޭގެ ކާމިޔާބީއަށް ވާޞިލުކޮށްދޭ ކަމެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَفِي أَنْفُسِكُمْ أَفَلَا تُبْصِرُونَ” (الذاريات: 21) މާނައީ: “އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟”
ކީރިތި ޤުރްއާނުގައި އިންސާނާގެ ނަފްސުގެ ސިފަތައް މާތް ﷲ ވަނީ އެތައް ތަނެއްގައި ޛިކުރު ކުރައްވާފައެވެ. އޭގެތެރެއިން ބައެއް ސިފަތަކަށް ބަލައިލާނަމެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَخُلِقَ الْإِنْسَانُ ضَعِيفًا” (النساء: 28) މާނައީ: “އިންސާނާ ޚަލްޤުކުރެއްވިގެންވަނީ ބަލިކަށި ކަމާއެކުގައެވެ.”
އިންސާނާއަކީ ބަލިކަށި މީހެކެވެ. އޭނާގެ ވެރިރަސްކަލާނގެ ދެއްވާފައިވާ ބާރަކާއި އެކަލާނގެ އެހީތެރިކަމައި ލައިގެން މެނުވީ އަމިއްލަ ކުޅަދާނަކަމުގެ ތެރެއިން އެއްވެސްކަމެއް ނިންމައި ތަންފީޛުކުރުމެއް އޭނާއަކަށް ނުވެއެވެ. އެހެންކަމުން އަބަދުމެ އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެ އެކަލާނގެ ޙަޟުރަތުން ވާގިހޯދުން އޭނާއަށް ލާޒިމުވެގެންވެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَإِذَا مَسَّ الْإِنْسَانَ الضُّرُّ دَعَانَا لِجَنْبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَنْ لَمْ يَدْعُنَا إِلَى ضُرٍّ مَسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ” (يونس: 12) މާނައި: “އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެއަށް ދުޢާކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާވެސް ނުކުރާކަހަލައެވެ. ކާފަރުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ.”
ގިނަ މީހުންނަކީ ދަތި ޙާލުގައި ޖެހުމުން ހެއްދެވި ފަރާތް ހަނދާންވާ މީހުންނެވެ. ބޮޑުކަމެއް، މުޞީބާތެއް ޖެހުމުން އެކަލާނގެއަށް ދުޢާކޮށް ނަމާދުކޮށް އަޅުކަންކޮށް ހަދައެވެ. ނަމަވެސް އެކަމަކުން ސަލާމަތްވުމުގެ ކޮޅުމަތި ފެނުމާއެކު އަޅުކަމަށް ފަރުވާކުޑަކުރެއެވެ. އަދި އެއްގޮތަކަށްވެސް އަޅުކަން ނުކުރާ މީހަކަށް ބަދަލުވެގެން ދެއެވެ. މާތް ﷲ ގެ ޙަޟުރަތައް އޭނާ ދުވަހަކުވެސް ބޭނުން ޖެހިފައި ނުވާފަދައެވެ.
ނިކަން ވިސްނައިލަށްވާށެވެ.! ސޫނާމީގެ ޙާދިޘާގައި ދީނަށް އެނބުރި ރުޖޫޢަވީ މީހުން މިއަދު ކޮބައިހެޔެވެ؟
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلَئِنْ أَذَقْنَا الْإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ” (هود: 9) މާނައީ: “އަދި ތިމަންރަސްކަލާނގެ އިންސާނާއަށް ރަޙްމަތެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ އެރަޙްމަތް ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ ރަޙްމަތުން އުންމީދުކަނޑައި، ނިޢްމަތައް ދެކޮޅުހަދާ ކާފަރަކަށެވެ.”
އިންސާނާއަކީ ކަންކަމުގައި ވަރަށް އަވަހަށް އުންމީދު ކަނޑައިލާ، ތިމާއަށް ލިބިފައިވާ ނިޢްމަތައް ހަނދާނުން ކައްސާލާ މީހެކެވެ. “وَإِذَا أَنْعَمْنَا عَلَى الْإِنْسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ كَانَ يَئُوسًا” (الإسراء: 83) މާނައީ: “އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ ނިޢްމަތް ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ ރަޙްމަތުން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ.”
