ޖުލައި 09، 2015

ވާރުތަ މުދާ ބެހުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑަކީ ހަރުދަނާ މިންގަނޑެއްތޯއެވެ؟

الحمد لله رب العالمين ، الصلاة والسلام على نبينا محمد وعلى آله وصحبه أجمعين وبعد:

ތިޔަ ސުވާލު ކުރައްވާފައި ތިވަނީ އިސްލާމް ދީނުގެ ގިނަ ކަންތައްތަކެއްގެ އަޞްލުތައް ބަލައިލުމެއް ނެތިއެވެ. ނުވަތަ ނޭނގި ހުރެގެންނެވެ.

ފުރަތަމަ ކަމަކަށް: ތިޔަ ވިދާޅުވި ޙާލަތުގެ އިތުރުން އަންހެނުންނާއި ފިރިހެނުން މުދާބެހުގައި ތަފާތުކުރާކަމަށް އިސްލާމު ދީނުގެ ޢަދުއްވުން ދައްކާވާހަކައަކީ މުޅީން ދޮގެވެ. އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން ވާރަތަވުމުގެ ހުރިހާ ޙާލަތެއްގައި ތަފާތެއް ނުކުރެއެވެ.

ދަރިއެއްގެ މުދަލުން މައިންބަފައިންނަށް ވާރުތަވުމުގައި މަންމަ އަށް 6/1 އަދި ބައްޕައަށްވެސް ލިބޭނީ 6/1 އެވެ. (އެއީ މައްޔިތާގެ ދަރީން ދުނިޔޭގައި ތިބި ޙާލަތުގައެވެ.) އެއީވެސް ދެމަފިރިންނެވެ. އަދި އަންހެނަކާއި ފިރިހެނެކެވެ. އެކަމަކު ލިބެނީ ހަމަހަމައަށެވެ.

ހަމައެފަދައިން ހަމައެކަނި “އެއްބަނޑު މީހުން” ގެ މެދުގައި މުދާ ބެހޭއިރު އެއްބަނޑު އަންހެންކުދިންނާއި ފިރިހެންކުދިންނަށްވެސް ތަފާތު ކުރުމެއްނެތި އަޞްލު މުދަލުގެ 3/1 ހަމަހަމަ ގޮތެއްގައި ބަހާލެވެއެވެ.

މައިންބަފައިންގެ ތެރެއިން މީހަކު މަރުވާއިރު، އެއްބަނޑު އެއްބަފާ ބޭބެޔަކު ދުނިޔޭގައި ނެތިއްޔާ އެ މައިންބަފައިންގެ މުދަލުން އަންހެން ކުއްޖަކަށް މުޅި މުދަލުގެ 2/1 އެވެ. އަދި ބައެއް ޙާލަތު ތަކުގައި މުޅި މުދާ އެކުގައި ދުނިޔޭގައި ހުރި ހަމައެކަނި ދަރިއަކަށް ލިބޭނެ ޙާލަތުވެސް އަތުވެދެއެވެ.

ހަމައެފަދައިން ފިރިމީހާ މަރުވާއިރު ދަރިޔަކު ނެތްނަމަ އަނބިމީހާއަށް ލިބެނީ މުޅި މުދަލުގެ 4/1 ބައެވެ. (މިއީ އެންމެ ދެތިން ޙާލަތެވެ.)

މިގޮތުން ބަލާއިރު މުދާ ބެހުމުގެ ތަފްޞީލުތައް ޙާލަތުތައް ވަކިވަކީން އެނގޭނޭގޮތަށް އިސްލާމީ ޝަރީޢަތުގައިވަނީ ވަރަށް ފުރިހަމައަށް މާތް ﷲ ބަޔާންކޮށްދެއްވާފައެވެ.