އިންސާނާގެ ކިބައިގައި ޠަބީޢީ ގޮތުން ލައްވާފައިވާ އަނެއް ސިފައަކީ އޭނާއަށް ދެއްވާ ނިޢްމަތްތަކަށް ކާފަރުވުމުގެ ސިފައެވެ. މާތް ﷲ އަހަރުމެންނަށް ދެއްވާފައިވާ ގިނަގުނަ ނިޢްމަތްތަކަކީ ގުނައި ޢަދުދުނުކުރެވޭހާ ގިނަ ނިޢްމަތްތަކެކެވެ. ނަމަވެސް ޤަޟާ ޤަދަރަށް އީމާންވުމަކީ މަދަބަޔަކަށް މެނުވީ ނުކުރެވޭ ކަމެކެވެ. ދަތިހާލެއް ބަލި މަޑުކަމެއް ޖެހިއްޖެނަމަ އޭނާއަށް މާތް ﷲ އެއްވެސް ނިޢްމަތެއް ނުދެއްވާފަދައޭ އޭނާ ހިތަށް އަރައެވެ. އަދި ޢަމަލުތައް ހުންނަނީ އެފަދައިންނެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. “وَإِنَّا إِذَا أَذَقْنَا الْإِنْسَانَ مِنَّا رَحْمَةً فَرِحَ بِهَا وَإِنْ تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنْسَانَ كَفُورٌ” (الشورى: 48) މާނައި: “. . . އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަޙްމަތެއްގެ ރަހަ ތިމަންރަސްކަލާނގެ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާއީ (ނިޢްމަތަކަށް) ދެކޮޅުހަދާ، ކާފިރުވާމީހެކެވެ.”
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَآَتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ” (إبراهيم: 34) މާނައީ: “އަދި އެކަލާނގެ ޙަޟުރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّه ގެ ނިޢްމަތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢްމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރު ކުރުން ނެތްމީހެކެވެ.”
އިންސާނާއަކީ އޭނާގެ ނަފްސަށް ގިނަގިނައިން އަޔާވެރިވާ މީހެކެވެ. އޭނާއަށް ހިދާޔަތުގެ މަގު އެނގެއެވެ. ޙައްޤަކީ ކޮބައިކަމާއި ބާޠިލަކީ ކޮބައިކަން އެނގެއެވެ. މާތް ﷲ ރުއްސެވުން ލިބޭނޭމަގު ކަނޑައެޅިގެން އެނގޭމެއެވެ. ނަމަވެސް ގިނަ މީހުންނަކީ ދުވަހަކުވެސް ނުނެއްޓެވޭނެ ފަދައަކުން އެމީހުންގެ ހަވާ ނަފްސުގެ ދަލުގައި ޖެހިފައިވާ ބައެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވ. “إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَنْ يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنْسَانُ إِنَّهُ كَانَ ظَلُومًا جَهُولًا” (الأحزاب: 72) މާނައީ: “ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނަތް أمانة (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.”
ގިނަބަޔަކީ ދުނިޔޭގެ ކަންތައްތަކުގެ މާހިރުންނެވެ. ނަމަވެސް ދީނުގެ ކަމެއްގައި ދެވާހަކައެއް އަޑު އަހާލަން ޖެހިއްޖެނަމަ އެއީ މާގިނަ ފޫހިކަމެއްކަމުގައި ދެކެއެވެ. އަޅުގަނޑުމެންގެ ގިނަ މީހުންނަށް ދަސްވެފައިވާ މުޅި އިސްލާމް ދީނަކީ ތަޢްލީމުއްދިޔާނާގެ އެއްވަނަ ބައިގެ ދެތިން ޞަފުޙާ އެކަންޏެވެ. ނަމަވެސް ދުނިޔެވީ ޢިލްމުގައި އެމީހުންނަކީ މާހިރުންނެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (*) يَعْلَمُونَ ظَاهِرًا مِنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآَخِرَةِ هُمْ غَافِلُونَ” (الروم: 6,7) މާނައީ: “. . . މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.(6) ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، އާޚިރަތް ދުވަހާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައެވެ.(7)”
މާތް ﷲ ވަޙީކުރައްވާފައިވެއެވ. “أَوَلَمْ يَرَ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ نُطْفَةٍ فَإِذَا هُوَ خَصِيمٌ مُبِينٌ” (يس: 77) މަނައީ: “ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން،
އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.”
ނިކަމެތި ފެންފޮދަކުން (އެބަހީ މަނިތިއްކަކުން) މާތް ﷲ އެއިންސާނާ ޚަލްޤު ކުރެއްވުމުން، އޭނާ އެކަން ހަނދާންނެތި، މާތް ﷲ ގެ ވޮޑިގެންވުމާވެސް ދެކޮޅުހަނދަނީ މިއަދި ކިތައް މީހުންހެއްޔެވެ؟
މާތް ވަޙީކުރައްވާފައިވެއެވެ. “خُلِقَ الْإِنْسَانُ مِنْ عَجَلٍ سَأُرِيكُمْ آَيَاتِي فَلَا تَسْتَعْجِلُونِ” (الأنبياء: 37) މާނައީ: “އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ ޠަބީޢަތުގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ އާޔަތްތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް އަވަސްވުން އެދި ނޫޅޭށެވެ!”
ބައެއް މީހުންނީ ދަތިހާލުގައިވެސް ވެރިރަސްކަލާނގެ ހަނދާންނުވާ މީހުންނެވެ. އަނެއްބަޔަކީ މުޞީބާތުގެ ވަގުތުގައި އެކަލާނގެއަށް ދެތިން ފަހަރަކު ދުޢާކޮށްލުމަށްފަހު އޭނާ އެދޭފަދައިން އެކަންނުވެ ލަސްވާނަމަ ހިތްހަމަނުޖެހުމާއެކުގައި ދުޢާކުރުން ހުއްޓާއިލަނީ ކިތައް މީހުން ހެއްޔެވެ!
މާތް ﷲ ވަޙީކުރެއްވިއެވެ. “وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ” (يونس:11) މާނައީ: “ހެޔޮކަމާއި، ثواب އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، اللَّه އެއުރެންނަށް ނުބަޔާއި، ޢިޤާބު އަވަސްކޮށްދެއްވާނަމަ، އެއުރެންގެ އަޖަލުޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. “
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “قُلْ لَوْ أَنْتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَأَمْسَكْتُمْ خَشْيَةَ الْإِنْفَاقِ وَكَانَ الْإِنْسَانُ قَتُورًا” (الإسراء: 100) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތުގެ ޚަޒާނާތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (ޚަރަދު ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ.”
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآَنِ لِلنَّاسِ مِنْ كُلِّ مَثَلٍ وَكَانَ الْإِنْسَانُ أَكْثَرَ شَيْءٍ جَدَلًا” (الكهف: 54) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި ޤުރްއާނުގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް މިޘާލު ބަޔާންކުރެއްވީމެވެ. އަދި ޖަދަލުކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ.”
އަދި މިނޫނަސް އިންސާނާގެ އެތައް ސިފަތަކެއް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ޞަރީޙަ ބަހުން ވަޙީކުރައްވާފައެވެ. ނަފްސު އިޞްލާޙު ކުރަން އެދޭމީހާ ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔެވުން މުހިންމެވެ. އަދި މަތީގައި ބަޔާންވެގެންވާ ސިފަތައް ބަދަލުކޮށްލައި ތިމާގެ ނަފްސު ހެޔޮމަގަށް ގެނެވޭނީ ވަރުގަދަ އީމާންކަމެއް ލިބިގެންނެވެ.
ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ގިނަގިނައިން ޤުރްއާން ކިޔެވުމަށް ވަޞިއްޔަތް ކުރަމެވެ.
(މިލިޔުމަކީ “ރޯދައިގެ ވަޞިއްޔަތް” މިނަމުގައި ރާއްޖެއިސްލާމް ވެބްސައިޓަށް ލިޔެފައިވާ އަޅުގަނޑުގެ ލިޔުމެކެވެ.)
Copyright 2021 © Sheikh Hassan Moosa Fikree