ދުނިޔޭގެ އެއްވެސް ޤަވާޢިދެއްގައި މުދާބެހުމުގައި ނެތްފަދަ ފުރިހަމަ އުޞޫލުތަކެއްވަނީ އިސްލާމް ދީނުގައި ޤާއިމު ކޮށްދެއްވާފައެވެ. ސުވާލުގައި ތިޔަވިދާޅުވަނީ ދުނިޔޭގެ ވަކި ޤައުމެއްގައި ދަރީން ތިއްބާ އެކުދިންނަށް އެއްވެސް އެއްޗެއް ލިބުމެއްނެތި ދެމަފީރީންކުރެ އެކަކު މަރުވުމުން އޭނަގެ މުދާ އެކުގައި އަނެކާއަށް ލިބޭކަމުގައެވެ. އެއީ އިންޞާފުތޯއެވެ؟

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދިޔަ ބޭބެ އެރަށުގައި ދީން ބަދަލުކޮށް އިސްލާމް ދީން ދޫކޮށްލާފައިވާނަމަ، އޭނާގެ މުސްލިމު އާޢިލާގެ މެންބަރެއްގެ ފަރާތުން އޭނާއަކަށް ވާރުތައެއް ނުވާނެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “މުސްލިމަކުގެ ފަރާތުން ކާފަރަކަށް އަދި ކާފަރެއްގެ ފަރާތުން މުސްލިމަކަށް ވާރުތައެއް ނުކުރާނެއެވެ.”

ހަމައެފަދައިން، ކުރާ ހުރިހާ ވަޞިއްޔަތްތަކެއް ތަންފީޛުކޮށް ފުރިހަމަ ކުރުމަކީ ވެރާތަވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ވާރުތަމުދަލާ ބެހޭ އާތްތަކުގައި ނިންމަވައިލެއްވުމުގައި މާތް ﷲ ތަކުރާރު ކުރައްވާ ވަޙީކުރައްވާފައިވެއެވެ. “مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ” (ނިސާ: 11) މާނައި: “ވަޞިއްޔަތާއި ދަރިނިތައް ފުއްދުމަށްފަހުގައެވެ.”

އަދި ދުނިޔޭގައި ހުރެ މުދަލުގެ ވެރިފަރާތައް އޭނަ އެދޭ ކޮންމެ މީހަކަށް ކޮންމެ އެއްޗެއް ދިނުމަކީ ހުއްދަވެގެންވާ ކަމެކެވެ. އެކަމުގައި އެއްވެސް މަނާކުރުމެއް އަދި ހިފެހެއްޓުމެއްވެސް ނުވެއެވެ. ނަމަވެސް ދަރިންގެ މެދުގައި ހަމަހަމަ ކުރުމާއި ވާރުތަވެރިޔަކަށް މަރުވުމަށްފަހުގައި 3/1 އަށްވުރެ ގިނަ އެއްޗެއް ދިނުމަށް ވަޞިއްޔަތެއް ނުކުރެވޭނެއެވެ. ނަމަވެސް ދުނިޔޭގައި ހުރެ ގަދަވެ ސަލާމަތުން (މަރުބަލީގައި ނޫން ޙާލަތެއްގައި) އެއްވެސް މަޖުބީރީއެއްނެތި ތިމާގެ މުދަލުން ތިމާ އެދޭ މީހަކަށް ތިމާގެ އެއްޗެތިން ހިލޭ ދިނުމަކީ ހުއްދަ ކަމެކެވެ. އަދި ގިނަގިނައިން ޞަދަޤާތްކުރުމަކީ ދީނުގައި ބާރުއަޅުއްވާ ކަމެކެވެ.

އިސްލާމް ދީނުގެ ކަންތައްތަކާއިމެދު ވާހަކަށް ދެއްކުމުގެ ކުރީގައި ދީން ރަނގަޅަށް އޮޅުންފިލުވުމަށް ނަޞޭޙަތްތެރިވަމެވެ. އަދި ތިފަދަ ވަހުމުތަކާއި ޝައްކުތައް ދީނާމެދު ގިނަފަހަރަށް އުފެދެނީ މި ދީނުގެ ޙުކުމްތައް ޣައިރު މުސްލިމުންގެ ކިބައިން އޮޅުންފިލުވާތީއެވެ. ނުވަތަ އެކަމުގެ މަޢުލޫމާތު ހޯދާފައި ނުވާތީއެވެ. އަދި ޅަފަތުގައި ދީނުގެ ހަރުދަނާ ބިންގަލެއްގެ މަތީގައި ތަޢުލީމު ދެވިފައި ނުވާތީއެވެ.

އިސްލާމީ ޝަރީޢަތަށްވުރެ އިންސާނުން ހަދާފައިވާ ޤަވާޢިދުތައް މާ ފުރިހަމަ ކަމުގައި ދެކުމަކީ މުރުތައްދުވެދާފަނިވި ކަމެކެވެ. ވީމާ، މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.

والله أعلم

Copyright 2021 © Sheikh Hassan Moosa Fikree